ހަމަނުޖެހުމާ ގުޅިގެން ދެ ޕާޓީންވެސް ހަދަނީ ދޮގު: އީސީ

298899_3_dbbea11d9f3c94fc69ccc5dbb72cb01fb164b584_large.jpg

މިއަދު ހަވީރު ބޭއްވި ނިއުސް ބްރީފިންގައި އީސީގެ ރައީސް ޝަރީފު -ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޝައްކު އުފެދޭ ބައެއް ވޯޓުފޮށިތައް، އަލުން ގުނުމުގެ މަސައްކަތް މިއަދު ކުރަނިކޮށް، އެ ސަރަހައްދުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ވެސް ހަދަނީ ދޮގު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުފޮށިތަކެއް އަލުން ގުނުމަށް ތައްޔާރުވެފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ އީސީގެ އިންތިހާބު މަރުކަޒު ކައިރިއަށް މިއަދު މެންދުރު އެއްވެ އިހުތިޖާޖު ކޮށްފަ އެވެ. އިދިކޮޅު ފަރާތްތަކުން ފާޅު ކުރަމުންދިޔަ ކަންބޮޑުވުމަކީ ވޯޓުގެ ވަގުތީ ނަތީޖާ އިއުލާން ނުކޮށް، އީސީން ބައެއް ވޯޓުފޮށިތައް ކަނޑައިގެން އަލުން ގުނަން މަސައްކަތް ކުރުމެވެ.

އިންތިހާބުތަކާ ބެހޭ މައި މަރުކަޒު ކައިރިއަށް އިދިކޮޅުން އެއްވެ ތިއްބައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ އިސްވެރިންތަކެއް އެ ސަރަހައްދަށް ވަޑައިގަތުމާއެެކު، އިތުރަށް ހަމަޖެހުން ގޯސްވެ، ވަރަށް ބޮޑަށް މަސްލަހަތު ގޯސްވި އެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް، އީސީގެ މެންބަރުން ކުއްލި ގޮތަކަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ބައެއް ވޯޓުފޮށިތައް ކަނޑައި އަލުން ގުނަން ފެށީ އެއްވެސް ފަރާތަކުން ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން ނޫން ކަމަށެވެ. އެއީ އެ ކޮމިޝަނުން ނަތީޖާ ސާފުކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ބައެއް ކަންކަން ފާހަގަވުމާ ގުޅިގެން ކޮންމެހެން ބަލަންޖެހޭ ކަމަށް ނިންމައިގެން ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީ އާއި ޕީޕީއެމް އިން، އެއް ޕާޓީން އަނެއް ޕާޓީގެ ބޮލުގައި ގޯސްހެދި ކަމުގެ ތުހުމަތު އަޅުވާއިރު އީސީ އިން ބުނަނީ އެމްޑީޕީ އާއި އިދިކޮޅު ފަރާތްތަކުން ވެސް ހަދަނީ ދޮގު ކަމަށެވެ.

މިއަދު އިންތިހާބީ މަރުކަޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރިފް ވިދާޅުވީ، 18 ވޯޓު ފޮށީގެ ސެކިއުރިޓީ ކެޑުމަށް ނިންމީ، އެއްވެސް ފަރާތަކުން ހުށަހަޅި ޝަކުވާއަކާ ގުޅިގެން ނޫން ކަމަށެވެ.

“މިއީ ސީދާ އިލެކްޝަންސް ކޮމިޝަންގެ ނަތީޖާ ސާފުކުރުމުގައި ބައެއް ޝައްކުވާ ކަންތަކެއް ހުރުމުން، އެ ޝައްކު ފިލުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ކޮމިޝަންގެ ބައްދަލުވުން ނިންމި ކަމެއް، 18 ފޮށީގެ ސެކިއުރިޓީ އުރަ ކެނޑުމަށް،” ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައިގަނޑު ގޮތެއްގައި ހުރި މައްސަލައަކީ ނަތީޖާ ޝީޓްގައިވާ ބައެއް އަދަދުތައް ޓެލީ ނުވުން ނުވަތަ ދިމާނުވުން ކަމަށެވެ. ފޮށިތައް އަލުން ބެލި ނަމަވެސް ހުރިހާ ފޮއްޓެއްގެ ހުރިހާ ވޯޓެއް އަލުން ނުގުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ނަތީޖާ ކަށަވަރުކުރުމަށް އެ ހިސާބަށް ދާން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަން ކުރަން ނިންމީ އެ ފޮށިތަކާ ގުޅުންހުރި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާތައް ކުރިމަތީ ކަމަށެވެ. އެހެން ނަމަވެސް އެކަން ކުރިއަށް ނުދިޔައީ އާންމުން އެ ސަރަހައްދަށް އެއްވެ ހަމަނުޖެހުން ހިންގުމުން ކަމަށް ޝަރީފު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top