ބ.އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު

28279607_2000064513649663_8384464728714432484_n.jpg

އިއްޔެއަކީ ބ.އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުނު ދުވަހެވެ. ރާއްޖޭގެ ތައުލިމީ ހަޔާތުގައި ބ.އަތޮޅު ތައުލީމީ މަޒުކަޒަކީ ރާއްޖެތެރޭގެ ތައުލީމަށް ސަރުކާރުގެ ލޯ އަމާޒުކުރެވިގެން އެންމެ ފުރަތަމަ ނަމޫނާ ސްކޫލެއްގެ ގޮތުގައި ހިންގަން ފެށުނު ތައުލީމީ ބިނާއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒު އުފަންވެގެން އައީ ތަޖުރިބާކުރުމުގެ އެންމެ ތަނެއް އިމާރާތްކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން ދެއްވުމުން ކޮމިއުނިޓީ މޮޑެލް ސްކޫލެއްގެ ގޮތުގައެވެ.

މިތައުލީމީ ބިނާ ޔުނިސެފްގެ ފަރާތުން އޭދަފުށީގައި އިމާރާތް ކުރުމުގެ ޕްލޭނަކާއެކު ޔުނިސެފްގެ ރީޖަނަލް މެނޭޖްމަންޓް އެޑިއުކޭޝަނަލް އެޑްވައިޒަރ ޑޮކްޓަރ ގްރޫޑޭ 1973ވަނަ އަހަރު އޭދަފުއްޓަށް ޒިޔާރަތް ކުރެއްވިއެވެ. ރާއްޖޭގައި އިމާރާތްކުރެވޭ ފުރަތަމަ ކޮމިއުނިޓީ މޮޑެލް ސްކޫލް އޭދަފުށީގައި އިމާރާތްކުރުމަށް ދައުލަތުން ހިޔާރުކުރެއްވީ މި ޒިޔާރަތާގުޅިގެން ކަމަށް ތާރީޚީ ލިއުންތައް ކިޔައިދެއެވެ.

އޭގެ ތިން އަހަރު ފަހުން 6 މާޗް 1976 ގައި ޔުނެސްކޯގެ އާކިޓެކްޓް މިސްޓަރ ނެގޫޗީ އޭދަފުއްޓަށް ވަޑައިގެން ކޮމިއުނިޓީ މޮޑެލް ސްކޫލް އެޅުމަށް ހަމަޖައްސާފައިވާ ބިން ބެއްލެވުމަށް ފަހު މި ސްކޫލްގެ ބިންގާ އަޅާފައިވަނީ 19 އޯގަސްޓް 1976 ވީ ބުރާސްފަތި ދުވަހު ހެނދުނު 8:30ގައެވެ.

މި މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ އޭދަފުށީގެ ތައުލީމަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މަސްރަސަތުލް ބަހިއްޔާގެ ނާޒިރެއްގެ ގޮތުންނާއި މުދައްރިސެއްގެ ގޮތުން އަހަރުތަކެއް ހޭދަކުރައްވާފައިވާ އޭރުގެ ބ. އަތޮޅުވެރިޔާ އަލްއުސްތާޒު އަލްމަރްހޫމް މުހައްމަދު އިބްރާހީމް ލުތުފީއެވެ. މަދްރަސަތުލް ބަހިއްޔާގެ އެންމެ ތުއްތު 2 ދަރިވަރުން ކަމުގައިވާ އޭދަފުށީ އޯކިޑްވިލާ މުހައްމަދު ރިފްއަތާ، ޗާނދަނީގޭ ފަރަހަނާޒް އަލީއާ ދެދަރިވަރުންގެ އަތުގުޅާލުމާ އެކުގައެވެ.

ސްކޫލް އިމާރާތްކުރުމުގައި އަލްމަރުހޫމް މުހައްމަދު އިބްރާހީމް ލުތުފީއަކީ އިމާރާތްކުރުމުގެ އެންމެބުރަ މަސްއޫލިއްޔަތު އަދާކުރެއްވި ހިދުމަތްތެރިޔާއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ވަކީލުގެ މަގާމުގައި ހުންނަވައިގެންނާއި ބ. އަތޮޅުވެރިޔާގެ ހައިސިއްޔަތުން އަދި އެންމެފަހުން އެޑިއުކޭޝަނަލް ޕްރޮޖެކްޓް ކޯޑިނޭޓަރުގެމަގާމުގައި ހުންނަވައިގެންނެވެ.

ދެއަހަރެއްހައި ދުވަހުގެ މަސައްކަތަށް ފަހު ސްކޫލްގެ ހުރިހާ މަސައްކަތެއް ނިންމައި ރާއްޖޭގެ ފުރަތަމަ ކޮމިއުނިޓީ މޮޑެލް ސްކޫލް ގެ ނަމުގައި ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ 24 ފެބްރުއަރީ 1978 (14 ރަބީއުލް އައްވަލް 1398) ވީ ހުކުރުދުވަހުގެ ހެނދުނު 10 ޖެހިއިރުއެވެ. ހުޅުއްވައިދެއްވީ އޭރުގެ މިނިސްޓަރ އޮފް އެޑިއުކޭޝަން މަރްހޫމް އަބްދުއްސައްތާރު މޫސާ ދިދީއެވެ.

ފުރަތަމަ ނަމޫނާ ސްކޫލް ނުވަތަ ޔުނިސެފްގެ ފަރާތުން އަތޮޅު ތެރޭގައި ބިނާކުރި ފުރަތަމަ ސްކޫލް 1978ވަނަ އަހަރު ހިންގަން ފެށީ ފަންސާހަކަށް ކުދިންނާއެކު އޮސްޓްރޭލިޔާ އިން މަތީ ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި ގ.ޓިނުޖެހިގޭ އިބްރާހީމް ޝަހީމްގެ ހެޑްމާސްޓަރ ކަމުގެ ދަށުންނެވެ. ކިޔަވައިދޭން ތިއްބެވީ ޓްރެއިން ކުރެވިފައިވާ ހަތަރު ޓީޗަރުންނެވެ.

ސްކޫލަށް 40 އަހަރު ފުރުނު އިރު ސްކޫލްގެ ތައުލީމީ ދުވެލި މަޑު ނުޖެހި ހައިސްޕީޑްގައި ކުރިއަރަމުން ގޮސްފައެވެ. ގިނަ ކާމިޔާބުތަކަކާއި ރެކޯޑް ތަކެއްވެސް ހޯދާފައެވެ. އެކަންތަކުގެ ތަފްސިލަށް ދާކަށް ނެތީވެވެ. އެހެން ނަމަވެސް އެންމެ ވިއްސަކަށް ކުދިންނާއެކު ވުޖޫދުވި މިކުޑަކުޑަ ސްކޫލް މިއަދު ވަނީ ހުރިހާ ގޮތަކުންވެސް ބިޔަ ސްކޫލަކަށްވެފައެވެ. އިމާރާތްތަކަށް ބެލިނަމަވެސް ސްކޫލްގެ ޓީޗަރުންގެ ފެންވަރާއި ދަރިވަރުންގެ ކާމިޔާބުތަކުގެ ލިސްޓަށް ބަލާލިނަމަވެސް ފެންނަނީ ނަމޫނާ ސްކޫލެއްގެ ގޮތުގައެވެ. ސްކޫލްގައި ޖީސީއީ އޭލެވެލް އާ ހަމައަށް ކިޔަވައިދޭއިރު ދަރިވަރުންވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިމްތިހާނުތަކުން މަތީ ދަރަޖަތަކުން ފާސްވެ ސްކޫލްގެ ނަން ރަން އަކުރުން ލިޔެލާފައެވެ.

800 އާ ގާތްކުރާ އަދަދެއްގެ ކުދިންނާއި 200 އެއްހާ މުވައްޒަފުން ހަރަކާތްތެރިވާ މި ހިޔާވަހިކަމުގެ ދަށުން 4000 އަށް ވުރެ ގިނަ ކުދިންނަށް ވަނީ ތައުލީމު ހޯދާދީފައެވެ. ސްކޫލްގެ ފަޚްރުވެރި މާޒީއާއެކު އެންމެ އުފާވެރި މަންޒަރެއްގެ ގޮތުގައި ފެންނަނީ ގައުމާ ރައްޔިތުންގެ ޚިދުމަތުގައި ގައުމު ބިނާ ކުރުމަށް މި ސްކޫލްގެ މުސްކުޅި ދަރިވަރުން ހަރަކާތްތެރި ވާތަނެވެ. ސަރުކާރުގެ އިސް މަގާމު ތަކުގައާއި ޕްްރައިވެޓް ސެކްޓަރގައި ސްކޫލް ދަރިވަރުން ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން ދާއިރު ސްކޫލްގެ މުސްކުޅި ދަރިވަރުން ހިމެނިގެން ގޮސްފައިވަނީ ރަށާއި އަތޮޅާއި ގައުމުގެ އިގްތިސާދު އާއި އުމްރާނީ ތަރައްގީގެ މުހިއްމު ބައިވެރިއެއްގެ ބައި ވަރަށް ރަނގަޅަށް އަދާކުރަމުންނެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ކުރިމަގަށް ބަލާލާއިރު މިއަށްވުރެވެސް ބޮޑެތި ކާމިޔާބު ތަކެއްް ހޯދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ފެންނަ މަންޒަރު ތަކުންނާއި ސަރުކާރުގެ ތައުލީމީ ސިޔާސަތު ބައްޓަން ވެފައި އޮތީ އެގޮތަށެވެ.ރަން ޔޫބީލާ ހަމައަށް ދަރުތު ކުރުމަށް މިއަދު ފަށާފައިވާ ދަތުރުގައި ސްކޫލްގެ ބެލެނިވެރިންގެ މިއަދުގެ އެންމެ ބޮޑު އެދުމަކަށް ވެފައިވަނީ މި މަރުކަޒުން ނުކުމެގެންދާ ކުދިންނަށް ފަސޭހަކަމާއެކު ކޮލެޖްތަކުން މަރުހަބާ ކިޔާނެ ގިނަ މޮޅު ދަރިވަރުންތަކެއް އުފެއްދުން އެކަންޏެއްނޫނެވެ. މި މަރުކަޒާ ގުޅިފައިވާ ކޮންމެވެސް ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއެއް ގާއިމު ވެގެން ދިއުންވެސް މެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top