ބޮލީވުޑްގެ އެކްޓަރ އަދި މަޝްހޫރު ތަރި ސްރީދޭވީ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ. ރޭ 11 ޖަހާކަށް ހާއިރު އޭނާ މަރުވެފައިވަނީ އާއިލާގެމެންބަރެއްގެ ކައިވެނީގެ ހަފްލާއަކަށް ޑުބާއީ އަށް ގޮސް އުޅެނިކޮށް ހާޓް އެޓެކެއް ޖެހިގެން ކަމަށް އާއިލާ އިން މައުލޫމާތު ދެއެވެ.
އިންޑިއަން އެކްސްޕްރެސްއިން މި ޚަބަރު ގެނެސްދެމުން ބުނެފައިވަނީ މަރުވި އިރު އޭނާއާއެކު ފިރިމީހާ ބޮނީ ކަޕޫރާއި ހަގު ދަރިފުޅު ޚުޝީ ޑުބާއީގައި ތިބި ކަމުގައެވެ.
54 އަހަރުގެ ސްރީދޭވީއަކީ ހިންދީ ފިލްމްތަކުގެ އިތުރުން ތަމަޅަ އަދި މަރާޓީ އާއި ކަންނާޑޭ ފިލްމްތައް ކުޅެގެންވެސް މަޝްހޫރުކަން ހޯދާފައިވާ ތަރިއެކެވެ. ސްރީދޭވީ ބޮލީވުޑްއަށް ތައާރަފްވުމާއެކު ގިނަ ރީތި ފިލްމްތަކަކުން އޭނާގެ ކުޅަދާނަކަން ދައްކާފައިވެއެވެ. އޭނާގެ ފާހަގަކޮށްލެވޭ ރީތި ފިލްމްތަކުގެ ތެރޭގައި ތުހުފާ، ސަދްމާ ، ޗާންދަނީ އަދި މިސްޓަރ އިންޑިއާ ފަދަ ތީރި އެތައް ފިލްމް ތަކެއް ހިމެނެއެވެ.
އުމުރުން އެންމެ 5 އަހަރުގައި ފިލްމް ކުޅެން ފެށި ސްރީދޭވީ ހިމެނިފައިވަނީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕާސްޓާރަށެވެ. އަދި ފިރިހެން ތަރިއެއްގެ އެހީއާ ނުލާ ބޮކްސް އޮފީސް ކާމިޔާބު ކޮށްފައިވާ މަދު އަންހެން ތަރިންގެ ތެރޭގައެވެ.
275 ފިލްމް ކުޅެފައިވާ ސްރީދޭވީ، އޭނާގެ މަޝްހޫރު ފިލްމް ޖުދާއީ އަށް ފަހު ސްކްރީންތަކުން ފަނޑުވެގެން ދިއުމަށް ފަހު އަލުން ސްކްރީނަށް އެނބުރިއައީ 15 އަހަރު ފަހުން އޭނާގެ ސުޕަރހިޓް ފިލްމް “އިންގްލިޝް ވިންގްލިޝް” އާއެކުއެވެ. ސްރީދޭވީ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު “މޮމް” އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.މީގެ އިތުރުން އޭނާވަނީ އިންޑިއާ ސަރުކާރުން ދޭ އެންމެ ޝަރަފްވެރި އެވޯޑް ، ޕަދްމާސްރީ އެވޯޑްވެސް ހޯދާފައެވެ.
މިއަދު މުޅި ބޮލީވުޑް ދަނީ ސްރި ދޭވީގެ ކުއްލި މަރާ ގުޅިގެން ހިތާމަ ފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި އެކަމުގެ ހިތާމަ މިހާރުވެސް ކުރަމުން ދާއިރު ފޭސްބުކާއި ޓްވިޓާ ވަނީ މެސެޖްތަކުން ފުރިފަ އެވެ.