ބ.ކުޑަރިކިލުގައި ހުންނަ އާސާރީ މިސްކިތް، ނުވަތަ “ބާމިސްކިތް” އެރަށުގެ ހިއްޗާ ބޮޑުބެރު ގުރޫޕުގެ ފަރާތުން ސާފުކޮށްފިއެވެ. އެގުރޫޕުން އެމަސައްކަތް ކޮށްފައިވަނީ އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާ މިނިސްޓްރީ އާއި އެރަށު ކައުންސިލާއި ގުޅިގެނެވެ.
ހިއްޗާ ބޮޑުބެރު ގުރޫޕުން ބުނީ، އެމަސައްކަތް ކުރުމުގެ ބޭނުމަކީ އެމިސްކިތަކީ ރާއްޖޭގައިވެސް ނުފެންނަފަދަ ގަދީމީ ފަންނުވެރިކަން މަސައްކަތްތަކެއް ކޮށްފައިވާ ތަނަކަށްވެފައި ތާރީޚީ ގޮތުން ރައްކާތެރި ކުރަންޖެހޭ ތަރިކައެއް ކަމަށް ވާތީ މިސްކިތް އެގޮތަށް ވީރާނާ ވާން ދޫކޮށްލާފައި ބޭއްވުމަށް ބޭނުން ނުވާތީ ކަމުގައެވެ.
1989ވަނަ އަހަރު މި މިސްކިތުގައި ނަމާދު ކުރުން ހުއްޓާލުމަށް ފަހު އެމިސްކިތް ބަލަހައްޓާފައިނުވާތީ އެތަން ވަނީ ވަރަށް ބޮޑަށް ހަޑިވެ މަރާމާތަށްވެސް ބޭނުން ވެފައެވެ. އެހެންކަމުން އެތަން ރީތިކުރަން ވިސްނައި މިއަދު އެމަސައްކަތް ކުރީ ކަމަށް އެގުރޫޕުން ބުންޏެވެ.
އެގުރޫޕުން ބުނީ، އެތަން މިހާރަށްވުރެ ބޮޑަށް ބަލަހައްޓައި މިނިސްޓްރީގެ އެއްބާރުލުމާއެކު އެމިސްކިތް އަލުން ބިނާ ކުރުމަކީ ޒުވާނުންގެ އުންމީދެއް ކަމަށެވެ.
ކުޑަރިކިލު ބާމިސްކިތުގެ ފާރުގައި ހަދާފައިވާ ސަމުގާއެއް ރަމްޒްކޮށްދޭ ކުޑަ ދެ ދޮރު ހުރެ އެވެ. މި ދެ ދޮރުވެސް ފަރުމާކޮށްފައި ވަނީ ކުކުޅު ބިހުގެ ބައްޓަމަށެވެ. ފާރުގެ ތެރެއިން ކަނޑާ ނަގާފައިވާ އެ ދެ ދޮރު ވެސް ހުންނަނީ އަނބުރާ ލެވޭ ގޮތަށެވެ.
ބާމިސްކިތާއި މި ދެދޮރު ފަރުމާ ކޮށް އުފައްދާފައިވަނީ ގަލާއި އުވައިގެ ވަޑާމަށް ކުޑަރިކިލުގައި އުފެދުނު އެންމެ ކުޅަދާނަ ފަންނުވެރިޔާ ކަމުގައިވާ މުހައްމަދު އަލި މަނިކު (ނައިބު ކަލޭފާނު)އެވެ.