އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓްގައި ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
މަޖިލީހަށް ސަރުކާރުން މިއަދު ހުށަހެޅުއްވި ބަޖެޓުގެ ޖުމްލަ ޢަދަދަކީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތްސަތޭކަ ނުވަދިހަ ފަސް) ރުފިޔާއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ ދާއިރާތަކުގެ ތެރޭގައި ސިއްހީ ދާއިރާއާއި ބޯހިޔާވަހިކަމުގެ ދާއިރާ ހިމެނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބަޖެޓު ހުށައަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ބަޖެޓުން 10.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތަކީ ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާއީ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށާއި، އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޚާއްޞަކޮށްގެން 3 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެއިތުރުން އަމިއްލަ ބިން އޮވެ، ގެދޮރު ބިނާކުރާނެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ހާއްސަ ލޯނު ސްކީމުގެ އިކުއިޓީގެ ގޮތުގައި ދޫކުރުމަށް 750 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިންގުމުގެ ޚަރަދަށް 42.7 ބިލިއަން ރުފިޔާ އަދި ތަރައްޤީގެ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިނިސްޓަރު ޒަރީރު ވިދާޅުވީ، މި ބަޖެޓުގެ ސަބަބުން ރަށްރަށުގެ ހުސްބިންތަކުގައި ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ގާއިމުކޮށް، ދިރިއުޅުމަށް ފަހި މާހައުލެއް ބިނާކުރުމުގެ މަސައްކަތްތައްވެސް ހަލުވިކަމާއެކު އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ.





