ހިތްވަރާއެކު އެންމެފަހު މިނެޓާ ހަމައަށް މަސައްކަތް ކުރަން ސައްޓު އެދިއްޖެ

19961505_10156298784606521_2999790331456149112_n.jpg

އިޝާން އިބްރާހީމް (ސައްޓު) މެދުގައި. ފަހުމިނެޓާ ހަމައަށް ހިތްވަރާއެކު މަސައްކަތް ކުރުމަށް ސައްޓު އެދުނު / ފޮޓޯ: ކުޅުދުއްފުށި އޮންލައިން

އޭދަފުށީ ފުޓްބޯޅަ ޓީމު މޮޅު ވާނެކަމަށާ، ހިތްވަރު އެލުވާނުލައި އެންމެ ފަހު މިނެޓާ ހަމައަށްވެސް މަސައްކަތް ކުރުމަށް އޭދަފުށީ ޓީމްގެ އެންމެ ވިދުންގަދަ ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ޓީމްގެ ކުޅުންތެރިންގެ ކިބައިން އެދިއްޖެއެވެ.

މިދިޔަ ތިންއަހަރުގެ ތެރޭގައި މިނިވަން ޗެންޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް އޭދަފުށި ބޮޑު ބައްޔަކުން ބަލިވި މެޗަށްފަހު ފޭސްބުކު މެދުވެރިކޮށް ރޭ ސައްޓު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ ފަހަރަކު މޮޅުނުވުމަކީ އެކަށީގެންވާ ކަމެއްކަމަށާ، އެހަގީގަތާ ކުރިމަތިލާން ޖެހޭކަމަށެވެ. އަދި އަންނަ މެޗަށް އިޝާރާތްކޮށް އޭނާ ބުނެފައިވަނީ އަހަރެމެންނަށް ވާނެކަމަށާ، އެންމެ ފަހު މިނެޓާ ހަމައަށްވެސް މަސައްކަތް ކުރާނީ މޮޅުވާންކަމަށެވެ.

“ބައެއްފަހަރު އަހަރެމެން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ހުރިހާ ފަހަރަކު މޮޅު ނުވެދާނެކަން. އީއެފްޓީ (އޭދަފުށީ ފުޓްބޯލް ޓީމް). އަހަރެމެންނަށް ވާނެ. އަދި އެންމެ ފަހު މިނެޓާ ހަމައަށް މަސައްކަތްވެސް ކުރާނަން” ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ބަސްކޮޅަކާ ގުޅުވައިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ސައްޓު ބުނެފައިވެއެވެ.

ފޭސްބުކުގައި ސައްޓުކުރި ޕޯސްޓްގެ ސްކްރީން ޝޮޓެއް

އޭދަފުށީ ޓީމްގެ ޑިފެންސްގެ މުހިއްމު ދެކުޅުންތެރިން ކަމުގައިވާ ހަނީފާއި، ސާމީ އާއެކު ސައްޓު ނަގާފައިވާ ފޮޓޯއާއެކު ކުރި މިޕޯސްޓާއެކު އޭނާއަށް ތާއީދުކޮށް ސަތޭކައަށްވުރެ ގިނަ ލައިކް މިއަދު މެންދުރު ކުރި ލިބުނުއިރު، އޭނާގެ ވާހަކައަށް ތާއީދުކޮށް ބައެއް މީހުން ކޮމެންޓްވެސް ކޮށްފައިވެއެވެ.

މިއަހަރުގެ ފައިނަލް ބުރުގައި އޭދަފުށި ކުޅުނު 2 މެޗަށްވެސް ސައްޓު ވަޒީފާ އަދާކުރާ އޮފީހުގެ ރިލީޒް ނުލިބުމާ ގުޅިގެން އޭނާ ޓީމާ ގުޅިފައިވަނީ ކޮންމެ މެޗެއްވެސް ފެށުމުގެ 18 ވަރަކަށް ގަޑިއިރު ކުރިންނެވެ. އަދި މާދަމާ އޭދަފުށި މާޅޮހާއެކު ކުޅޭ ފަހުމެޗަށް ސައްޓުއަށް ދެވޭނެކަމާމެދު ވަނީ ޝައްކު އުފެދިފައެވެ.

އިއްޔެގެ މެޗްގެ ކުރިޔަށް ބަލާއިރު އޭދަފުށި މިނިވަން ޗެންޕިއަންޝިޕްގައި މިދިޔަ އަހަރު ހަމައެކަނި ބަލިވީ ފައިނަލް ބުރުގައި ތިމަރަފުށީ އަތުން 1-0 ން އެކަންޏެވެ. އިއްޔެ ށ. މިލަންދޫ އާ ބައްދަލުކޮށް އޭދަފުށި 4-1 ގެ ނަތީޖާއަކުން ބަލިވި ބަލިވުމަކީ 2014 ވަނައަހަރުގެ ފަހުން އޭދަފުށީ ޓީމް ކުޅުނު ވާދަވެރި މެޗެއްގައި މިހާބޮޑު ނަތީޖާއަކުން ބަލިވި ފުރަތަމަ ފަހަރެވެ. 2014 ވަނައަހަރު ބ. އަތޮޅު ފުޓްބޯޅަ ޗެލެންޖުގައި އެންމެން ހައިރާންކޮށްލި ފައިނަލް މެޗްގައި އޭދަފުށި ބަލިކޮށް ގޮއިދޫ ޗެންޕިއަންކަން ހޯދީވެސް 4-1 ގެ ނަތީޖާއަކުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top