ބ. ތުޅާދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް އެދި ހުށަހަޅާފައިވާ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ ނިންމައި، ފޯމުތަކަށް ލިބިފައިވާ ޕޮއިންޓް ޢާއްމުކޮށްފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ތުޅާދޫގައި އިމާރާތްކުރި މި ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ހުރިހާ ފޯމެއް މިހާރު ވަނީ ވެރިފައިކޮށް ނިމިފައި ކަމަށެވެ.
މިނިސްޓްރީން ބުނީ، 11 ޖެނުއަރީ 2026 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކަށް، މިހާރު “ހިޔާވެހި ޕޯޓަލް” އަށް ލޮގިންވުމުން އެ ފަރާތެއްގެ ފޯމަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް ބަލައިލެވޭނެ ކަމަށެވެ.
މީގެއިތުރުން، ލިބިފައިވާ ޕޮއިންޓާ ގުޅިގެން ނުވަތަ އެނޫންވެސް ކަމަކާ ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ، އެކަމެއް ހުށައެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާވެހި ޕޯޓަލް މެދުވެރިކޮށް، 16 ނޮވެމްބަރު 2026 ގެ 14:00 ގެ ކުރިން ޝަކުވާ ހުށަހަޅަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.





