ކަމަދޫ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ދެވަނަ ޓާމުގައި ނިމޭނެ: ވަޒީރު ޑރ. ޝަފީޢު

740836252_1002364165837804_828207747268430397_n.jpg

ބ. ކަމަދޫ ސްކޫލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މި އަހަރުގެ ދެވަނަ ޓާމުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ތަޢުލީމާއި، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު މައުރޫފް ސުވާލުކުރައްވާފައިވަނީ ކަމަދޫގައި އިމާރާތްކުރުމަށް ވައުދުވެފައިވާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް މިހާތަނަށް އެއްވެސް ވަރަކަށް ކުރިއަށް ނުދާ ސަބަބާއި، މި ދައުރުގެ ތެރޭގައި އެ މަސައްކަތް ނިމި ދަރިވަރުންނަށް ބޭނުންކުރެވޭނެ ތާރީޚެއް ސާފުކުރުމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، މަޝްރޫޢުގެ ޕްލޭނިންގ މަރުހަލާ މިހާރު މުޅިން ނިމިފައިވާ ކަމަށާއި، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި މި އަހަރުގެ ދެވަނަ ޓާމުގެ ކުރީކޮޅު މަސައްކަތް ފަށައި، ހަމަ އެ ޓާމުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަމަދޫ ސްކޫލްގެ މަޝްރޫޢަކީ ކުރީގެ އެމްޑީޕީ ސަރުކާރުން ފަށަން ނިންމި މަޝްރޫޢެއް ނަމަވެސް، ވެރިކަން ބަދަލުވިއިރު އެ މަސައްކަތް ކުރިއަށް ގެންދާނެ ފައިސާ ބަޖެޓުގައި ހިމަނާފައެއް ނުވެއެވެ.

ބަޖެޓް ނެތުމުގެ ސަބަބުން ހުއްޓިފައި ހުރި މިފަދަ މަޝްރޫޢުތަކަށް ހައްލެއް ހޯދުމުގެ ގޮތުން، 2024 ވަނަ އަހަރު ތަޢުލީމީ ދާއިރާގެ ސްޓްރަކްޗަރ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ދެ ކްލާސްރޫމާއި އޮފީސް އިމާރާތެއް އެޅުމަށް ނިންމާފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ ބެލެނިވެރިންނާއި ސްކޫލުގެ އެދުމުގެ މަތިން އެ މަޝްރޫޢު ފުޅާކޮށް، 6 ކްލާސްރޫމާއި އޮފީސް އިމާރާތެއް ހިމެނޭ ގޮތަށް ބަދަލުކޮށްފައެވެ.

ކަމަދޫގައި ބިމުގެ ދަތިކަން ހުރުމާއެކު، ލިބިފައިވާ ޖާގައިގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށްޓަކައި ފަންނީ މާހިރުންގެ ލަފާގެ މަތިން އައު ޕްލޭނަކާއި، ޑިޒައިން އަދި އޮނިގަނޑުގެ ކުރެހުންތައް މިހާރު ނިމިފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top