ކޮންމެ އަހަރެއްގެ މި ދުވަސްވަރަކީ އަރިދަފުސް ރޯގާ ފެތުރޭ ދުވަސް ވަރަކަށް ވާތީ ރޯގާއިން ދިފާއުވުމަށް އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރުވަމުންދާ ކަމަށް ފާހަގަކުރެވިފައިނުވި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާ ހިސާބުގައި އަރިދަފުސް ރޯގާ އިތުރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި އަރިދަފުސް ރޯގާ ޖެހޭ މީހުންގެ ތެރެއިން އިންފްލުއެންޒާ ޖެހޭ މީހުން ކޮންމެވެސް ވަރަކަށް އަބަދުވެސް ފެންނަމުންދާ ކަމަށާ އަރިދަފުސް ރޯގާ ނުވަތަ އިންފްލުއެންޒާ ފަދަ ބަލިތައް ޖެހުމުން މާބަނޑު މީހުންނާއި ފަސް އަހަރުން ދަށުގެ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ފަރުވާ ދޭންޖެހޭ ފަދަ ބައްޔެއް ހުންނަ މީހުންގެ ބަލި ހާލަތު ބޮޑުވާތީ މި ކެޓަގަރީތަކަށް ނިސްބަތްވާ ފަރާތްތަކުން އިންފްލުއެންޒާ ވެކްސިން ޖެހުން މުހިއްމު ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ކެޓަގަރީތަކަށް ނިސްބަތްވާ ފަރާތްތައް ރޯގާޖެހި ހުން އަންނަނަމަ އެކަމަށް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ވެކްސިން ޖެހުމުން އެއް އަހަރުގެ މުއްދަތަކަށް ރައްކާތެރިކަން ލިބިގެން ދާނެކަމަށާއި އަތޮޅު ހޮސްޕިޓަލްތަކުންނާއި ސިއްހީ މަރުކަޒުތަކުން ވެކްސިން ޖެހުމުގެ ޚިދުމަތް ލިބޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.