ރ. މީދޫ ޓާފް ދަނޑުގެ މަސައްކަތް ކުރިއަށްނުދާތީ ދަނޑުގައި މިރުސް އިންދައިފި

247729251-2462244583909085-946593805904697999-n.jpg

މީދޫ ޒުވާނުން ނުކުމެ އިހްތިޖާޖު ކުރަނީ، ފޮޓޯ: އިބްރާހިމް ރަފޫ (ފޭސްބުކް)

ރ. މީދޫގެ ޓާރފް ދަނޑުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއްވެ، އެމަސައްކަތް ކުރިއަށް ނުދާތީ، އެރަށު ޒުވާނުން ނުކުމެ ދަނޑުގައި މިރުސް ގަސް އިންދައިފިއެވެ.

ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއެވެ.

އިއްޔެ ހަވީރު މީދޫގެ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ ދަނޑުގައި މިރުސްގަސް އިންދާފައިވަނީ ދަނޑުގެ މަސައްކަތް ހުއްޓިފައިވާތީ ޝުއޫރުފާޅުކޮށް އިހްތިޖާޖް ކުރުމަށްފަހު އެވެ.

މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް ވިދާޅުވީ ދަނޑުގެ މަސައްކަތް ނިންމަން އާރްޑީީސީއާ ހަވާލު ކުރީ 50 ދުވަހުގެ މުއްދަތެއްގައި ކަމަށްވީ ނަމަވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވީ އިރު ވެސް މަސައްކަތް ނުނިމޭ ކަމަށެވެ. އަދި ނިމޭނެ ދުވަހެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ޒުވާނުން ވަރަށް ކެތްކޮށްފި މިހާރު. 50 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައި މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީ. މިނިސްޓްރީން މިހާރު ވެސް އާރްޑީސީއަށް އަންގާފައިވަނީ އަވަހަށް ނިންމަން. އެކަމަކު އެމީހުން ބުނަނީ ވެލި ނުލިބިގެންނޭ ލަސް ވަނީ” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ދަނޑުގެ މަސައްކަތް އަލުން ފެށޭނެ ވަކި ދުވަހެއް އަދިވެސް ނޭނގޭ ކަމަށާއި ދަނޑުގެ މަސައްކަތް ނުނިމި ލަސްވުމަކީ ޒުވާނުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ މި މަސައްކަތް ނުނިމި ލަސްވަމުންދަނީ ދަނޑަށް އަޅާނެ ވެލި ނުލިބިގެން ކަމަށެވެ. ދަނޑުގެ ސަބްބޭސް މަސައްކަތް ނިމޭނީ ދަނޑު ލެވެލްކޮށްފަ ވެލި އަޅައިގެންނެވެ.

”މިނިސްޓްރީ އާއި އާރްޑީސީއިން އޭރު ސާވޭ ކުރި ބޭފުޅުން ނިންމެވީ ދަނޑަށް އަޅަން ރަށުގައި ވެލި ހުރި ކަމަށް. އެހެން ނަމަވެސް ރަށުގައި ހުރި ވެލިން ނޭޅޭތީވެ އިތުރު 5-4 ލޯޑް ގެނެސްގެން ވެސް ބޭނުންވާ ވަރަށް ނޭޅޭ. ދެން މިހާރު އާރްޑީސީއިން އަންގަނީ ދަނޑަށް އަޅަން ވެލި ނުލިބޭ ކަމަށް“ ޝަރީފް ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރެވޭނެ ގޮތެއް ހޯދުމަށް މީދޫ ކައުންސިލާއި އާރްޑީސީގެ އެމްޑީއާއި މަޝްވަރާ ކުރެެވިފައިވާކަން އޭނާ ފާހަގަ ކުރައްވައި ރަށުގެ ފަޅު ފުންކޮށް ވެލި ނެގޭނެ ވާހަކަ ހުށަހަޅާފައިވާކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top