އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެއަށް ސުޕާރީ އެތެރެކުރުން މަނާކޮށްފިއެވެ.
ސުޕާރީ އެތެރެކުރުން މަނާކޮށްފައިވަނީ އެއް ފަހަރު ބޭނުން ކޮށް އުކާލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް، މަރުހަލާ ތަކަކަށް ބަހާލައިގެން ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި އުފެއްދުމާއި ބޭނުން ކުރުން މަނާކުރާ ގޮތަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުންނެވެ. މި އިސްލާހުގައ ިވާގޮތުން ޕްލާސްޓިކް ހޮޅި އާއި، ތައްޓާއި އަދި ސަމުސާ ފަދަ ތަކެތީގެ އިތުރުން ކާބޯތަކެތި ބަންދު ކުރަން ބޭނުންކުރާ ސްޓައިރަފޯމް ފޮށި ރާއްޖެ އެތެރެކުރުން މަނާ ވާނެއެވެ.
ޖޫން 2021 އިން ފެށިގެން މަނާވާ ޕްލާސްޓިކްގެ ބާވަތްތައް
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)
އެއްފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކަކީ ތިމާވެއްޓަށް އެންމެ ބޮޑު ގެއްލުމެއްދޭ އެކައްޗަށް ވަނީ ވެފައެވެ. ސަރުކާރުން މިހާރު ވެސް ދަނީ އެއްފަހަރު ބޭނުން ކުރުމަށް އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ. އޭގެތެރޭގައި ސަރުކާރުގެ އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލުން ހިމެނެއެވެ.