އޭދަފުށީގައި ހާޑްވެއާ ވިޔަފާރި ތައާރަފްކުރީ ކާކު؟

DSCN9768.jpg

މޯބައިލް ހާޑްވެއާގެ އޯނަރު އަދި ހިންގުންތެރިޔާ ''މޮބައިލް'' ރަހުމާނު

(ގައްޔޫމް ނަސީރު )

އޭދަފުށީގައި މިއަދު ހުރިހާ ބާވަތެއްގެ ވިޔަފާރިއެއްވެސް ހިންގައެވެ. މާލެއިން ކޮޕީ ކޮށްގެން އެންމެ ފަހުން ގާޑިޔާ ވިޔަފާރިވެސް މިހާރު އަންނަނީ ހިންގަމުންނެވެ. އެހެންނަމަވެސް ދެ ހާހުގެ އަހަރުތަކާ ހަމައަށް އައި އިރުވެސް މި ރަށުގައި ހާޑްވެއާ ވިޔަފާރިއަށް ޚާއްސަ ފިހާރައެއް ނުހުރެއެވެ. އާދައިގެ ފިހާރަތަކުގައި ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ މޮހޮރާއި އިސްކުރު ފަދަ ތަކެތި ނުހުންނަ ވާހަކައެއްނޫނެވެ.

ހަމައެކަނި ހާޑްވެއާ އަށް ޚާއްސަ ފިހާރައެއް އޭދަފުށީގައި އެންމެ ފުރަތަމަ ހުޅުވުމުގެ ޝަރަފް ދޭންޖެހެނީ އެނަމަކުން އޭނާގެ ފިހާރައަށް ނަންދެވިފައިވާ ”މޯބައިލް ހާޑްވެއާ“ އުފެއްދި މޮބައިލް ރަހުމާނުގެ ނަމުން މަޝްހޫރުވެފައިވާ އޭދަފުށީ ސަންފްލާވަރު އަބްދުއްރަހުމާން ހުސޭން އަށެވެ.

އެހެންނަމަވެސް ހާޑްވެއާ ވިޔަފާރިއާ މޯބައިލް ފޯނާ ގުޅުމެއްނެތް ވިޔަފާރިއަކަށް މޯބައިލް ހާޑްވެއާ ކިއުމާއި ރަހުމާނުގެ ނަމުގެ ކުރިއަށް މޮބައިލް، އިތުރުވުމަކީ ސުވާލެކެވެ.

ހިނިގަނޑެއް ޖަހާލާފައި ރަހުމާނު މިކަން ސާފުކޮށް ދިނެވެ.

“އެކަން ވީގޮތަކީ ހާޑްވެއަރ ވިޔަފާރިއަށް ކިޔާނެ ނަމަކާ ބެހޭ ގޮތުން ރައްޓެއްސަކާ ކުރެވުނު މަޝްވަރާއަކުން އޭނާ ބުނަނީ ހަވީރީ އިސްޓޯރު ނޫނީ މޭވާ ސްޓޯރު ކަހަލަ ނަންނަމުގެ ބަދަލުގައި މިޒަމާނުގައި ކިޔަން ޖެހޭނީ ނިކަން ޒަމާނީ ނަމެއް ކަމަށް. އެގޮތުން އޭނާ ކީނަމެއް އެއީ “މޯބައިލް ހާޑް ވެއަރ”

އެންމެ ފަހުން ފިހާރައިގެ ނަން ރަހުމާނުގެ ނަމުގެ ކުރިއަށްވެސް އައީއެވެ.

”މޯބައިލް ހާޑްވެއާ“ އަކީ ބ.އަތޮޅުގައި ހާޑްވެއަ ވިޔަފާރީގައި ކާމިޔާބު ނަމެކެވެ. މަޝްހޫރު ބްރޭންޑެކެވެ. އެކަމަކު ކޮންމެ ވިޔަފާރިއެއްވެސް ކާމިޔާބު ވަނީ އެކަމުގައި ވަރުބަލި ވަންދެން ކުރެވޭ ބުރަ މަސައްކަތުން ނެވެ. މޮބައިލް ރަހުމާނުގެ މޮބައިލް ހާޑްވެއަރގެ 20 އަހަރުގެ ރާސްތާގައި ކުރިމަތިވި ގޮންޖެހުންތަކާ އެގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބު ވިޔަފާރިއަކަށް ބަދަލުވީ ގޮތަކީ މިއީއެވެ.

ކިޔަވައި ނިމުނުއިރު އުމުރުން ކިރިޔާ 17 އަހަރުވީއެވެ. ތަނަވަސްކަމެއް ނެތް އާއިލާއަކަށް އުފަންވުމަކީ ރަހުމާނުގެ މައްސަލައެއް ނޫނެވެ. އެކަމަކު ތަނަވަސް ދިރިއުޅުމަކަށް މަސައްކަތް ނުކޮށް ލެއްވި ރަހުމަތާމެދު ޝުކުރުކޮށް މިއީ ހުރިގޮތޭ ކިޔާފައި ދެއަތް އުރާލައިގެން ހުރުމަކީ އޭނާގެ މައްސަލައެކެވެ. އެކަން ބޮލުއަޅަން ބޭނުން ނުވާތީ ވިސްނީ ފުދުންތެރި ތަނަވަސް ދިރިއުޅުމަކަށެވެ. އޭނާގެ ކުރިމަގަށެވެ. ކައިވެނީގެ ފަހުން ލިބޭ ދަރިންނާ އާއިލާއަށް ޓަކައެވެ. ރަށާއި ގައުމަށްވެސް އަދާކުރަން ޖެހޭ ވާޖިބެކެވެ. މާލޭގައި ނުވަތަ އެހެން ތަނެއްގައި ވެސް ވަޒަންވެރިވުމަކީ އަޅުވެތި ކަމުގެ ސިފައެކެވެ.

އުމުރުން 18 އަހަރުގައި ދިރިއުޅުމުގެ ހަނގުރާމައަށް ފުރަތަމަވެސް ފުންމާލީ ބޯޓަކަށެވެ. އާއެކެވެ. ބޯޓު ދަތުރު ކުރާށެވެ. ޒުވާންކަމުގެ ހޫނު ކެކިއަރަމުން ދިޔަ އެންމެ ތާޒާ ދުވަސްވަރެވެ. ދުނިޔެވަށާ ބުރުޖަހަމުން ދިޔައިރު ދުންޔަވީ އެދުމުގެ ހުރިހާ ރަހައެއް ދައުވަތު ދެމުން ދިޔައިރު އޭނާގެ އަގީދާއަށް ގުޑުމެއް އަރުވާނުލެވުނު ކަން އެއީ ފާހަގަކުރަން ޖެހޭ އެންމެ މުހިއްމު ކަންތަކެވެ. އޭގެ ނަތީޖާ ފެނުން އަވަހެވެ. އަމިއްލަ މަސައްކަތެއް ފެށޭ ވަރަށް ފައިސާ ކޮޅެއް ޖަމާކޮށްލެވުނީ ހީކުރި ވަރަށްވުރެ އަވަހަށެވެ.

ރާއްޖެއައީ ކުރިންވެސް ރާވާފައިވާ ގޮތަށް މަސައްކަތެއް ފަށާށެވެ. އިއްތިފާގުން މިކަމުގެ ޝައުގުވެރިކަން ފުރަތަމަ ފާޅުކުރީ މަޝްހޫރު ސޮނީ ކުންފުންޏާއެވެ. ހާޑްވެއަރގެ ޚިޔާލު އުފަންވީ އެގޮތުންނެވެ.

ހަތްދިހަ ހާސް ރުފިޔާއިން ފެށި ވިޔަފާރި އެހެން މީހަކާ ހިންގަން ހަވާލުކޮށް އޭނާ އަނެއްކާވެސް ދިޔައީ ބޯޓު ދަތުރު ކުރާށެވެ. އެކަމަކު ފުރަތަމަ ފަސް އަހަރު ދުވަހު ނުމިޔެ ނުދިރި ނަތީޖާއެއް ނުފެނި އުޅެނިކޮށް ފިހާރަ ހިންގަން ހަވާލުކުރި ފަރާތާ އުފެދުނު ޚިޔާލު ތަފާތު ވުމެއްގައި ސޭޓް ތަން ދޫކޮށްލާފައި ދިޔައީއެވެ. އަނެއް ކޮޅުން ސޮނީއިން ދެމުން ގެންދިޔަ އެހީތެރިކަންވެސް ބަންދު ވީއެވެ. ސޮނީގެ އިސް ވެރިއެއްގެ އެހީތެރިކަން އޭރު ގުޅިފައި އޮތީ ފިހާރަ ހިންގަން ހަވާލު ކޮށްފައިވާ މީހާއާ އެވެ.

“އޭރު ދެން ފިހާރައިގާ ހުރީ ހަމައެކަނި މުދާކޮޅެއް. ފައިސާއެއް، އިތުރު އެހެން އެއްޗެއްވެސް ނެތް”

މޫސާ ކަލީމާ ހަމައަށް ދާންޖެހުނީ މިހާހިސާބުންނެވެ.

”މޫސަ އަހަނީ ރަހުމާނުގެ ހިތްވަރު އެބަހުރިތޯ. އެސުވާލަށް އާއެކޭ ބުނީމާ ދެން ބުނީ އެހެންވިއްޔާ ތިމަންނަ މިހުރީ ރަހުމާނަށް އެހީވެދޭށޭ.” ރަހުމާނު ބުންޏެވެ.

”ހިތްވަރު“ މި ބަހަކީ ވިޔަފާރި ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމައިން ފެށިގެން މިއަދާ ހަމައަށްވެސް ރަހުމާނު ގެންގުޅޭ ފޯމިއުލާ އެވެ.

ވިޔަފާރި އިތުރަށް ފުޅާކުރުމަށް އިތުރު ފަންސާސް ހާސް ރުފިޔާގެ ކްރެޑިޓް ލިމިޓެއް މޫސަ އޭރު ކަނޑައެޅިއެވެ. ތެދުވެރިކަމާއެކު ދެފަރާތުން ކުރެވުނު މުއާމަލާތުގައި އުފެދުނު އިތުބާރުން މިއަދު އެއަދަދު ވަނީ ފަސް ލައްކައަށް އިތުރުކޮށް ދީފަ އެވެ.

މިހާރު ފެންނަން މިހިރަ މޯބައިލް ހާޑްވެއަރ އަކީ މޫސަގެ މުއްސަދި ޚިޔާލާއި މަޝްވަރާ ތަކުގެ ނަތީޖާ އެވެ. ރަހުމާނުގެ ޝުކުރުގެ ލިސްޓްގެ ކުރީގައި އޮތީ ﷲ ފިޔަވައި މޫސާ ކަލީމެވެ.

އޭގެ އިތުރުން އޭދަފުށީގައި އެންމެ ފުރަތަމަ ހާޑްވެއަރ ވިޔަފާރި ފެށުމުގެ ރެކޯޯޑްގެ ރީތި ނަން ރަހުމާނަށް ލިބި ތާރީޚުގެ ތެރެއަށް ވަދެގެން ގޮސްފައިވަނީ މޫސާ އެދުވަހު ވެދިން މާލީ އެއީއާއި ފަންނީ އެހީތެރި ކަމުގެ ސަބަބުންނެވެ.

ރަހުމާނުގެ މޯބައިލް ހާޑް ވެއަރ އަށް 20 އަހަރުވީއެވެ. އެތައް ބަޔަކު ތިކަމެއް ނުވާނެއޭ އެހެންކަމެއް ކުރަން ލަފާ ދިން އިރުވެސް ރަހުމާނުގެ ފަހަތަކަށް ނުޖެހުނެވެ. ކުރިއަރައިގެން އައީ އެހެންމީހުންނަށް ވިޔަފާރީގެ ރީތި މިސާލުވެސް ދައްކަމުންނެވެ.

އެންމެ ބޮޑަށް ފާހަގ ކުރެވޭ ކާމިޔާބީއަކީ ރަށުން ބޭރުމީހުންނާއި އަތޮޅުން ބޭރު މީހުންވެސް އޭނާގެ ފިހާރައަށް އެއަންނަނީ ރަށުގައި ހުރި ހުރިހާ ބޮޑެތި ހާޑްވެއާ ފިހާރަތަކެއް ފަސްދީފައެވެ. އެތަންތަނުން ނުގަނެ އޭނާގެ ފިހާރައަށް ކީއްވެގެން ހެއްޔެވެ؟

“އެއީ ކޮލިޓީ. އަހަރެން މުދާ ގަންނަ އިރު އަގުހެޔޮ އެތި ގަތުމުގެ ބަދަލުގައި ބަލަނީ އަގު ބޮޑުވިޔަސް އޭގެ ކޮލިޓީއަށް. އެހެންވެ ކޮލިޓީގެ އިތުބާރު މޮބައިލް ހާޑްވެއާ އަށް އޮންނާތީވެ މިހާ ދުރަށް ވިޔަފާރިކުރަން އެއަންނަނީ .”

އަނެއް އަޖައބަކީ އޭނާ ފިހާރައިގާ އިތުރު މުވައްޒަފަކު ނުގެންގުޅޭ ކަމެވެ. އެހެން ވިޔަސް ކިތަންމެ ބިޒީ ވިޔަސް މޫނު މަތިން އެކަމެއް ނުފެންނާނެ އެވެ. އިތުރު މުވައްޒަފެއް ގެންގުޅެގެން ލިބުނު ތަޖްރިބާގެ ހިތި ރަހަ އަދިވެސް ހުރީކަމަށް ވެދާނެއެވެ. އެހެންނަމަވެސް މިހާރު އިތުރު އެންމެ ސްޓާފެއް ގެންގުޅެއެވެ.

އިތުރު މީހުން ބޭނުމެއް ނުވޭ ބާއެވެ.

“ނުވޭ. މިއޮއް ދަނީއެއްނު. ﷲގެ ރަހުމަތުން ހަށިގަނޑުގައި އަދި ބާރު އެބަހުރި. އެހެންވީމާ އަމިއްލަ މަސައްކަތް އަމިއްލައަށް ކުރުމަށްވުރެ ލިބޭނެ ބޮޑު ހިތްހަމަޖެހުމަކީ ކޮބާ؟” އޭނާ ވެސް ކޮށްލީ ސުވާލެކެވެ.

މޮޅުވާހަކަ އެކެވެ. އަމިއްލަ މަސައްކަތް އަމިއްލައަށް ކުރެވޭނަމަ އެއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ނޯންނާނެ ދޯއެވެ.

އެކަމަކު ދަރިންގެ ކިޔެވުން އެންމެ ކުޑަމިނުން ޑިގްރީ ފުރިހަމަ ކުރުމަށްފަހު އޭނާގެ ބޮޑަށް ތިބި ދެ އަންހެން ދަރިންނަށް ވިޔަފާރި ހަވާލު ކުރުމަކީ އޭނާ ކުރާ އުއްމީދެކެވެ. އެކުދިން މިކަމަށް ޝައުގު ވެރިވާ ނަމައެވެ. އެހާ ހިސާބަށް އޭނާ ހުންނާނީ މިހާރުވެސް މި ފެންނަ މޯބައިލް ރަހުމާނުގެ ގޮތުގައެވެ.

އެހެންވިޔަސް މިހާރުން މިހާރަށް ވެސް ރަހުމާނުގެ މި ވިޔަފާރި އޮތީ ބޮޑު އިމާރާތަކަށް  ބޭނުންވެފައެވެ. އިތުރު މުވައްޒަފުންނާ އެކު ބިޔަ ހާޑްވެއަރއެއް ހިންގޭވަރަށް މުދާ ޖަމާވެފައި އެބަހުއްޓެވެ. އެކަމަކު އޭނާ ހުރީ އަދި އިތުރު މަރުހަލާއެއް ކަޑައްތު ކުރާ ގޮތަކަށް ނޫނެވެ.

ފިހާރައަށް ވިޔަފާރި ކުރަން އައިސް ހުރި މީހަކު —އީވީ ފޮޓޯ

“މިވަރު ފުދޭ ކަމަށް މި ބަލަނީ. ދިރިއުޅުމުގައި ކުރަން ބޭނުން ހުރިހާ ކަމެއް ކުރެވިއްޖެ. ދުނިޔޭގައި ރަނގަޅަށް އުޅެމުން އާޚިރަތަށް އަދާކުރަންޖެހޭ އަޅުކަންތައްވެސް ފުރިހަމަ ކުރެވިއްޖެ. ބާކީއޮތީ ހަމައެންމެ ބޭނުމެއް. އެއީ ދަރިންނަށް ކިޔަވައިދިނުން. އެކުދިން ބޭނުން ހިސާބަކަށް އެރޮނގުން ދިއުމަށް އެއްވެސް ހުރަހެއް ނެތް. އަހަރެން މި މަސައްކަތް ކުރަނީ އެކަމަށް.” ރަހުމާނުގެ ނިންމުން ހާމަކުރިއެވެ.

ފޮންޏެއް ނޫނެވެ. އޭނާގެ ހަމައެކަނި ކައިވެނިން ލިބިފައިވާ ތިން ދަރިން ތައުލީމާ ގޮތުން ހޯދާ ކޮންމެ ކާމިޔާބަކަށް އެންމެ ގާތުގައި އެންމެ ބާރަށް އަތްޖަހައި އެކުދިންނަށް ހިތްވަރުދީ ކުރިއަށް ދިނުމަށް އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން ހޯދައިދިނުމަކީ ރަހުމާނު އެންމެ އިސްކަން ދޭ ކަންތަކެވެ.

ރަހުމާނުގެ ޚާއްސަ އެެހެން ސިފައެއް އޭނާގެ ކިބައިން ފެނެއެވެ. އޭނާ ބުނި ވާހަކައެއް ނޫނެވެ. އަހަރެމެންނަށް ލިބިފަ އޮތް މައުލޫމާތެކެވެ.

އާއްމު މިންގަނޑަކުން މިނާއިރު ބޮޑެތި ވިޔަފާރިވެރިންނަކީ ވަރަށް މުށްބާރު ބައެކޭ ބުނެއުޅެއެވެ. އެ އުސޫލުން ރަހުމާނުވެސް އިސްތިސްނާއެއް ނުވެއެވެ. އެހެންނަމަވެސް އޭނާގެ ގާތަށް ބޭނުމެއްޖެހި މުހުތާދަކައިގެން އައި މީހަކު ހުސްއަތާ ފޮނުވައެއް ނުލައެވެ. އަދި ބުނަން ހެއްޔެވެ. ރަށު ފެންވަރުގައި ކުރެވޭ އިޖްތިމާއީ ކަންތައްތަކަށާއި ދީނީ ކަންކަމަށް ހިތްވަރު ދިނުމާއި ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމުގައި އޭނާގެ މުއް އޮންނާނީ ވަރަށް ދީލަތި ކަމާއެކު ހުޅުވާލާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top