ބ.އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލުން ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ޑައަލިސިސްގެ ހިދުމަތް ދެވޭނެކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއށް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ބ.އަތޮޅު ހޮސްޕިޓަލާއެކު ށ.އަތޮޅާއި ޅ.އަތޮޅު ހޮސްޕިޓަލުގައިވެސް މި ހިދުމަތް ދޭން ފެށިގެން ދާނެ ކަމަށެވެ.
ހަމައެއާއެކު މި ހިދުމަތް ނުފެށި ހުރި ދެން ހުރި ހޮސްޕިޓަލްތަކުގައިވެސް މި ހިދުމަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، މީގެ ތެރޭގައި އަތޮޅު ތެރޭގެ ގިނަ ބަޔަކުވެސް ޑައަލިސިސް ހަދާ ކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް އެޚިދުމަތް ހޯދުމަށް ގިނަބަޔަކު ދާންޖެހެނީ މާލެއަށެވެ.