”ޖާނޭވާލޭ ކަބީނެހީއާތޭ، ޖާނޭވާލޯންކީ ޔާދު އާތޭހޭ“ އުރުދޫ ޅެމެއްގައި އޮވެއެވެ. ވަކިވެގޮސްފައިވާ މީހުން ފަހަރެއްގައިވެސް އެނބުރި ނާންނާނެއެވެ. އެކަމަކު އެމީހުންގެ ހަނދާންތައް އާދެއެވެ.
އާއެކެވެ. މަރުވެގޮސްފައިވާ މީހުންނަކީ އެނބުރި އަންނާނެ ބައެއް ނޫނެވެ. އެހެންނަމަވެސް އެމީހުންގެ ހަނދާންތައް އަބަދު އާވެ އާލާވެ ހުރެއެވެ. އެކަމުގެ ބޮޑުކުޑަމިން ގުޅިފައިވަނީ ދުނިޔޭގައި އެމީހުން ކޮށްފައިވާ އަމަލުތަކުގެ މައްޗަށެވެ.
އަހަރެންގެ ލޮބުވެތި ބޮޑުބޭބެ މިދުނިޔެ ދޫކުރިތާ މިހާރު 7އަހަރު ވަނީއެވެ. އެކަމަކު އެހަނދާންތައް އަދިވެސް ހަމަ ތާޒާ އެވެ. އުފާވެރި ކޮންމެ މުނާސަބާއެއްގައި އަދި ކޮންމެ ހިތާމައަކާ ކުރިމަތިލާންޖެހޭ ހިނދުވެސް ދުނިޔޭގައި ހުންނެވި އިރު އެންމެ ގާތުގައި ހުންނަވާ އެ މަރުހޫމުގެ ހަނދާންތައް އައިސް ލޮލުން ކަރުނަ ހިލުވާލައެވެ. އުފަލުގެ ވަގުތުގައި އުފަލުގެ ކަރުނައެވެ. ހިތާމައިގެ ވަގުތު ހިތާމައިގެ ކަރުނައެވެ. އެފަދަ ވަގުތުތަކުގައި ބޭބެ ދުނިޔޭގައި ހުންނެވިއިރު ދިރިއުޅުމުގައި ދިމާވާ މުހިއްމު ކަންކަން ހިއްސާ ކުރެވޭތީ އޭނާ ދީފައިވާ ހިތްވަރުގެ ބަސްތަކާ ދުނިޔެއަކީ ދުނިޔެކަން ދަސްކޮށްދިނުމުގައި ނަގައިދީފައިވާ އަގުބޮޑު ފިލާވަޅުތަކުންނެވެ.
އަހަރެން މިދައްކަނީ އޭދަފުށީ ހިޔަލީގޭ އަބްދުލްހަލީމު މޫސާގެ ވާހަކައެވެ. އެއީ އަހަރެންގެ އަސްލު ބޮޑުބޭބެއެއް ނޫނެވެ. އަހަރެންގެ ކާފައާ އެއްބަނޑު އެއްބަފާ މޫސާ ހުސޭނު (ދޮންކަލޯބެ)ގެ ދަރިއަކަށް ބޮޑުބޭބެއެއް ނުކިޔޭނެދޯއެވެ. އެހެނަސް އަހަރެމެންގެ އާއިލާވެސް އަބްދުލްހަލީމަށް ބޮޑުބޭބެގެ ނަމުން މުޚާތަބުކުރަނީ އޭނާގެ ދިރިއުޅުން އެގޮތް މިގޮތަށް އެނބުރެމުން ފުރޮޅެމުން ދުނިޔެ ދުކޮށްދިޔައީ މުޅި އާއިލާގެ ބޮޑުބޭބެއެއްގެ ގޮތުގައި ނިކަން ލޯތްބާއެކު ތަފާތުކުރުމެއްނެތި އެންމެންނަށްވެސް ހަމަހަމަ ގޮތެއްގައި ޚިދުމަތް ކޮށްދީފައެވެ. މާލީ ގޮތުންނާއި ފަންނީ ގޮތުންނެވެ. ބޮޑު ބިޔަ އާއިލާއަކަށް ވާތީ އާއިލާގެ ތެރޭގައި ބައެއްފަހަރު ޚިޔާލު ތަފާތުވުން ތަކާއި ހަމަނުޖެހުންވެސް ހުންނާނެތާއެވެ. އެފަދަ ވަގުތުތަކުގައިވެސް އިންސާފު ގާއިމުކޮށްދޭ އާއިލާގެ ގާޒީއަކީ އެއީއެވެ.އިންސާފުހޯދަން ދަނީވެސް އޭނާގެ ގާތަށެވެ.
ކުޑަކުޑަ މިސާާލެކެވެ. އަބްދުލް ހަލީމުގެ ކޮއްކޮ އަބްދުލް އަޒީޒު މޫސާ (އަޒީ) އާއި އަހަންނަކީ އެންމެ ޅައިރުން ފެށިގެން ބޮޑުވަންދެން އެއްގޯތީގައި އަޅާފައިވާ ދެގެއެއްގައި އެއް ބަދިގެެއިން ކައިގެން، މަންމަމެންގެ ބަހުންނަމަ ”އެއްފޮތުން ކިޔަވައިގެން“ އެކީގައި އުޅެ ބޮޑުވި ދެމީހުންނެވެ. އެއްފުރައިގެ ދެކުދިންގެ މެދުގައި އޮންނަ ވާދަވެރިކަމާ ތޮޅުމުގެ ކަންތައް އަހަރެމެންގެ މެދުގައިވެސް އޮތެވެ. ބައެއްފަހަރު މިކަން ބޮޑުވެގެންގޮސް ދެ މަންމައިން ދެބަސްވުމާ ހަމައަށް އާދެއެވެ. އަހަރެން ކުށްވެރިވާކަމަށް މަންމަ ނިންމައިފިނަމަ އިސްތިއުނާފަށް ހުށަހަޅަނީ ބޮޑުބޭބެ އަބްދުލްހަލީމަށެވެ. ބޮޑުބޭބެ ނިޔާ ކަނޑައަޅާއިރު އޮންނަނީ ގިނަފަހަރު ދެމީހުންވެސް ކުށްވެރި ވެފައެވެ.
އަހަރެންގެ އުމުރުން 15 އަހަރުގައި ކިޔަވަން މާލެއަށް ބަދަލުވީ އިރު އަބްދުލްހަލީމު ހުންނެވީ މާލޭގައި އޯޑިޓް އޮފީހުގެ އެސިސްޓެންޓް އެކައުންޓެންޓެއްގެ މަގާމުގައެވެ.
އަބްދުލްހަލީމުގެ ވާހަކަ އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން އޭދަފުށީގެ މަސްރަހު އޮތްގޮތް ބަލައިލަން ޖެހެއެވެ. ހިންގަވާށެވެ.
ހަތްދިހަ ވަރަކަށް އަހަރު ކުރިއެވެ. އޭރު އޭދަފުށި އޮތީ ބޮޑު ހަތަރު ބާރު ނުވަތަ ހަތަރު އާއިލާގެ މައްޗަށް ބެހިފައެވެ. މުޅިރަށް ކޮންޓްރޯލް ކުރަނީ އެ ހަތަރު އާއިލާއިންނެވެ. ހާޖީބޭ، މުހައްމަދު ތަކުރުފާނު، ކުޑައަލިބޭ، އަދި އަހުމަދު ތަކުރުފާނުގެ އާއިލާއެވެ. ހާޖީބޭ އާއިލާގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނެވީ މުއްސަނދި ކަމާއި ސިޔާސީ ބާރުތަކާ އިއްޒަތްތެރިކަމާއި އެކު ވެރިކަމުގައި ހުންނެވި ޒުވާން އޭދަފުށީ ޔޫސުފް ކަލޭފާނެވެ. އޭދަފުށީގެ ތަރައްގީގެ ބާނީ އެވެ. ސިޔާސީ ގޮތުންނާއި ރަށުގެ ކަންކަން އޭނާ ބޭނުންފުޅު ވާގޮތަށް ކުރިއަށް ގެންދެވުމަށް އޮތް ޗެލެންޖަކީ މުހައްމަދު ތަކުރުފާނުގެ އާއިލާ ކަމަށް ދެކެވަޑައިގެން އެއާއިލާ “ސައިޒަށް ގެންނެވުމަށް” ނެންގެވި ސިޔާސީ ހަތިޔާރަކީ މުހައްމަދު ތަކުރުފާނުގެ ދޮށީ ދަރިކަނބަލުން އާމިނަތު މުހައްމަދު (އައިމިނާފުޅު) އާއި ކައިވެނި ބައްލަވައިގަތުން ކަމުގައި އޭދަފުށީގެ ތާރީޚް ދިރާސާ ކުރައްވާ ބޭފުޅަކު ވިދާޅުވިއެވެ.
އައިމިނާފުޅު މިހާރުވެސް ދުނިޔޭގައި އެބައިންނެވިއެވެ.( 5 ޖެނުއަރީ 2017 )
އަހުމަދު ތަކުރުފާނުގެ އާއިލާއާއި ހާޖީބޭގެ އާއިލާ އޮތީ ދެފަރާތުގެ މެދުގައި ކުރެވިފައިވާ ކައިވެނިތަކުން ގުޅިފައެވެ. ވެރިކަމުގެ ބާރުތައް ކޮނޑު އަޅައިގެން ހުންނެވީ ހާޖީބޭ އާއިލާއިން މައިދާނަށް ނުކުމެ ހުންނެވި ޔޫސުފްކަލޭފާނެވެ.
ވަކިން އޮތް އަނެއް އާއިލާއަކީ ހަސަނުގެ ފުތް ހުސޭނުގެ އާއިލާއެވެ. ވަކި ފަރާތަކަށް ނުޖެހި ވަކި ޝަޚްސެއްގެ ގޮތުގައެވެ. ހުސޭނުގެ ތިން ފިރިހެން ދަރިންނަކީ އަލީ ހުސޭން (ކުޑައަލިބެ ) އާއި އަބޫބަކުރު ހުސޭން ( ދޮންކަލޭފާނު ) އާއި މޫސާ ހުސޭން (ދޮންކަލޯބެ) އެވެ.

ހުސޭނުގެ ތިން ފިރިހެން ދަރިން: ކަނާތުން ވާތަށް –މޫސާ ހުސެން (ދޮންކަލޯބެ) އަލީ ހުސޭން (ކުޑައަލިބެ ) , އަބޫބަކުރު ހުސޭން ( ދޮންކަލޭފާނު )
މާލެދަތުރުކުރާ ނާލު ބައްތެއްޔާ އޮޑިދޯނިފަހަރާއި ފަޅުރަށްރަށް ހުރުމުން ރައްޔިތުންގެ ގިނަބަޔަކު މަސައްކަތް ކުރަމުން ގެންދިޔައީ މިއާއިލާގެ ހިޔާވަހިކަމުގައެވެ. އަހަރެމެން އެންމެ ކުޑައިރު ދުށް ގައިބާރުގަދަ ޒުވާން ކެޔޮޅުންނާއި ފަޅުވެރިން މުސްކުޅިވެ ގައިބާރު ދެރަވެ ދުނިޔެ ދޫކުރުމާ ހަމައަށް އުޅެފައިވަނީ މިއާއިލާގެ އުނގުތެރޭގަ އެވެ.
އަހަރެމެންނާ ހަމައަށް އާއިލާ ދެމިގެން އައިއިރު މި ތިންބެއިން ދިރިއުޅެނީ ވަކިންނެވެ. އެކަމަކު ވަރަށް ގާތް ގުޅުމެއް އޮވެއެވެ. ކުރުކޮށް ބުނާނަމަ އެއްގޭގެ ސުފުރާމަތީގައި ހުންނަ އެއްޗިއްސަކީ އަނެއް ދެގޭގެ ސުފުރާ މަތީގައިވެސް ހުންނާނެ އެއްޗިއްސެވެ.
އަބްދުލް ހަލީމަކީ ދޮންކަލޯބެ އާއި ކިޔަވާގެ ސިއްތި ކައިވެނި ކުރައްވައިގެން ލިބުނު 8 ދަރިންގެ ތެރެއިން ދޮށީ މީހާ އެވެ. އަހަންނަކީ ކުޑައަލިބޭގެ ހައްވައަށް ލިބުނު ނުވަ ދަރިންގެ ތެރެއިން ދޮށީ މީހާއެވެ. އާއިލީ ގޮތުން އަހަންނާ ބޮޑުބޭބެއާ އޮތް ގާތްކަމަކީ މިއެވެ.

،އަބްދުލްހަލީމް އާއި އަބްދުލް އަޒީޒު، މަންމައާއި ބައްޕަ އާއެކު މ.ދީފްރަމްގޭ ސިއްކަ އިސްމާއީލް މަނިކާއި އަނބިކަނބަލުން ދޮންދީދީ
ހައްވަ (އަހަރެންގެ މަންމަ) ބައްޕަ (މޫސާ މުހައްމަދު) އާ ކައިވެނި ކުރައްވައިގެން ބަދަލުވީ ދޮންކަލޯބެގެ ހިޔަލީގެއާ ޖެހިގެން ދެކުނުގައި ހުރި ދޮންކަލޭފާނުގެ ކުޑަކުޑަ ކުދިރަތްމާގެ އަށެވެ. ދޮންކަލޭފާނުގެ ދަރިންގެ މަންމަ ނިޔާވުމުން އެހެން މީހަކާ ކައިވެނި ކުރައްވައިގެން އުޅުއްވަމުން ގެންދެވީ އަނބިކަނބަލުންގެ ގޭގައެވެ.
ހިޔަލީގެއާއި ކުދިރަތްމާގެއަކީ އެއް ގޯއްޗެއްގައި ހުރި ދެ ގެއަށް ވާތީ އަހަރެން އުފަންވެ ޒުވާން އުމުރާ ހަމައަށް އައީ ބޮޑުބޭބެއާ އެއް ގެއެއްގައި ކަމަށް ބުނެވިދާނެއެވެ. ތިމާގެ ކަމުުގެ ގުޅުން އެހާގާތްވީ މިއީކަމަށް ވެދާނެއެވެ.
އެއް ހާދިސާއެވެ. އަޅުގަނޑުގެ އުމުރުން އޭރުވާނީ ދިހަވަރަކަށް އަހަރެވެ. ރަށަށް މަސް ނުބާނާތީވެ ލައިގެންކާ އެއްޗެއް ނެތުމުން މެންދުރާއި ރޭގަނޑުވެސް ކާންޖެހެނީ ހަކުރާ ބަތާއެވެ. އެ ކެއުން ނުކާންވެގެން އެއްރެއަކު ރޯން އިންދާ ބޮޑުބޭބެއައިސް ރޮނީ ކީއްވެތޯ މަންމަ ގާތު އަހައިފިއެވެ. ވީ ގޮތް މަންމަ ކިޔައި ދިނެވެ. ބޮޑުބޭބެ ކިޔައިދެއްވީ ލަވައެކެެވެ. އެދުވަސްވަރު މަސްއޮޑި އިބްރާހީމް ޚަލީލު ކިޔާފައިވާ ނިކަން ރީތި ދިވެހި ލަވައެއްގެ ރާގުގައެވެ. ” ޝާމިލް އުފާވެވިދަނީތޯ އަހާ!. އިލްހާމް ލިބުމަށް އެދޭހެޔޮ އަހާ. ވާނޭ މަޒާ ދޭހިތް އުފާ، މި ރާގުގައެވެ. އިބްރާހިމް ފުޅުގެ ކާފަ ދަރިއަކުވެސް މި ލަވަ ވަރަށް ފަހުން ކިޔާފައި ވެއެވެ. މިލަވަ އަހަރެން ދަސްކުރީ ބޮޑުބޭބެ ގާތުންނެވެ. އެކަމަކު މިއަދު ބޮޑުބޭބެ އެލަވަ ކިޔައިދެއްވީ އެރާގުގައި އެހެން ލަވަ އެކެވެ. އަހަންނަށް ބޮޑުބޭބެ ހަމައެވަގުތު ހަދާފައިވާ ލަވައެކެވެ. ”މީ ތަދު ޒަމާނޭ ވަރަށްވެސް އިނގޭ، ދޫތައް ހިތާ ރުޅި ޒަމާނޭ އިގޭ، ވާނޭ މަޖާ ހަކުރާ ބަތާ، މިރޭ ހުރިގޮތޭ މީ ރުހޭށޭ ކަލޭ!“
ބޮޑުބޭބެގެ ޝާއިރާނާ ޚިޔާލު ތަކުން އުފަން ކުރުވި މިލަވަ އިވިފައި މަންމަ އާ އަހަރެންވެސް ހިނި ފަޅައިގެން ހިނގައްޖެއެވެ. ބަތްތަށި ހުސްކޮށްލެވުނު ގޮތެއްވެސް ނޭގުނެވެ. އަބްދުލް ހަލީމް ތިއީ ހާދަ ރީތިކޮށް ލަވަވެސް ހަދާ މީހެއްތާއޭ މަންމަ ބުނި އަޑު އެހީމެވެ.
ބޮޑުބޭބެ ނުވަތަ އަބްދުލްހަލީމް މޫސާ އުފަންވީ 30 ޖެނުއަރީ 1952 ގައެވެ. އޭނާ އިބްތިދާއީ ތައުލީމާއި ސާނަވީ ތައުލީމު ނިންމީ އޭދަފުށީ މަދްރަސަތުލްބަހިއްޔާ އިންނެވެ. އޭގެފަހުން މަތީ ތައުލީމަށް މާލެ ބަދަލުވެ މަޖީދިއްޔާއިން ތައުލީމު ހާސިލް ކުރުމަށް ލިބުނު ފުރުސަތު ދޫކޮށްލެއްވީ އާއިލާއާ ދެކޮޅަށެވެ. އޭނާ ބޭނުންވީ ޚާއްސަ ކްލާހަކުން ކިޔަވައިގެން އަވަހަށް ސަނަދު ނަގާށެވެ.
ހަނދުމަ ކުރުން ހުއްޓެވެ. ބޮޑުބޭބެ މާލެއަށް ދިޔައިރުވެސް އޭނާހުރީ އެއްނަންބަރު ކާތިބުކަމުގެ ސަނަދުނަގަން ބޭނުންވާ ވަރަށް ބަހިއްޔާއިން ކިޔަވައިގެންނެވެ. އިތުރަށް ކިޔަވަން ބޭނުންވި ހަމައެކަނި މާއްދާއަކީ ހިސާބުގެ ވަކިބައެކެވެ. އޭރު ރާއްޖޭގައި ދެމުން އައި އެންމެ މަތީ ސަނަދަކީ ސެކްރެޓަރީކަމާއި ގާނޫނީ ވަކީލު ކަމެވެ. ސެކްރެޓަރީކަމުގެ ސަނަދުން ފެށިގެން އޭނާ ބޭނުންވާ ހުރިހާ ސަނަދެއްވެސް ނެގިއެވެ. ހިސާބު އިލްމަށާ ދިވެހިލިޔުމަށް އެއީ އޭދަފުށީގެ ނަންބަރު އެކެކެވެ.
ސަނަދުތައް ނެންގެވުމަށްފަހު ސަރުކާރުގެ ޚިދުމަތަށް ވެންނެވި އެވެ. ފުރަތަމަ އަދާކުރެއްވީ އެޓޮލްސް ޑިވިޜަންގެ އެއްނަންބަރު ކާތިބުކަމެވެ. އޭރު މިފަދަ މަގާމަކީ އަލަށް ވަންނަ މީހަކަށް ލިބޭ އެންމެ މަތީ މަގާމެވެ. ސެކްރެޓަރީކަން ލިބެނީ ވަޒީފާގެ ތަޖުރިބާހުރި މީހުންނަށެވެ.
އެހިސާބުންވެސް ކިޔެވުން ނިންމައެއް ނުލައްވައެވެ. ސަރުކާރުން 1971ގައި ހިންގަވަން ފެއްޓެވި ނިޔަމި ކަމުގެ ކޯހުގައި ބައިވެރިވިއެވެ. އެކޯހުގައި އޭދަފުށިން ބައިވެރިވި އަނެކަކީ ކެޕްޓަން ރަޝީދުގެ ނަމުން މަޝްހޫރުވެފައިވާ 30އަހަރަށް ވުރެ ގިނަދުވަހު އާގުބޯޓުފަހަރުގައި ކެޕްޓަންކަން ކުރެއްވި ގުލްބަކާގޭ އަހުމަދު ރަޝީދުއެވެ. މިހާރު ހުންނެވީ ރާއްޖޭގެ ހާބަރު މާސްޓަރު ކަމުގެ މަގާމުގައެވެ.
ތަގުދީރު ނިޔާކުރި ގޮތޭ ނޫނީ ދެން ބުނާނީ ކީކޭ ހެއްޔެވެ. ނިޔަމި ކޯސް ނިމުމަކާ ހަމައިން އެކޯހުން ވަކިވާން ޖެހުނީ އެވެ. ހަސަދަވެރިއެއްގެ ނުބައި ރޭވުމެއްގެ ދަށުން ހިނގައި ދިޔަ ކަމެކެވެ. ނުކުރާ ކުށެއްގައި ”ސަރުކާރުގެ ސިއްރެއް ބޭޒާރު ކުރުމުގެ“ ތުހުމަތުގައި އެއްއަހަރު ދުވަހުގެ މުއްދަތަށް ރަށަށް ފޮނުވާލެއްވުމާ ގުޅިގެންނެވެ. ބޮޑުބޭބެއާ ބެހޭގޮތުން ދޮގު ރިޕޯޓެއް ކުރީ މި އާއިލާގެ ހެޔޮކަމުގެ ފުރާޅުގެ ދަށުގައި އެތައް އަހަރެއް ވަންދެން އުޅެފައިވާ އަތޮޅުގެ އެހެން ރަށެއްގެ ބޮޑުބޭބެއާ އެއްފުރައިގެ މީހެކެވެ. އާއިލާއިން ޚަރަދު ކޮށް ބަހިއްޔާއިން ކިޔަވައިދީ ނިމިގެން މާލެއަށް ބަދަލުވުމަށް ފަހު ކޮށްދިން ހެޔޮކަންތަކުގެ ބަދަލު ދިންގޮތަކީ އެއީއެވެ.
ބޮޑުބޭބެ އެނބުރި އޭދަފުށްޓަށް އައުމުން މުޅި އާއިލާ އެކަމާ ދެރަވެ ހިތާމަ ކުރި ނަމަވެސް އުފާކުރި އެކަކު ހުއްޓެވެ. އެއީ އޭނާ ދެކެ ނުހަނު ލޯބިވާ ކޮއްކޮ އަހަންނެވެ. އަހަރެން އުޅުނީ އަނެއްކާވެސް ސްކޫލުން ދޭ ހޯމްވާކްތައް ހެދުމުގައި ބޮޑުބޭބެގެ އެހީތެރިކަން ހޯދުމުގައެވެ. ރީތި ވާހަކަތަކާ ރަށްފުށުގެ ދިރިއުޅުމާ މާލޭގެ ތަފާތުތައް ވާހަކައެއްގެ ގޮތަށް ކިޔުއްވުމުގައެވެ. އާ ކަންތައްތަކެއް ދަސްކުރެވޭތޯއެވެ. ބޮޑުބޭބެ ލައްވާ ރީތި ލަވައެއް ހަދާލައިގެން އެލަވަ އޭނާއާއި އެއްކޮށް ކިޔޭތޯއެވެ. އޭނާ ލައްވާ މަޖާ ޖޯކްތައް ކިއުއްވައިގެން މަޖާ ކޮށްލެވޭތޯއެވެ.
އެއްދުވަހަކު ވަރަށް މަޖާ ވާހަކައެއް ކިޔައިދިނެވެ. ބައިސްކޯފަށް ދާ ވާހަކައެވެ. ފިލްމުތަކުގައި ފެންނަ ރީތި ކުދިންނާއި ފިލްމީ ވާހަކަތައް ކިޔައިދެމުން ދިޔައިރު އަހަރެން ހުރީ ހައިރާން ވެފައެވެ. އޭގައި އުޅޭ މީހުން ނޭވާލާ އަޑާ ވާހަކަ ދައްކާ އަޑު އިވެޔޭ ބުނުމުން އަހަންނަށް އެކަން ގަބޫލެއް ނުކުރެވުނެވެ. އަހަރެން ތަކުރާރުކޮށް އެހީމެވެ. ”ބޮޑުބޭބެ ތިޔަބުނަނީ އެމީހުން ވާހަކަދައްކާ އަޑުއިވޭ ކަމަށާއި އޭގައި އުޅޭ މީހުން އެކަކު އަނެކެއްގެ އަތުގައި ހިފައިގެން ވާހަކަދައްކާ ނަށައި އުޅޭ ވާހަކައެވެ. އެކަމަކު އަހަރެމެންނަށް އެމީހުންގެ ގަޔަކު އަތެއް ނުލެވެއެވެ. އެމީހުންނާ ވާހަކައެއް ނުދެއްކެ އެވެ. ތިޔަހުރިހާ ކަމެއް ހިނގާއިރު އެމީހުންގެ ގައިގާ އަތް ނުލެވެނީ ކީއްވެގެން ހެއްޔެވެ. ތިޔަކަން ގަބޫލެއް ނުކުރެވެއެވެ.
“އެމީހުން ނޭވާލާ ހެއްޔެވެ.” އަހަރެން އެހީމެވެ.
ބޮޑުބޭބެ ހެމުންހެމުން އާއެކޭބުނެ އަދިވެސް ބޮޑަށް އަހަރެން ހައިރާން ކުރުވަމުން ގެންދިޔައެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. އެންމެ ފަހުން ބޮޑުބޭބެ އޭގެ ހެކި ދެއްކުމަށް ނިންމީ މާލެ ގޮސް ދެމީހުން ބައިސްކޯފަށް ދާށެވެ.
އެވާގޮތަކާމެދު ވަރަށް ވިސްނީމެވެ. އޭގެ ފަހުންވެސް ކިތަންމެ ދުވަހަކު އެހެން އެވަނީ ކީއްވެތޯ ސުވާލު ކުރެވުނެވެ. އެކަހަލަ ކޮންމެ ވަގުތަކު ”އަނެއްކާ އެއްކަލަ މުހައްމަދު… “ އޭ ހީލާފައި ބުނެލައެވެ.
ތައުލީމީ ރޮނގުން އަހަރެންގެ ކުރިއެރުމަށް ބޮޑުބޭބެގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. ޚާއްސަކޮށް ހިސާބު އިލްމާއި ދިވެހިންނެވެ. އަހަންނަކީ ދިވެހިބަހަށް އޭރުވެސް ކްލާހުން ފާހަގަކުރެވޭ މޮޅުކުއްޖެކެވެ. ބޮޑުބޭބެގެ އެހީތެރިކަން ލިބެން ފެށުމުން އަހަރެން ވެގެން ދިޔައީ އެހެން ކުދިންނަށް އަރާ ހަމަނުކުރެވޭ ވަރުގެ އުހުގައި ކުރި ކުއްޖަކަށެވެ. މިހާރުވެސް ހަމަރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއްދުވަހަކު ދިވެހި މުދައްރިސް އަބްދުﷲ އަހުމަދު، ލިޔަން ދެއްވި މަޒްމޫނެކެވެ. މައުޟޫއަކީ ”އަޅުގަނޑުގެ ހަޔާތުގައި އެއްފަހަރާ އައި ދެ އީދު“ އެވެ. އެއީ ޖުލައި 26 އާއި ބޮޑުއީދު ދުވަސް އެކުގައި އައުމުން މުދައްރިސް ދެއްވި މައުޟޫ އެކެވެ. މަޒުމޫނު ލިޔެގެން އަޅުގަނޑަށް ދިހަޔަކުން ހަތަރެއް ލިބުނުއިރު ކްލާހުގެ އެހެން ކުދިން ތިބީ ހައިރާންވެފައެވެ. އެކުދިންނަށް ލިބިފައިވަނީ އެކެއް، އެކެއްބައި، ދޭއް، މިކަހަލަ މާކްސް ތަކެކެވެ. އެއީ ބޮޑުބޭބެގެ ދީލަތި އެހީތެރިކަމެވެ.
އެނގޭ ހެއްޔެވެ. ބޮޑުބޭބެއަކީ މޮޅު ޅެންވެރިއެއްވެސް މެއެވެ. އޭނާގެ މޮޅު ޝާއިރާނާ ޚިޔާލުތައް ބަސްތަކުން އަމުނާލައިގެން ރީތި ޅެންތަކާއި ލަވަތަކުން އޮއްސަންފެށީ ހަނދުވަރާއި މާމެލާމެލީގެ ބަހުރުވައިން ރީތި އަންހެން ކުއްޖަކާ މުޚާތަބު ކޮށެވެ.
އެއްދުވަހު އެގެއަށް ދިޔައިރު ބޮޑުބޭބެ އިނީ އެމަސައްކަތުގައެވެ. އަހަރެން ފެނުމުން ހީލާފައި ބުންޏެވެ. ”ތިޔައައީ ހަމަ ނިމުނުތަނާ “ ދެން ދިއްކޮށްލީ އޭނާ ހަދާފައި އޮތް ލަވައެކެވެ.
އަހަރެން އަހާލީމެވެ. ”ކާކަށް ހެދި ލަވައެއް.؟“ އޭނާ ވަރަށް ހިނިއައިސް ހުރެގެން ބުނެލީ ވިސްނާލުމުން އެނގޭނެ ކަމަށެވެ. އަހަރެން ވިސްނަން ފެށީމެވެ. މައިގަނޑު ފަށާފައިވަނީ “ހީލާށޭ ޔާރު ޔާރު … ” ކިޔާފައެވެ. ”ޖާނޭ ކިޔޫން ބާރު ބާރު މެރެދިލް” މި ރާގުގައެވެ. އެއްވަނަ ކަޑި ފަށާފައިވަނީ ”ނަޒަރެއްވެސް ނުދެމެއް ނޫންހޭ ….“ ކިޔާފައެވެ. ދެވަނަ ކަޑި ފެށުން އޮންނަނީ، ”ޖަރީކޮށް ދެއްވާނަންހޭ…“ އަދި ތިންވަނަ ކަޑި ފަށާފައި އޮންނަނީ، “ކާނާއެއްކަމުގައި ވާނޭ …“ އެވެ. ވިސްނާ ވަރުބަލިވީއިރުވެސް ނޭގުނެވެ. ދެން ބުނީ ކޮންމެ ކަޑިއެއް ފެށޭ ދެވަނަ އަކުރު ކިޔާލުމަށެވެ. އަހަރެން އަކުރުތަކަށް ދަމާލާފައި ޒަ-ރީ-ނާ ކިއުމާއެކު ބޮޑުބޭބެ ހިނި ފަޅައިގެން ދިޔައެވެ.
އެއީ ބޮޑުބޭބެގެ ހަތަރު ކުދިންގެ މަންމަ އަދި ލޮބުވެތި އަނބިކަނބަލުން މަރުހޫމާ ޒަރީނާ އާ ގުޅުނު ދުވަސް ވަރެވެ. ޒަރީނާމެންގެ ގެ ހުންނަނީ ހިޔަލީގެ ކުރިމަތިން މަގުގެ އުތުރުގައެވެ. އޭނާ ނަމާދަށް މެދު އަވަށު އަންހެނުންގެ މިސްކިތަށް ދާނީ ހިޔަލީގެ ގޯޅިތެރެ ހުރަސް ކޮށްފައެވެ. އެވަގުތަށް ކޮންމެހެންވެސް ބޮޑުބޭބެ އެގޮޅިތެރެއަށް ނުކުންނާނެއެވެ.
އަމިއްލަ ރަށުގައި ބަންދުގައި ބޮޑުބޭބެ ހޭދަކުރެއްވި އެއްއަހަރު ނިމުމުން މިނިވަންވުމަށް ފަހުވެސް މަޑުކުރެއްވި އެވެ. މި ދުވަސް ތަކުގެ ތެރޭގައި އޭނާ ދަސްކޮށްފައިވާ މާލިމީކަމުގެ ތަޖުރިބާ ކުރެއްވިއެވެ. ބައެއްރޭރޭ ތަރިތަކުގެ ނަންނަމާ ތަރިތައް ބަލައިގެން ކަނޑުދަތުރުކުރާ ގޮތުގެ މައުލޫމާތުވެސް އަހަންނަށް ދެއެވެ. އެތަޖްރިބާގެ ތެރެއިން އަނެއްކާވެސް އަހަންނަށް، މެދުވެރިވި، މަޖާ އެކަމަކު ލަދުގަތް ދެރަވި ހާދިސާ އެކެވެ.
މަރްހޫމް ޔޫސުފް ކަލޭފާނުގެ އާއިލާއިން ދުއްވަމުން ގެންދިޔަ “މިޔާޒް ” ބޯޓުގެ ކެޕްޓަނެއްގެ ގޮތުގައި އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރު ނިމިގެން ރަށަށް އައުމުން އަހަންނަށް ގެނައި ހަދިޔާ ކޮބައިހޭ އަހާލީމާ ދެއްވީ ލަވައެކެވެ. އެލަވަ ދީފައި ރާގާއެކު ކިޔާލަދެއްވިއެވެ. ”އޭ އޭމަގޭ ހިތާއޭ މަސްތީވެވޭ ޝަރާބީ ،ރޭތަކުގެ އިޝްގު ބަތަލާ ނުގަބޫލުތޯ މަލާއޭ……. “
ރީތި އަބަދުވެސް ރީތީގެ ތެރޭގައި ހިމެނިގެން މިހާރުވެސް އިވެމުން އަންނަ ލަވައެކެވެ.
އައްޑޫން ގެނެސްދެއްވި މިލަވަ ރީތިކަމުން ހަމައެވަގުތު އަހަންނާ އެއް ކްލާހުގައި އުޅޭ އެކުވެރި މުހައްމަދު ވަހީދު ތަނޑިރަތްމާގެ (ވަހީދު ޓީ) އަށް ދައްކާލަން އެގެއަށް ދިއުމަށް ބޮޑުމަގަށް ނުކުތްތަނުން އޭނާ ފޮތްބޮނޑި ހިފައިގެން މެންދުރު ފަހު ސެޝަން އަށް ސްކޫލަށް އަންނަނީއެވެ. އަހަރެންވެސް ތައްޔާރުވެލައިގެން ސްކޫލަށް ތަންކޮޅެއް އަވަހަށް ދިޔައީ ޓީޗަރުން އައުމުގެ ކުރިން ދެމީހުން އެކުގައި ރާގުގައި ސްކޫލް ތެރޭގައި ތިބެގެން ކިޔާލުމަށެވެ. ރީތި ލަވައެއް ލިބުމުން ވަހީދުޓީ އަށް ފޮނިދައްކާލާށާ ވެސް އެކުގައެވެ.
އަހަރެމެން ދެމީހުން އިދާރާގެ ފުރަގަހުގައި ތިބެގެން ހީނހީނފައި ނިކަން ޖަޒުބާތުގައި އެލަވަ ކިޔަމުން ދިޔައިރު އަޑުއަހަން އިދާރާގައި މީހަކު އިންނެވި ކަމެއް ނޭނގެއެވެ.
ކްލާހަށް ވަންނަ ރަނގަބީލު ޖެހުމާއެކު އަހަރެމެންގެ ކްލާސް ކުދިންް ސްކޫލްގެ އެތެރެއަށް ވަންނަނިކޮށް އަހަރެންގެ ބައްޕަގެ އަޑުން އަހަރެން ސިއްސުވާލިއެވެ. ”އިދާރާއަށް އާދޭ ! “
އަހަރެން ގެންގޮސް ދެއަތް މައްޗަށް ނަގާފައި ބެހެއްޓީ މީހުންނަށް ފުރަގަސްދީގެންނެވެ. އޭރު މުދައްރިސުންވެސް މެންދުރު ފަހުގެ ސެޝަންއަށް އިދާރާއަށް (އޮފީހަށް )ވަންނަމުންދެއެވެ. ކޮންމެ މުދައްރިސަކުވެސް އަހަރެން ހުރިގޮތް ފެނިފައި ބައްޕައާ ސުވާލުކުރަމުން ދިޔައެވެ. ”ކިހިނެއް މުހައްމަދަށް ވެފައި މިހިރީ؟“
މަރްހޫމް މުސާ ޔޫސުފް (މާއްޑޫ ކުޑަކަތީބު) އެސުވާލު ކުރެއްވުމުން ބައްޕަ ބުނުއްވިއެވެ. ”ވީގޮތަކީ މީނަ މިއުޅެނީ އުމުރަށް ވުރެ މާބޮޑު ވެގެން. އަޑުގެ ކޮޅަށް ”އޭ އޭމަގޭ ހިތާއޭ ކިޔައިގެން ފާޑެއްގެ ލަވައެއް ކިޔަނީ …ކޮން ތަނަކުން ގެނައި ލަވައެއް ކަމެއްވެސް ނޭގެ.“ބައްޕަ، ކުޑަކަތީބު ގާތު އެވާހަކަ ބުނުއްވިއިރުވެސް ހުންނެވީ ރުޅިދުރުވެފައެވެ.
ވަރަށް ލަދުގަތް ދުވަހެކެވެ.
މިޔާޒް ބޯޓުގެ މާލިމީކަން ދޫކޮށްލައްވައި ބޮޑުބޭބެ ޕާޓްޓައިމަށް ބަހިއްޔާގައި ހިސާބު ކިޔަވައިދެއްވައި ދަރިވަރުންގެ ހިސާބު ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކޮށްދެއްވިއެވެ.
ނަމަވެސް އޭނާ މާލެ ބަދަލުވެ އޯޑިޓް އޮފީހުގެ ސެކްރެޓަރީ ކަމުގެ މަގާމު އަދާކުރައްވަން ފެއްޓެވިއެވެ.
އަޅުގަނޑު މާލެ ބަދަލުވީ އެހިސާބުންނެވެ.
ދުވަސް ކޮޅެއްގެ ފަހުން އޯޑިޓް އޮފީހުން އޮޑިޓަރުން ތައްޔާރުކުރާ ކޯހެއް ހިންގަވަން ފެއްޓެވުމަށް ކުރެއްވި އިއުލާނާ ގުޅިގެން އެކޯހުގައި އަޅުގަނޑު ބައިވެރި ކުރެވޭތޯ ބޮޑުބޭބެ މަސައްކަތް ކުރެއްވިއެވެ. ކޯހުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނި ސަރުކާރުގެ އޮފީހެއްގައި ވަކި ވަޒީފާ އަދާކުރާ ސެކްރެޓަރީ ފެންވަރުގެ މީހުންނަށެވެ. އަހަންނަކީ ސަރުކާރުގައި އުޅޭ މީހެއް ނޫނެވެ. އެހެންވީމާ ޝަރުތު ހަމައެއް ނުވެއެވެ. އެކަމަކު އެފެންވަރު މީހުންނަށް ވެސް ބައިވެރިި ވެވެނީ އޮޑިޓް އޮފީހުން ދޭ ޓެސްޓަކުން ފާސްވާ މީހުންނަށެވެ. އެޓެސްޓްގައި އަހަރެން ބައިވެރި ކުރުވި އެވެ. ފާސްވީ މަދު ބައެކެވެ. އަހަރެން ވަރަށް ރަނގަޅަށް ފާސްވުމުން ބޮޑުބޭބެ ހުރީ ވަރަށް އުފާ ވެފައެވެ. އެކަމުގެ ސަބަބުން އެކޯހުގައި ބައިވެރި ވެވޭގޮތް ވީމައެވެ.
ކްލާސް އޮންނަނީ ރޭގަނޑު 8:00 ން 11 އަށެވެ. ކިޔަވައިދެއްވަނީ އިސްމާއީލް ފަތުހީއެވެ.
އެއްރެއަކު ކްލާސް ކަޓުވާލައިފީމެވެ. ކްލާހަށް ނުގޮސް އަހަންނާ ގުލްބަކާގޭ މުހައްމަދު ރަޝީދުއާ ދެމީހުން ދިޔައީ ތޮއްޑޫ ސޯސަން ކްލަބްގެ އަންހެން ކުދިން ބަނޑިޔާ ޖަހާތަން ބަލާށެވެ. ޝޯ ނިމިގެން 12 ޖަހާކަށް ހާއިރު އަހަންނާ ރަޝީދުއާ ދެމީހުން އޭނާ ދިރިއުޅޭ ގ.ބަހާރީގެއާ އަރާ ހަމަ ކުރިއިރު ކަމަކުދާކަށް ނެތެވެ. ދޮރާށީގެ ދެފަރާތުގައި މިތިބީ ދެމީހުންގެ ދެ ބެލެނިވެރިންނެވެ. މަރުހޫމް މުހައްމަދުހަސަން އާއި ބޮޑުބޭބެއެވެ. ވަރަށް ބޮޑަށް ރުޅިއައިސްފައި ހުރެ ބޮޑުބޭބެ ފުރަތަމަވެސް ސުވާލުކުރީ ކްލާހަށް ނުގޮސް ދިޔައީ ކޮންތާކަށް ތޯއެވެ. ބޮޑުބޭބެ ރުޅިއައުމުން ވަރަށް ދެރަވިއެވެ. އަހަންނާ ވަރަށް ސަމާސާކޮށް ވަރަށް ލޯބިން އުޅޭ އެހާގާތް ބޭބެ ރުޅިއައުމުން ރޮވުނެވެ. ވީގޮތް ކިޔާ ދިނުމުން އަނެއްކާވެސް އެ ބާރު މިނުގައި ބޮޑުބޭބެ ބުންޏެވެ. ”މައިންބަފައިންނަށް ނުލިބޭ މިންވަރުން ޚަރަދު ކޮށްގެން މާލެ ފޮނުވީ ކްލާހަށް ނުގޮސް ނާޗަރަންގީ ކުޅޭތަންތަން ބަލަން ހެއްޔެވެ. ؟…………….“
ބޮޑުބޭބެ އެރޭ އަހަރެން ދެކެ އެހާބޮޑަށް ރުޅިއައީ ކިޔެވުމަށް އިހުމާލު ވުމުންނެވެ. ކޯހުގައި އަހަރެން ބައިވެރިކުރީ އޭނާއާ އެއް ފެންވަރުގެ މީހަކަށް ހެދުމުގެ ނިޔަތް އޮތީމާ ކަމުގައި ފަހުން ބުންޏެވެ.
ބޮޑުބޭބެގެ އާ ކައިވެނީގެ ދުވަސްތައް ނުނިމެނީސް އޭނާއަށް ވަޒީފާގެ ކުރިއެރުން ލިބުނެވެ. ވަޒީފާ ބަދަލުވީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށެވެ. އަނބިކަބަލުންނާއި ވަކިވެ ލަންކާއަށް ބަދަލުވުމަކީ އެއްގޮތަކަށްވެސް ބޭނުންކަމެއް ނޫންކަމަށް އަހަރެން ގާތު އެތައް ފަހަރަކު ބުންޏެވެ. އެހެންނަމަވެސް ވަޒީފާގެ ކުރިއެރުމާއެކު ނަސީބު އައިސް އަތުގައި ހިފުމުން އެކަމަށް ފުރަގަސްދޭކަށް ނުވާނެތާއޭވެސް ބުނެއެވެ.
އެކަމުގައި ވަރަށް ބޮޑަށް ވިސްނަމުން ދިޔައެވެ. ބޮޑުބޭބެއާ ބައްދަލުކުރަން މ.ދީފްރަމްގެއަށް ދެވުނީ ނިންމާނޭ ވަކި ގޮތެއް ނޭނގިފައި އިންދައެވެ. ހަމަ ފެނުމާއެކު އެވާހަކަ ފަށައިފިއެވެ. އަހަރެންގެ ޚިޔާލަކީ ކޮބައިތޯ އެހިިއެވެ. އަހަރެން ބުނީމުއެވެ. ގުރުއަތުލަމާ ހިނގާށެވެ. ގުރުއަތުން ދިމާވާނީ މިކަމުގައި ﷲ ރުއްސަވާގޮތް ކަމުގައި ބަލާނީއެވެ. ތިޔައީ މާރަނގަޅުގޮތެކޭ ބުނެ އެއް ކަރުދާސްކޮޅުގައި ”ލަންކާ“ އަނެއް ކަރުދާސް ކޮޅުގައި ”މާލެ“ ލިޔެ ބޮނޑިކޮށްލުމަށް ފަހު ކަރުދާސްކޮޅެއް ނަގާށޭ ބުނުމުން ބިސްމިﷲ ކިއުމަށްފަހު ކަރުދާސްކޮޅެއް ނެގިއެވެ. ކަރުދާސްކޮޅުގައި އޮތީ ލަންކާ އެވެ. ހަމަވަގުތުން އެގޮތް ނިންމިއެވެ.
ބުނަން މިއުޅެނީ ކޮންމެ ކަމެއްގައިވެސް އެހެން މީހުންގެ މަޝްވަރާ އަހާ ވާހަކައާއި އެކަމަށް ވަކިއުމުރެއްގެ މީހަކުވެސް ނުބަލާކަމެވެ. އެހެން ނޫންނަމަ އަހަރެންގެ ޚިޔާލާއި މަޝްވަރާއެއް ނާހާނެ ނޫން ހެއްޔެވެ؟
ބޮޑުބޭބެގެ ވަޒީފާ ބަދަލުކުރެެއްވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އެކައުންޓެންޓެއްގެ މަގާމަށެވެ. ނުވަތަ ބަޖެޓް ބެލެހެއްޓުމަށެވެ. އެތަނަށް ފޮނުވަނީ ވަރަށް ގާބިލު އަދި އޮޑިޓު އޮފީހުގައި މަސައްކަތްކޮށް ތަޖްރިބާ ހުރި މީހުންނެވެ. އެއީ އޭރު އޯޑިޓް އޮފީސް ހިންގަވަމުން ގެންދެވި އިލްޔާސް އިބްރާހީމްގެ ހޮވުމެވެ.
ދިވެހި އެމްބަސީގެ ތަޖްރިބާތައް ހިއްސާކުރަމުން އެއީ ވަރަށް ބޮޑަށް ނަސްލީ އިމްތިޔާޒު އޮތް ތަނެއްގެ ގޮތުގައި ބޮޑުބޭބެ ފާހަގަކުރެއްވިއެވެ. އެމްބަސީ ހިންގަވަން ހުންނެވީ މަރުހޫމް ހުސެން އަލި ދީދީއެވެ. އޭނާގެ ނައިބަކަށް ހުންނެވީ މައުމޫން އަބްދުލް ގައްޔޫމެވެ. މައުމޫންގެ ރީތި ސިފަތަކާ އާދަތަކާއި މައުމޫންގެ ހިތްތިރިކަމާ ލިބުނު އަގުހުރި މައުލޫމާތުތައް ކިޔައިދެއްވަމުން ބޮޑުބޭބެ ބުނުއްވީ އެއީ އޭނާއަށް ވަދެވުނު އިލްމީ މަދަރުސާއެއް ކަމުގައެވެ. ހުސެން އަލިދީދީ މައުމޫން އާއިމެދު ކަންތައް ކުރެއްވި އިހާނެތި ގޮތްތަކާ އެތަނުގެ މުވައްޒަފުންނާ މެދު ގެންގުޅުއްވި ތަފާތު ކުރުންތަކާމެދު އެކަންކަމާމެދު އޭނާ ދެކިލެއްވީ އެއްވަނަ ދަރަޖައިގެ ނަސްލީ އިމްތިޔާޒުގެ ގޮތުގައެވެ.
ވަޒީފާގެ މުއްދަތު ހަމަކޮށް ލަންކާއިން އެނބުރިއައިސް އަނެއްކާވެސް އޮޑިޓްއޮފީހުގައި ދުވަސް ކޮޅަކު މަސައްކަތްކުރެއްވި އެވެ. އެއަށްފަހު ވެލާނާގެ އެކައުންޓެންޓްގެ މަގާމަށް ބަދަލުވީ އިލްޔާސްގެ އެދިވަޑައިގަތުމަކަށެވެ. އޮޑިޓް އޮފީސް ހިންގަމުން ގެންދެވީ އިލްޔާސް އިބްރާހީމް ކަމަށްވެފައި ވެލާނާގޭ އޮފީސްވެސް ހިންގަވަމުން ގެންދެވީ އިލްޔާސް އެވެ.
ނާސިރު ވެރިކަމުން ވަކިވެވަޑައިގަތުމާ ހަމައަށް ބޮޑުބޭބެ މަސައްކަތްކުރެއްވީ ނާސިރު އަރިހުގައި ވެލާނާގޭގަ އެވެ. ހަމައެއާއެކު ވެރިކަމުން ވަކިވެވަޑައިގެން ނާސިރު ސިންގަޕޫރަށް ހިޖުރަކުރެއްވިއިރު ވެސް އަރިހުގައި ބޮޑުބޭބެ ގެންދެވިއެވެ.
އެހެން ނަމަވެސް އެ މާހައުލު ބޮޑުބޭބެއާ ބީރައްޓެހި ވުމުން ކަމެއް ނުވަތަ ބޮޑުބޭބެގެ އަލަތު ތުއްތު ދަރިފުޅު ފާތުމަތު ހަލީމާއި އަނބިކަބަލުންގެ ހަނދާނުން ހިތް އަނދާ އެނދުންތަކަށް ކެތް ނުކުރެވުނީ ކަމެއް ނޭގެއެވެ. ދުވަސްކޮޅެއް ވުމަށްފަހު އެނބުރި މާލެ އަތުވެއްޖެއެވެ. އެހިސާބުން ސަރުކާރުގެ ވަޒީފާ ދޫކޮށްލައްވާފައި ކާބަފައިން ދިރިއުޅުމަށް ކުރެއްވި އޮޑިދޯނިފަހަރު އުފައްދައިގެން މަސްވެރި އުޅަނދު ފަހަރު ބަންނަން ފެއްޓެވި އެވެ.
އޭގެ ފަހުން ރާއްޖޭގައި އަލަށް ޔޮޓްދޯނި ފަހަރު އުުފެއްދި ދުވަސްވަރު ބޮޑުބޭބެގެ “ނިޔާމަ” ޔޮޓް ދޯނި ބަނދެ ނިންމާލީ އޭރުގެ ލަގްޒަރީ ފެންވަރުގައެވެ. ސަރުކާރުގެ އިސްވެރިންގެ ރަސްމީ ދަތުރުތަކަށާއި ރިސޯޓުތަކުގެ ދަތުރުތަކުގައި ނިޔާމަ ޔޮޓް ދޯންޏަކީ އޭރުގެ މަޝްހޫރު ޔޮޓް ދޯންޏެކެވެ.
ބާރައަހަރުގެ ދިގު ގެޕަކަށް ފަހު އަނެއްކާވެސް އިލްޔާސް އިބްރާހީމްގެ އަރިހުގައި އެސްޓީއޯގައި ވަޒީފާ އަދާކުރައްވަން ފެއްޓެވިއެވެ.
ދިރިއުޅުން އޮތީ މާލޭގައެވެ. އެކަމަކު އޭނާއަކީ އަމިއްލަ ރަށުގެ ކުރިއެރުމާއި އިޖްތިމާއީ ތަރައްގީއަށްވެސް އިސްކަން ދީގެން މަސައްކަތް ކުރި ލީޑަރެކެވެ. މަރުބަލީގައި އޮތް އޭދަފުށީ ބސމދ ޖަމިއްޔާގެ ބަދަލުގައި އާ ޖަމިއްޔާއެއް (އޭދަފުށީ ޒުވާނުންގެ ޖަމިއްޔާ) އުފެއްދުމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރެއްވިއެވެ. މަސްއޫލު ވެރިޔާގެ މަގާމުގައި ހުރެގެން ޖަމިއްޔާ ކުރިއެރުވުމަށް ގިނަމަސައްކަތްތަކެއް ކުރައްވައި އެޖަމިއްޔާއަކީ ރާއްޖޭގައި އުފެދުނު އެންމެ ހަރަކާތްތެރި އެންމެ ކާމިޔާބު އެއް ޖަމިއްޔާކަމުގައި ހެއްދެވިއެވެ. ފުޓްބޯޅައިގެ އިތުރުން އޭދަފުށީ ރައްޔިތުންނާއި މަދަރުސާތަކުގެ ދަރިވަރުންނަށް ޖަމިއްޔާގެ އެހީތެރިކަން ފޯރުވާދީފައިވަނީ ބޮޑުބޭބެގެ މަސްއޫލުވެރިކަމުގައެވެ.

އޭދަފުށީ ޒުވާނުންގެ 3ވަނަ އަހަރީ ޖަލްސާގައި ޖަމިއްޔާގެ ރައީސް، އަބްދުލްހަލީމް ވާހަކަ ދައްކަވަނީ —ފޮޓޯ: އައސްތު ހަލީމް
އެސްޓީއޯގައި ހަ އަހަރަށް ވުރެ ގިނަ ދުވަހު ހޭދަކުރައްވައި ގެއަށް ބަދަލުވުމާ ހަމައަށް އެތަނުގައި މަސައްކަތް ކުރައްވާފައިވަނީ މެނޭޖަރެއްގެ ގޮތުގައެވެ.
ދިރިއުޅުމުގެ ހަލަބޮލި ދުވަސްތަކާ އުމުރަށް އައި ބަދަލާއެކު ބޮޑުބޭބެގެ ހަށިގަނޑަށް އެކަމުގެ ނުބައި އަސަރު ކުރީ އަހަރެމެން އުންމީދު ކުރިވަރަށް ވުރެ މާ އަވަހަށެވެ. ހަކުރުބަލީގެ ޝިކާރައަކަށްވެ ފަރުވާ ހޯދަނިކޮށް އިތުރު ބަލިތައްވެސް ބޮޑުބޭބެގެ ނިކަމެތި ހަށިގަނޑަށް ހަމަލާތައް ދެމުން ހަށިގަނޑު ނިކަމެތި ކުރަމުން އައެވެ. ދެން އައީ ދިރިހުރުމާ މަރާ ހަނގުރާމަކުރަމުން ދިޔަ ދުވަސް ވަރެވެ. ދޭތެރެއަކުން ރަނގަޅު ވެލިޔަސް އުމުރުގެ ފަހު ދުވަސް ތަކުގައި އުޅުއްވީ ބަލިވެއެވެ. ދިރިހުރުމަށް ކުރަމުން އައި ހަނގުރާމަ އިން ކާމިޔާބެއް ނުލިބި ﷲގެ ހަޟްރަތަށް ދަތުރުކުރެއްވީ 13 ޑިސެމްބަރ 2010ގައެވެ
ބޮޑުބޭބެގެ ވަކިވުމަކީ އޭދަފުއްޓަށް ލިބުނު ފުން ހިތާމައެކެވެ. އެއީ ގައުމަށާއި ރަށަށް ގިނަ ޚިދުމަތް ތަކެއް ކޮށްދެއްވާފައިވާ މަދުން ނޫނީ ނުފެންނާނެ ވަރުގަދަ ޝަޚްސިއްޔަތެކެވެ. މުދައްރިސެކެވެ. މުދައްބިރެކެވެ. މޮޅު ކެޕްޓަނެކެވެ. ފެހުމުގެ ފަންނުގައި އަރާހުރިި މީހެކެވެ. ޒިންމާދާރު ބައްޕައެކެވެ. ވަފާތެރި ފިރިއެކެވެ. ކިޔަމަންތެރި ދަރިއެކެވެ. ކުރުކޮށް ބުނާނަމަ ފަސްމީރު ކުރި ރުކެކެވެ. އޭނާގެ މުޅި ދިރިއުޅުން ހޭދަކޮށްފައި ވަނީ އެހެން މީހުންނަށް އުފާ ހޯދައިދިނުމަށް ޓަކައެވެ. އަމިއްލަ އުފާތައް ގުރުބާންކޮށްލާފައި އެހެން މީހުން އުފަލުގައި ބޭތިއްބުމަށެވެ.ބޭނުން ޖެހިފައިވާމީހުންނަށް އެހީވުމުގައި ހައްދެއް ނޯވެއެވެ.
ބޮޑުބޭބެ މި ދުނިޔެ ދޫކުރެއްވިއިރު އަނބިކަނބަލަކާއި ހަތަރުކުދިން ދުނިޔޭގައި ތިއްބެވިއެވެ. އޭނާ ދުނިޔެ ދޫކުރެއްވިތާ 5 އަހަރުފަހުން އަނބިކަނބަލުން ޒަރީނާވެސް ވަނީ ނިޔާ ވެފައެވެ.
”ދާދި އަވަހަށް ނެތި ފަނާވިޔަކަސް އަގެއް ނެތް ޖިސްމުތައް، ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއްނެތޭ.“








