ޓީޗަރުންގެ މުސާރަ ބޮޑުވާނެ ދުވަހެއް މިނިސްޓަރަށް އެނގިވަޑައިނުގެންނެވި

EIqfhcxXUAASJ65-876x584.jpg

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ މަޖިލީހުގައި - ފޮޓޯ: މަޖިލިސް

ޓީޗަރުންގެ މުސާރަ ބޮޑުވާނެ ދުވަހެއް އެނގިވަޑައިނުގަންނަވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޓީޗަރުންގެ މުސާރަ ބޮޑުވާނެ ދުވަހަކާއި ބެހޭގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަލީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނެވެ.

“މުސާރަ ބޮޑުކޮށް މުސާރަ ހަމަހަމަ ކުރުމަކީކުރައްވަނީ ޕޭ ކޮމިޝަނުން ކުރައްވާ ކަމެއް. އުއްމީދު ކުރައްވަނީ ވަރަށް އަވަހަށް މުސާރަ ބޮޑުވާނެ ކަމަށް. ޓީޗަރުންގެ މުސާރައަށް ރަނގަޅު ގޮތްތަކެއް ހަދައިދިނުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރުވެސް ވަނީ ކުރެވިފައި.” އެކަމަނާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އިތުރުން ޕްރިންސިޕަލްގެ މުސާރަ އާއި އެޑިއުކޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ޕޭ ކޮމިޝަނާއި މައުލޫމާތު ހިއްސާ ކުރެވިފައި ވާނެ ކަމަށާއި އެހެންކަމުން އެޑިއުކޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އަލަށް މިދާއިރާއަށް ވަންނަ މީހުންގެ އަދަދު މަދު ވުމުގެ އެއް ސަބަބަކީ ވެސް މުސާރަ ކުޑަވުމެވެ. އޭގެ އިތުރުން ޓީޗަރުންނަށް ކުރިމަތިވާ ޕްރެޝަރަކީ ވެސް ޓީޗަރުންގެ ވަޒީފާ އަށް މީހުން މަދުވާ ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ތަމްރީންތައް ނުލިބުމާއި ކިޔެވުމުގެ ފުރުސަތު ފަސޭހަ ގޮތަކަށް ނުލިބުމާއި ގަދަރުވެރި ވަޒީފާއެއްގެ ގޮތުގައި މިއަދު މުދައްރިސުން ނުދެކުމަކީވެސް މި ވަޒީފާއަށް ނިކުންނަ މީހުންގެ އަދަދު މަދުވާ ސަބަބެއް ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޓީޗަރުން ދުވާލަކު ނުވަ ގަޑިއިރާއި 12 ގަޑިއިރު މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަދި ރޭގަނޑާއި ހަފްތާ ބަންދުގައި ވެސް އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ޖެހޭކަމަށް ވިދާޅުވެ އެކަމަނާ ވިދާޅުވީ ޓީޗަރުން ކުރާ މަސައްކަތާ އަޅާ ބަލާއިރު ލިބޭ މުސާރަ ކުޑަކަން ފާހަގަކުރައްވައިފަ އެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ ކެމްޕޭނުގައި ހއ. ދިއްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ ބުރަ އަދި ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރައެއް ނޫންކަމަށާ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top