ބ.އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންނަށް މުސާރަ ދީފި. ލަސްވީ އިދާރީ ކުށަކުން : ހެލްތް

12507449_576965649124081_3469311137936453539_n.jpg

ބ.އަތޮޅު ހޮސްޕިޓަލްގެ ޑިރެކްޓަރ އަހްމަދު ވަހީދުއާއި ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ސިދުގީ އަބްދުﷲ ގެ އިތުރުން ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ޑޮކްޓަރެއް.

ބ. އަތޮޅު ހޮސްޕިޓަލްގެ މުވައްޒަފުންގެ މުސާރަ މިހާރުވާނީ ދީ ނިމިފައިކަމަށާ ފައިސާ ޖަމާކުރުން މިދިޔަ މަހު ލަސްވީ ބަޖެޓްގެ ތާށިކަމެއް އޮވެގެން ނޫންކަމާއި އެއީ އިދާރީ އޮޅުމަކުން ދިމާވި ކަމެއްކަމުގައި ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެމިނިސްޓްރީގެ ޑިރެކްޓަރ އޮފް ފައިނޭންސް  އޭދަފުށި ވޮއިސް އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބ.އަތޮޅުހޮސްޕިޓަލް އެކައުންޓަށް މުސާރަ ފައިސާ ޖަމާވުން ލަސްވީ މުސާރަ ޝީޓް ތައްޔާރު ކުރުމުގައި އެރި އެރާ އެއްގެ ސަބަބުން ކަމުގައެވެ. ޑިރެކްޓަރ ވިދާޅުވީ އެމައްސަލަ ހައްލުކުރުމަށް ދުވަސްކޮޅެއް ނެގީ މިދިޔަ މަހުގެ ގިނަ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކަކަށްވާތީ ޕްރޮސެސްގައި ލަސްވިލަސްވުމެއްގެ ސަބަބުންނެވެ. އެހެންނަމަވެސް މިހާރު އެހުރިހާ ކަމެއް ހަމަޖެހި މުސާރަ ދީ ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.  މުސާރަފައިސާ މުވައްޒަފުންގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލްްގެ ޑިރެކްޓަރ އަހްމަދު ވަހީދުވެސް ކަށަވަރު ކޮށްދެއްވިއެވެ.

” ފައިސާގެ ތާށިކަމެއްނެތް. ކުރިއަށް އޮތް މަސްތަކުގައިވެސް މުސާރައަކަށް އެއްވެސް މައްސަލައެއް ނެތް. މިއީ އަޅުގަނޑުމެންގެ އެރާއަކުން ދިމާވި ކަމެއް. ” ޑިރެކްޓަރ ވިދާޅުވިއެވެ.

ޑިރެކްޓަރ އިތުރަށް ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރުވެސް ބަރާބަރަށް މުސާރަ ފައިސާ ޖަމާ ކުރެވިފައި ވާނޭ ކަަމަށާއި ނަމަވެސް މީގެ ހަތަރު އަހަރު ކުރިއަށް ބަލާނަމަ ބައެއް މަސްމަހު ފައިސާގެ ތާށިކަން މެދުވެރިވެގެން މަހުގެ 15 އާހަމައަށް ދާއިރުވެސް ފައިސާ ޖަމާ ނުކުރެވި ގޮސްފައިވާނޭކަމުގައެވެ.

ޑިރެކްޓަރ ވިދާޅުވީ މިއީ އާއްމު ކަމެއްގެ ގޮތުގައި ހިނގާނެކަމެއް ނޫންކަމާއި މިއީ ދިމާވި އިއްތިފާގެއް ކަމުގައެވެ. އަދި ވިދާޅުވީ މިކަން ދިމާވީ ހަމައެކަނި ބ.އަތޮޅަށް ކަމަށާ އެހެން އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ މުސާރަ ފައިސާ ކުރިއެކޭވެސް އެއްގޮތަށްޖަމާކުރެވި މުސާރަ ދޭންވާ ދުވަހަށް ދީ ނިމިފައިވާކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވީ އާއްމު ރައްޔިތުންނާ ގުޅުން ހުރި މިބާވަތުގެ ކަންކަމުގައި މީޑިއާ އަށް މައުލޫމާތު ދިނުމުގައި ޒިންމާދާރުވާން ޖެހިފައިވާކަމުގައެވެ. ޚަބަރުގެ އެންމެ ތަންކޮޅެއް ދީފައި އެތަންކޮޅުގައި ހިފައިގެން ދަމަން ރައްޔިތުންނާ ހަވާލުކުރާއިރު މުޅި ޚަބަރުގެ ތަފްސީލު ދިނުމަކީ ޚަބަރު ދޭފަރާތާއި ޚަބަރު ފަރުތާ ފަރާތުގެ ވެސް ޒިންމާ އެއްކަމުގައެވެ.  އެހެންނޫނީ އެހުޅުވާލެވެނީ ސަރުކާރާ ރައްޔިތުންނާ ޖެއްސުމުގެ ގޮތުން އާ ދޮރެއް ކަމުގައެވެ. އެހެންނޫނީ ފިތުނަ އުފެއްދުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި ބެލެވޭނެ ޖާގަ އެބައޮތެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top