ކެންޑިޑޭޓް ގެ ބަސް: ތޮލާލް އަބްދުއްރަހްމާން

18033132_10155274361684694_865785116434230428_n.jpg

ލޯކަލް ކައުންސިލް އިންތިޚާބު އައިސް ބޯމަތި ވެއްޖެއެވެ. ދާއިރާ ތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުން ކެމްޕޭން ކުރަން ފަށައިފިއެވެ. އެމީހަކު ދާއިރާ އަށް ކޮށްދޭނެ ކަންތަކުގެ ވައުދުފުނި މި މޫސުމާއެކު ރައްޔިތުންގެ ސިކުނޑިތަކަށް ބާރު ފޯރުވާން ފަށައިފިއެވެ.

ވޯޓު ދޭން ޖެހޭނީ އެމީހަކަށް ފެންނަ މީހަކަށެވެ. އެއީ އޭނާގެ ހައްގެކެވެ. އެއްވެސް ފަރާތެއްގެ ބާރުއެޅުމެއް މި ކަމުގައި ނެތުމަކީ އެންމެ ރަނގަޅު ގޮތެވެ. އެހެންނަމަވެސް ރައްޔިތުމީހާގެ ޒިންމާވެސް މި ކަމުގައި ބޮޑެވެ. އެމީހާ ބަލަން ޖެހޭނީ “ތިމާގެ” މީހާގެ ބަދަލުގައި ދާއިރާ އަށް ބޭނުންވާ ކަންތައް ތަކެއް ކޮށްދިނުމުގެ ބާރު ހުރި މީހަކަށެވެ. ބާރުގެ ގޮތުން ބަލާއިރު ތައުލީމާއެކު ތަޖްރިބާ އަކީ އެންމެ ވަރުގަދަ ބާރެވެ. ރައްޔިތުން ބަލައިގަންނަނީ ކިހާވަރަކަށްތޯ މިނެލުމަކީ ބާރު ބަލާލުމަށް ކުރެވޭނެ ތަޖްރިބާއެކެވެ. ފަސްބައި ތާހިރުކަމާ އެކު ރައްޔިތުން ގޮވައިގެން އުޅުމުގެ ގާބިލްކަން ހުރީ ކިހާ ވަރަކަށްކަންވެސް ވިސްންނަވާނެކަމަށް ދެކެވެމެ. ކެންޑިޑޭޓަށް ވޯޓު ދޭއިރު ރައްޔިތުމީހާގެ ވާޖިބަކީ ވޯޓް ދެވޭ ކެންޑިޑޭޓް ވާންޖެހޭނީ ދާއިރާ އަށް ކުރިމަތި ވެފައިވާ ގޮންޖެހުންތަކާއި ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމުގެ ގާބިލްކަމާއި ތަޖްރިބާ ހުރި މީހަކަށެވެ. ފަސްބައި ތާހިރު ރައްޔިތަކު ގޮވައިގެން އުޅެން ދަންނަ މީހަކަށެވެ. އެމީހެއްގެ ތާރީޚަކީވެސް ބަލަން ޖެހޭނެ ކަމެކެވެ.

މިކަން ފަސޭހަ ކޮށްދިނުމުގެ ގޮތުން އީވީގެ ފަރާތުން ދާއިރާއަށް ކުރިމަތިލާފައިވާ ކެނެްޑިޑޭޓުންގެ ޕްރޮފައިލެއް މިހުށައަޅަނީ ރައްޔިތުންގެ ސަމާލުކަމަށާއި ވޯޓްދިނުމަށް އެނެމެ އެކަށީގެނވާ މީހާ ހޯދުމުގައި ފަސޭހައަކަށެވެ.

ވިދާލުވަމުން ގެންދަވާށެވެ.

ކެންޑިޑޭޓްގެ ކުރުތައާރަފެއް :

ތޮލާލް އަބްދުއްރަހްމާން އަކީ ސާނަވީތައުލީމް ހާސިލް ކުރެއްވުމަށްފަހު 2001ވަނަ އަހަރު ރިސޯޓް ދާއިރާއިން މަސައްކަތުގެ ދާއިރާއަށް ވެއްނެވި ބޭފުޅެކެވެ. ފަހުން 2004 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް މަސައްކަތް ކުރައްވަމުން ގެންދެވީ ބ. އަތޮޅު ހޮސްޕިޓަލްގައެވެ. ތޮލާލަކީ އޭދަފުށީ ކުޅިވަރުގެ މައިދާނުގައި ޚާއްސަކޮށް ބެޑްމިންޓަން އިން ގައުމީ ފެންވަރުގައި ވާދަކޮށް އިންޑިވިޖުއަލް އިވެންޓުން ފުރަތަމަ ބ. އަތޮޅަށް ރަންމެޑަލް ހޯދާދެއްވި އެތުލީޓެވެ. ތޮލާލަކީ ޒުވާނުންނާ ގުޅުންބޮޑު ރައްޔިތުންގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތެކެވެ.

ސ. މި ދާއިރާއަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟ 

ޖ: އަޅުގަނޑަކީ ރައްޔިތުންގެ ކަންކަން ވަރަށް ގާތުން ބަލަން ބޭނުންވާ މީހެއް. ކައުންސިލްގެ ދެ ދައުރެއް ނިމިގެން ދިޔައިިރު ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ކައުންސިލުން ވަނީ ހާސިލްކޮށްފައި. ނަމަވެސް މިހާރުން މިހާރަށްވެސް ކުރަންޖެހިފައިވާ މުހިއްމު ބައިވަރު ކަންތައް އެބަހުރި. މިކަންކަން ހަމަމަގަށް އެޅުވުމަކީ އޭދަފުށިގެ ކޮންމެ ރައްޔިތެއްގެވެސް ކޮނޑުގައި އެޅިފައިވާ ވާޖިބެއް. އެގޮތުން އަޅުގަނޑުވެސް ކައުންސިލަށް ކުރިމަތިލީ ރައްޔިތުންގެ އިހްސާސްތަކަށް، ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދީ، އެކަމަށް ތަސައްލީއެއް ހޯދާދިނުމުގެ ގޮތުން

ސ. ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވިނަމަ، ސަބަބު ބަޔާންކޮށްދެއްވުން އެދެން؟ އަމިއްލަ ގޮތުންނަމަ، އަމިއްލަގޮތުން ކުރިމަތިލެއްވި ސަބަބު ބަޔާންކޮށްދެއްވުން އެދެން.

ޖ: އަޅުގަނޑު ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރަން ނިންމީ ރައްޔިތުންގެ ކަންކަން ނިންމުމުގައި ސަރުކާރު ހިންގާ ފާޓީއާ ގުޅިގެން ނޫނީ  މިމަސައްކަތް ކާމިޔާބުކުރަން ދަތިވާނެތީ. އަނެއްކޮޅުން މިސަރުކާރަކީ އޭދަފުށީގެ ތަރައްޤީއަށް ވަރަށް ބޮޑު އިސްކަމެއްދޭ، ސަރުކާރު ހިންގާ ޕާޓީގެ މެޖޯރިޓީ ރަށަކަށްވާތީ. ޕީޕީއެމުން ކުރިމަތިލީ ކަމުގައިވިޔަސް ރައްޔިތުންގެ މެދުގައި ހަމަހަމަ އުސޫލަކުން ކަންކަން ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑަށް އެބައޮތް.

ސ. ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލުގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

ޖ: އެންމެ އިސްކަންދޭ މައްސަލައަކީ އޭދަފުށީގެ ކުނި މެނޭޖް ކުރުމުގެ މައްސަލަ. މިކަން މުރާޖައާކޮށް ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރަހްމަތްތެރި ގޮތަކަށް ކުރުމަށް އަޅުގަނޑުގެ ވިސްނުން އެބަހުރި. އެކަން ކުރާނީ ރައްޔިތުންގެ ބައިވެރިވުމާ، ރުހުމާއެކު.

ދެވަނަ ކަމަކަށް އަޅުގަނޑު އެންމެ އިސްކަންދެނީ އޭދަފުށީގެ ރައްޔިތުންނަށް ދަތިވެފައިވާ ގޯތިގެދޮރުގެ މައްސަލައަށް. މިކަން ހައްލުކުރުމަށްޓަކައި ހިއްކިބިމުގައި ފްލެޓާއި ގޯތި އެޅުމަށް ސަރުކާރާ މަޝްވަރާކޮށްގެން ވަރަށްބޮޑަށް މަސައްކަތް ކުރާނަން.

އޭދަފުށީގެ އަރާފޭބުމުގައި މިހާރު ބޭނުންކުރާ ބަނދަރު ވަނީ ތޮއްޖެހި ނާތަރުތީބުވެފައި. ބަނދަރު ހަމަމަގަށް އެޅުމަށާ، އިތުރު ބަނދަރެއް އޭދަފުށީގައި ހެދުމަށް ސަރުކާރާ މަޝްވަރާކޮށްގެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން.

ސ: ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ: (މަދުވެގެން 2 ކަމެއް، ގިނަވެގެން 4 ކަމެއް ކުރުތަފްސީލަކާއެކު)

ޖ: އިޚްލާސްތެރިކާމާއެކު ރައްޔިތުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ދެމިހުންނާނަން. މާނައަކީ އަޅުގަނޑު ރައްޔިތުންގެ ފައިސާއަށް އިރާދަކުރެއްވިއްޔާ ޚިޔާނާތްތެރިއެއް ނުވާނަމޭ.

އަދި ރައްޔިތުންނާ ވަކިވަކިން ބައްދަލުކޮށް ލަފައާ މަޝްވަރާ ހޯދާނަން. އަދި ކަމާބެހޭ ފަރާތްތަކުގެ ލަފައާ އިރުޝާދު ލިބިގެން ނޫނީ ކަންކަން ނުނިންމާނެކަމުގައި ދަންނަވަން

ރައްޔިތުން އެދޭ ފެންވަރުގެ ޒިންމާދާރު ކައުންސިލަކަށް އޭދަފުށި ކައުންސިލް ހެދުމަށް މަސައްކަތް ކުރާނަން

ސ: ދާއިރާގެ ރައްޔިތުނެގެ ގާތު ބުނެލަން ބޭނުންވަނީ….

ޖ: އަޅުގަނޑަކީ އޭދަފުށި ކަންކަން ވޭތުވެދިޔަ 12 ވަރަކަށް އަހަރު ގާތުންދެކި އަތުން ހިފާފައިހުރި މީހެކެވެ. އޭދަފުށީގެ މައްސަލަތަކާ، ރައްޔިތުންގެ އިހްސާސްތައް އަޅުގަނޑަށް ގާތުން ދަނީ ފެނި އަޑު އިވެމުންނެވެ. އެހެންކަމުން އަޅުގަނޑުގެ އުއްމީދަކީ އޭދަފުއްޓަކީ ސާފުތާހިރު، އެކުވެރި، ޒިންމާދާރު ރައްޔިތުން ހިތްހަމަޖެހިގެން އުޅެވޭފަދަ ވެއްޓަކަށް އޭދަފުށި ހެދުމެވެ. މިމަސައްކަތް ކާމިޔާބުކުރުމަށްޓަކައި އަޅުގަނޑު ތޮލާލް އަބްދުއްރަހްމާން ކެންޑިޑޭޓް ނަމްބަރ 9 ގައި ހެޔޮ ފާހަގަޖައްސަވައިދެއްވުން ވަރަށް ބޮޑަށް އެދެމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top