ތުޅާދޫ ނެރަށް ބާޖެއްއަރައި ރަށަށް އަރާފައިބާ މައިދޮރާށި ބަންދު

162250_3_730f2e9831d80065937a3dd1b812853aaf5f3ceb_medium.jpg

ތުޅާދޫ ނެރުމައްޗަށް ބީހުނު ހިލަބާޖު. / ފޮޓޯ: މިހާރު

ތުޅާދޫ ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑު ހިލަ ހިފައިގެން އެރަށަށް ވަންނަން އައި ބާޖު ނެރަށް ބީހުމުގެ ސަބަބުން އެރަށަށް ވަދެ ނުކުމެ އުޅޭ ހަމައެކަނި ނެރު ބަންދު ވެއްޖެއެވެ.

ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު އީވީއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބާޖު ފުންކުރުމުގެ މަސައްކަތުގައި އަދިވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލައާއި ގުޅިގެން އެރަށުގެ ބަނދަރުގައި އޮތް ބައެއް އުޅަނދު ފަހަރަށް ނުފުރި، އޮޑިވެރިންނަށްވެސް ދަތިތަކާ ދިމާވަމުން އަންނަކަމަށެވެ.

“އަތޮޅު ފެރީއަށް ވެސް ރަށަށް ނުވަދެވޭތީ ބޭރުގައި އޮވެގެން މިއަދުވެސް ޑިންގީއެއްގަ މީހުން އެރީ. ބާޖު ބީހުނީ އާދިއްތަދުވަހު. އެދުވަހު މަހަށްފުރި ދެދޯންޏަކަށްވެސް ފަޅަށްނުވަދެވިފައި އަދިވެސް އޮތީ. މަސްވެރިން ރަށަށް ފައިބާ ހަދަނީ ކުޑަބޮއްކުރައެއްގައި. އަނެއްކާ މާލެފުރާ ބޯޓެއްވެސް އެއޮތީ ފަޅުން ނުނިކުމެވިގެން ނުފުރިފަ” ކައުންސިލް ރައީސް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ތުޅާދޫ ނެރުމައްޗަށް ވެލިފައިބާ، ނެރު ބެދިދާނެކަމުގެ ކަންބޮޑުވުން މީގެ ދެމަހެއްހާ ދުވަސްކުރިން ތުޅާދޫ ކައުންސިލުން ފާޅުކޮށްފައިވެއެވެ. ކައުންސިލްގެ ރައީސް ރަޝީދު ވިދާޅުވީ ބީހިފައިވާ ބާޖު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީއާއި، ރަށުގެ އޮޑިވެރިންނާ، އާންމުން ގުޅިގެން ކުރެވޭ ކަމަށާ، ނަމަވެސް އެކަމަށް އެދެވޭ ކުރިއެރުމެއް ނުލިބޭކަމަށެވެ.

އޭނާ ވިދާޅުވީ ބާޖު ފުން ނުކުރެވި ގިނަދުވަސްތަކެއް ވެއްޖެނަމަ މާލެދަތުރުކުރާ ބޯޓްފަހަރަށް އެރަށަށް ގާތްނުކުރެވޭނެކަމަށާ، އެހެންވެއްޖެނަމަ ރަށުން ކާބޯތަކެއްޗާ، އާންމު މުދާ ހުސްވެދާނެކަމުގެ ބިރު ބޮޑުކަމަށެވެ.

“އަޅުގަނޑުމެން ކައުންސިލުން ބަލަމުންމިދަނީ ރަށުގައި ކާޑާ، އެހެނިހެން ތަކެތި ހުރިވަރެއް. އެކަމާބެހޭ ގޮތުން ކައުންސިލުން ބަލަންޖެހޭ ކަންކަން ބަލައި ފިޔަވަޅު އަޅާނަން.”

ތުޅާދޫ ކައުންސިލުން ބުނީ މި މައްސަލަ ހައުސިން މިނިސްޓްރީ އާއި ޑިޒަސްޓާ މެނޭޖްމެންޓް ފަދަ ތަންތަނަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top