ބ. އަތޮޅު ދަރަވަންދޫގައި ސަރުކާރުން ގާއިމުކުރި ފެނުގެ ނިޒާމު ނިންމައި އެހިދުމަތް ރަސްމީކޮށް ދޭން ފަށައިފި އެވެ.
ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވީ އިއްޔެ ދަރަވަންދޫގައި މިކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ އެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ޝައުނާ ވިދާޅުވީ ފެނުގެ ހިދުމަތުގެ ރެގިއުލޭޓަރާއި ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެހީތެރިވެ، ދާއިރާއާއި ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމާލުމަށްފަހު އެތަން އޮޕަރޭޓްކުރަން ހަވާލުކޮށްފައިވަނީ ފެނަކަ އާއެވެ.
މި މަޝްރޫއުގެ ދަށުން ދަރަވަންދޫގައި 25 ޓަނުގެ 2 ޑީސެލިނޭޝަން ޕްލާންޓު ބަހައްޓާފައިވެ އެވެ. މި ޕްލާންޓްތައް މެދުވެރިކޮށް ދުވާލަކު 50 ކިއުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ލިބިފައިވާކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
ދަރަވަންދޫގައި ފެނުގެ ނިޒާމު ގާއިމޮކޮށް ނިމުނު އިރު އެރަށުގެ ގޭބިސީ ތަކާއި އެހެނިހެން އިމާރާތްތަކުގައި 362 ފެން މީޓަރު ބަހައްޓައިދީފައިވެއެވެ.
ދަރަވަންދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން 33.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.