ޕާޓީ ބަދަލު ކުރުމުން ގޮނޑިގެއްލޭ ބިލު ތަސްދީގު ކުރައްވައިފި

original_1713260173175.jpeg

ރައީސް މުއިއްޒު: ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނު މިއަދު ވަނީ ތަސްދީގު ކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ގޮނޑި ކާމިޔާބު ކުރުމަށްފަހު، އެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ އެންޓި ޑިފެކްޝަން ބިލު (ޤާނޫނު ނަންބަރު: 2024/3) ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ މި ހިނގާ އެޕްރީލް މަހުގެ 1 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އެ ބިލުގައިވަނީ މަޖިލީސް މެންބަރުންނާއި އަތޮޅު ކައުންސިލަރުން އަދި ރަށު ކައުންސިލަރުންނާއި އަންހެނުން ކޮމިޓީގެ މެންބަރުން ވެސް ހިމަނައިފައެވެ. އެހެންވެ، މިހާރު އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ ބަދަލުކުރާނަމަ މަގާމުން އިސްތިއުފާ ދޭންޖެހޭނެއެވެ.

މި ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ، ރައްޔިތުން އިންތިޚާބުކުރާ ބޭފުޅުންނަކީ އެ އިންތިޚާބުކުރި ފިކުރެއްގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއި އާންމުންގެ މެދުގައި އެ ބޭފުޅުންނާ މެދު އިތުބާރާއި ޔަގީންކަން ބޮޑުކުރުމެވެ. އެ ގާނޫނުގައިވާގޮތުން ދެ ހާލަތެއްގައި މެންބަރުން މަގާމުން އިސްތިއުފާދޭން ޖެހޭނެއެވެ. އެއީ އިންތިޚާބުވި ޕާޓީން އަމިއްލައަށް ވަކިވުމާއި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ ދަފުތަރުގައި ޖެހުން ނުވަތަ ޕާޓީ ބަދަލުކުރުމެވެ.

މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށް ގާއިމުކޮށްފައިވާ ސިޓީ ކައުންސިލް ތަކަށާއި، އަތޮޅު ކައުންސިލް ތަކަށާއި، ރަށު ކައުންސިލް ތަކަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރައްޔިތުން އިންތިޚާބުކުރާ މެންބަރުން އެ އިންތިޚާބު ކުރެވޭ ދައުރުގެ ތެރޭގައި އެ އިންތިޚާބުކުރި ސިޔާސީ ފިކުރުގައި ދެމިތިބޭ ބައެއްކަން ކަށަވަރުކުރުމާއެކު، ރައްޔިތުން އިންތިޚާބު ކުރާ މަގާމުތަކުގައި ތިބޭ މީހުންނަކީ ތަފާތު ސިޔާސީ އަދި މާލީ ނުފޫޒުން އެއްކިބާވެފައިވާ އަދި، އާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަގީންކަން ލިބިގެންވާ ބައެއްކަމަށް ހެދުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާއެކު މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. އެހެންކަމުން މިއަދުން ފެށިގެން މި ގާނޫނަށް އަމަލުކުރަން ފެށޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top