ކޮވިޑް ފެތުރުން ކޮންޓްރޯލް ނުވާތީ މޮނިޓަރިންގ ހާލަތުގައިވާ ރަށްރަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ މީހުން ދަތުރުކުރާނަމަ އަދިވެސް ކޮވިޑް-19 އަށް ޓެސްޓް ކުރަން ޖެހޭނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޑް ވެކްސިން ފުރިހަމަ ވެފައިވާ ކަމަށް މިހާރު ބަލަނީ ވެކްސިންގެ ދެ ޑޯޒްގެ އިތުރުން ބޫސްޓާ ޑޯޒް ވެސް ޖެހުމުންނެވެ. ނުވަތަ ދެ ޑޯޒް ފުރިހަމަ ކުރިފަހުން ހަ މަސް ނުވާ ނަމައެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި އުސޫލުގައި ކޮވިޑް-19 ފެތުރެމުގެ ހާލަތު ދެނެގަތުމަށް ރަށްރަށް މޮނިޓަރިންއަށް ގެންނާނެ އުސޫލުތަކާއި ބަލި ދެނެގަތުމަށް އަމަލު ކުރަން ޖެހޭގޮތްތައް ހިމަނާފައިވެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައެޅޭނެ ގޮތާއި މީހުން ދިރިއުޅޭ ރަށްރަށުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަން ޖެހޭ ގޮތްތައް ތަފްސީލުކޮށްދީފައިވެއެވެ.
އުސޫލު ބުނާ ގޮތުން ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ކަނޑައަޅާނީ ފާއިތުވެ އެއް ހަފްތާތެރޭ އެ ރަށުން ނެރޭ ސާމްޕަލްތަކުގެ ޕޮޒިޓިވްވީ ރޭޓް 20 ޕަސެންޓަށްވުރެ ދަށް ނަމައެވެ.
މީގެ އިތުރުން ބަލި ފެތުރޭ ރަށްރަށުގައި އަދިވެސް މާސްކު އަޅަން މަޖުބޫރެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމަށްޓަކައި ހަދާފައިވާ ގައިޑްލައިންތައް އެ ރަށްރަށުގައި ތަންފީޒު ކުރަން ޖެހެއެވެ.
އައު އުސޫލުގައި ރިސޯޓްތަކުގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަން ޖެހޭ އުސޫލުތަކާއި އިންޑަސްޓްރިއަލް ރަށްތަކުގައި އަމަލު ކުރަންޖެހޭ އުސޫލުތައްވެސް ހިމަނާފައިވެއެވެ.
އާ އުސޫލު ނެރެފައި މިވަނީ މާލެއިން ރަށްރަށަށް ދަތުރުކުރުމުގެ ކުރީން ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލާފައިވަނިކޮށެވެ.