ހައްވާފުޅު

ރރރރ.jpg

(ޖުލައި 2 އާގުޅޭ)

”އެއީ ދެން އެހާވަރުގެ ކަމެއް؟ “

”އާނ. ބޭބެ އައީ އަހަރެންގެ ދުނިޔެ ބަދަލުކޮށްލަން.“

”ކޮން ގޮތަކުން… ކިހިނެއް؟“ސިއްތި ހުރީ ވެގެން އުޅޭގޮތް އޮޅުން ފިލުވަން ބޭނުން ވެފައެވެ.

”އަސްލުގައިވެސް އަހަރެންގެ ނަސީބު ބަދަލުވަނީ. ކުރިމަގު އުޖާލާވަނީ. އެނގޭތަ ސިއްތީ! ވަރަށް އަވަހަށް އަހަރެން ފުރަންޖެހޭނެ. ފޫޅުމާ ކޯސް ފުރިހަމަކުރަން މާލެއަށް. އެއީ ބޭބެ ހޯދައިދިން ފުރުސަތެއް. “ހައްވާފުޅު ހުރީ އުފަލުން ފުރިފައެވެ.

ނަސީބަކި އެކަހަލަ ކަމެކެވެ. އިއްޔެ ހައްވާފުޅު ހުރީ ކަރުނަ ނުހިކޭ ހާލުގައެވެ. ދުނިޔެ އޭނާއަށް ދެއްކި އަނިޔާ އާމެދު ނާއުއްމީދާއި މާޔޫސް ކަމުގައެވެ. އެހުރިހާ ކަމެއް ބަދަލު ވެގެން ދަނީ އެވެ. އާ ދުނިޔެ އަކަށެވެ. އާ ބައެއްގެ ތެރެއަށް އާ މީހަކަށް ވެގެންނެވެ. އެދުނިޔެއަށް އެދަނީ މާޒީގެ ހިތިހަނދާން ތަކާ ދުރުވެ ހިތާއި ނަފްސު ތާހިރު ކުރާށެވެ. ރޫޅިފައިވާ ޒަވާޖީ ހަޔާތާއި ގެއްލެމުންދާ ޒުވާން ކަމަށް ފިކުރު ކުރުން ދޫކޮށް ވަރުގަދަ ހައްވާފުޅަކަށް ވާށެވެ.

އެއީ ފަސޭހަކަމެއް ނޫނެވެ. އޭނާ އެއުޅެނީ އަމިއްލަ ނަފުސްގެ އެހަނގުރާމަ ފަށައިގެންނެވެ. ކޮންމެ ދުވަހަކު އިރުއަރަނީ މާޒީގެ ހިތްދަތި ހަނދާންތަކުގެ އުނދަގުލާއެކު އެވެ. އިރު އޮއްސެނީ އެބަލިކަށި ހިތަށް ހަނދާން ތަކުގެ ތޫނު ކަށިތައް ތޮރުފަމުންނެވެ. އެކަމަކު ނުރޮއެވެ. ނުވެސް ރޯނެއެވެ. އޭނާ ނުކުރާނެ ކަމަކީ ފަހަތް ބެލުމެވެ.

އެންމެ ފަހުން އެއުފާވެރި ދުވަސް ބައްދަލު ކޮށްފި އެވެ. އިބްރާހީމް ބޭބެ އައިސް މިރޭ ފުރަން ތައްޔާރު ވާން އަންގައިފި އެވެ.

މަޣުރިބު ނަމާދަށްފަހު ހައްވާފުުޅު އުޅުނީ ދަތުރަށް ފޮށި ތައްޔާރު ކުރާށެވެ. އިރުކޮޅަކުން ދާދިގާތުން މީހެއްގެ ހިލަންވެގެން ބަލައިލިއެވެ. އޭރު އަހުމަދު ހުރީ ނިދާފައި އޮތް ހަފީޒަށް ބަލަހައްޓައިގެންނެވެ.

ހައްވާފުޅު ބިރުގެންފިއެވެ. މިގަޑީގައި މީނާ މިއައީ ކީއްކުރަން ހެއްޔެވެ. އަނެއްކާ ދަރިފުޅު ގެންދާކަށް ނޫން ބާއެވެ. ގޭގައި އެކަކުވެސް ނެތް ވަގުތެކެވެެ. އެހީއަކަށް އެދި ގޮވާލާނީވެސް ކާކަށް ހެއްޔެވެ.؟

”މީހުންގެ ގޭގެއަށް ހުއްދަ ނުހޯދާ ވަނުމަކީ ވަރަށް ގޮތްކުޑަ އަމަލެއް. “ އޭނާ ބިރުން ހުރެ އަހުމަދުއާ ކުރިމަތިލިއެވެ.
”މިއައީ މީހެއްގެ ގެއަކަށް ނޫން. އަހަރެންގެ ދަރިފުޅު ބަލާ.“ އަހުމަދު ސާފުކޮށްދިނެވެ.

ހައްވާފުޅަށް ހީވީ ދުނިޔެ ގިޔާމަތްވީ ހެންނެވެ. އޭނާގެ ދަރިފުޅާ އޭނާއަކީ ވަކިނުކުރެވޭނެ ދެ ގުނަވަނެވެ. ހަށިގަނޑުގެ ބައެކެވެ. އެގުނަވަން ވަކިވެއްޖެނަމަ ދިރިއެއް ނުހުރެވޭނެ އެވެ.

އޭނާ އަހުމަދުގެ ދެފައިތިލަ މައްޗަށް ތިރިވެ ރޯންފެށިއެވެ.

”ނޫން އަހްމަދު. އަހަންނަށް އަނިޔާ ދެވިއްޖެ. ހިތް ނުފުރޭކަމަށް ވަންޏާ އަދިވެސް އަނިޔާކުރޭ. އެކަމަކު ދަރިފުޅު މިދެމެދަށް ވައްދައިގެން ނުވާނެ. ކަލާނގެ ރަސްކަންފުޅަށްޓަކާ. މިދަރިފުޅަށް އޭނާގެ މަންމަ ވަރަށް މުހިންމު. އަހަރެންގެ ހަށިގަނޑުގެ ލޭ ބޯންދީގެން ބޮޑުކުރާ ދަރިއެއް މިއީ. އެކަމުން އޭނާ މަހުރޫމު ނުކުރޭ ! އަހަންނާ މެދު ރަހުމެއް ނެތަސް ދަރިފުޅާމެދު ރަހުމް ކުރަން ވާނެ. ތިޔައީ ހަމައެކަނި އަހަންނަށް ދެވޭ އަނިޔާއެއް ނޫން. މި ދަރިފުޅަށްވެސް ދެވޭނެ އެންމެބޮޑު އަނިޔާ. “

ހައްވާފުޅުގެ އާދޭސް އަހުމަދު އަޑެއް ނޭހި އެވެ. ނިދާފައޮތް ހަފީޒް ނަގައިގެން އަހުމަދު އެގެއިން ނުކުންނަން ހިގައިގެންފިއެވެ. ހައްވާފުޅު އަހުމަދުގެ ދެފައިގާ އެލިގަނެގެން އޮވެ ރޮމުން ގެންދިޔަ އެވެ. އެވަގުތު ސިއްތިއާއި އޭނާގެ ފިރިމީހާވެސް ގެއަށް އަތުވެއްޖެއެވެ. އެމީހުން އަޔަސް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ. މިއީ އެމީހުންނާ ބެހޭކަމެއް ނޫނެވެ. އަހުމަދުއާ ހައްވާފުޅުގެ އަމިއްލަ މައްސަލައެކެވެ. އެހެންކަމުން މަންޒަރު ބަލަހައްޓައިގެން ތިބެވުނީ އެވެ.

ހައްވާފުޅު އޭނާގެ ދަރިފުޅު ދިނުން އެދި އާދޭސް ކުރަނީ އެވެ. އެކަމަކު އަހުމަދު ފަރުވާލެއް ނެތި މަޣްރިބު ނަމާދުގެ ބަންގީގެ އަޑާއެކު ހަފީޒް އުރާލައިގެން އެގެއިން ނުކުމެއްޖެ އެވެ.

ހައްވާފުޅު ބިންމަތިން ތެދުވެ ބާރަށް ހިގާފައިގޮސް ކެލާމާގެއަށް ވަދެ މައިދައިތަ ގާތު ރޮއިގަތެވެ.

”މަންމާ! އެއީ ބުއްބޯ ޅަ ކުއްޖެއް. އެކުއްޖާފުޅަށް މައިމީހާގެ މުހިއްމުކަން އެންމެ ބޮޑުވާނެ ދުވަސްވަރަކީ މިއީ. އަހަންނަށް އެދަރިފުޅު ހޯދައިދީ. މަންމަ ބުނި ކޮންމެ ކަމެއް ކުރަން ތައްޔާރު. “

ހައްވާފުޅުގެ މި އާދޭހަށް މައިދައިތަ ދޭނެ ޖަވާބެއް ނޭނގުނެވެ. ދަރިފުޅު ގޮވައިގެން އަހުމަދު ދިޔަ ތަނެއްވެސް ނޭނގެ އެވެ. އެކަމަކު ގެއިން ނުކުމެ ކޮންމެވެސް ތާކަށް ހިނގައްޖެއެވެ. އަހުމަދު ހޯދާން ކަމަށް ވެދާނެ އެވެ.

ހައްވާފުޅު ދެން ދިޔައީ އިބްރާހީމް ބޭބެ ގާތަށް އެގެއަށެވެ. ބޭބެ ފެނުމާއެކު ބޭގެ ގައިގާ އޮޅުލައި ގަތެވެ.

”މި ދުނިޔޭގައި އަހަންނަށް ހެޔޮ އެދޭ މީހަކު ހުރިނަމަ އެއީ ބޭބެ . އަހަރެން އެއްކަމެއް އެކައްޗެއްވެސް ބޭނުމެއްނޫން. ހަމައެކަނި އަހަރެންގެ ދަރިފުޅު އަހަންނަށް ހޯދައިދީ.! އަހުމަދު އައިސް ދަރިފުޅު ގޮވައިގެން ހިނގައްޖެ ބޭބޭ.! އަހަންނަކަށް އެދަރިފުޅާ ނުލައި ނޫޅެވޭނެ. އެ ދަރިފުޅަށް ވެސް މަންމަ މުހިއްމު ވާނެ. ބޭބެއަށް އެކަން ވާނެ. އެކަން ކުރެވޭނެ. ވެރިކަމުގެ ފަރާތުންވެސް އާއިލާގެ އިސް މީހެއްގެ ގޮތުން ބޭބެގެ ބާރު ހިނގާނެ.“ ހައްވާފުޅު ރޮމުން ރޮމުން ބުނަމުން ދިޔައެވެ.

“އަހަރެން ތިކަމާ މިއުޅެނީ. ހައްވާފުޅު ގޮސް އަވަހަށް ފުރަން ތައްޔާރުވޭ. މިރޭ އެގާރަ ޖަހާއިރު ބައްތެލި ފުރާނެ. ”

ބޭނެދިން އުއްމީދުން ހައްވާފުޅަށް ހަމަނޭވާ ލެވިއްޖެ އެވެ. ވަށައިގެން ތިބި މީހުންތަކަށް ބަލައިލިއެވެ. އެހުރިހާ އެންމެންގެ ތެރެއިން ވެސް އޭނާއަށް ފާހަގަކުރެވުނީ ސިއްތި އެވެ.

ސިއްތިއާއެކު ހައްވާފުޅޫ އެގެއަށް ދާން ހިނގައިގެންފި އެވެ. އެދެމީހުންގެ ފަހަތުން އިބްރާހީމް ވެސް އާދެއެވެ. އެންމެ ފަހުން އިބްރާހީމް ބުންޏެވެ.

”ހައްވާފުޅު ތިޔަ ދަނީ ކިޔަވަން. ދަރިއަކު ބަލަމުން އެހެން ތަނަކަށް ކިޔަވަން ދިޔުން ވާނީ އުނދަގޫ ކަމަކަށް. ކޯހެއްގައި އުޅޭއިރު ވަރަށް ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރަން ޖެހޭނެ. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ދަރިފުޅު އަހަރެމެންނާ ހަވާލުކޮށް އަވަހަށް ފުރައިގެން ދިއުން.“

ހައްވާފުޅު އެނބުރި ބޭބެއަށް ބަލައިލި އެވެ.

”ބޭބޭ. ދުލުން ބުނެލަން ކިހާ ފަސޭހަ. އެކަމަކު ކިހިނެއް ވާނެ ކަމެއް. އެއީ އަހަރެންގެ ހަށިގަނޑުގެ އެއްބައޭ. “ހައްވާފުުޅުގެ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

އެ މަޖްބޫރު އިންސާނާއަށް އެންމެ ފަހުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. މަޑުމަޑުން ރުއިމުގެ އަޑު ފާޅުވާން ފަށައިފި އެވެ.

”ހާޝިމް ބަލާނީ މަންމަ އާއި އައްޒަ ފަހަރި. އެއީ އާއިލާގެ އަމާނާތެއް. މާތްކަލާނގެ އާއި ވަކީލު ކޮށް އަވަހަށް ފުރައިގެން ދޭ! ހާޝިމް އަކީ އަހަރެންގެ ދަރިއެއް. މުޅިއާއިލާގެ އެންމެންގެވެސް ދަރިފުޅު. ހައްވާފުޅު އެނބުރި ކޮންމެ ދުވަހަކުން އައި ނަމަވެސް އަމާނާތްތެރި ކަމާއެކު ބަލަހައްޓާނަން. އެކަމާ އަހުމަދާ އެއްވެސް ގުޅުމެއް ނެތް. އޭނާއަކީ އަހަރެމެންގެ އާއިލީ މީހެއް ކަމަށް ނުބަލަން.“

**************************************

ހައްވާފުޅު މާލެއައީ ދަރިފުޅު ނުލައެވެ. އިބްރާހީމް ބޭބެގެ ވަރަށް ނަސޭހަތާއެކު އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ.

އޭނާ މާލޭގައި އިންނަނީ މާފަންނު މެޓްރޯވިލާ ގައެވެ. އެއީ އިބްރާހިމް ބޭބެވެސް މާލެ އައިސް ހުންނަ ގެއެވެ. އާއިލީގޮތުން ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮންނަ ގާތް ބައެކެވެ. މިއަދާ ހަމައަށްވެސް އެގުުޅުން ވަރުގަދަ އެވެ.

ހައްވާފުޅު ކިޔަވަނީ ހަމައެކަނި ފޫޅުމައި ކަމެއްނޫނެވެ. މުދިންކަމާ ގުރުއާން މުދައްރިސްކަމުގެ ސަނަދު ނެގުމަށް ވެސް އޭނާދަނީ ކިޔަވަމުންނެވެ. ލިބޭ މަދު ހުސް ވަގުތު ގޭތެރޭގެ މަސައްކަތްވެސް ކުރަމުންނެވެ. ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ކުރަމުން ކިޔެވުމުގައިވެސް ބޮޑެތި ކުރިއެރުން ތައް ހޯދަމުން ދިޔައެވެ.

ރާއިފާ އާއި އަހުމަދުގެ ކައިވެންޏަކީ ރާފިޔާގެ ގަދަރުވެރި ބައްޕައާއި މަންމަގެ ރުހުމާ ދެކޮޅަށް ކުރެވުނު ކައިވެންޏެކެވެ. އެމީހުން ރާއިފާއަށް އެތައް ބަޔަކު މެދުވެރިކޮށް ނަސޭހަތް ދިނެވެ. ކައިވެނީގެ ބޭނުމަކީ ކޮބައިކަން އަންގައިދިނުމަޑް ދަންނަބޭކަލުން މެދުވެރިކޮށް ނަސޭހަތް ދިނެވެ. އަހުމަދުއާއި ކައިވެނިކޮށްގެން ލިބިދާނެ ދެރައަކާ މެދު ދެވަނަ ވިސްނުމަކަށް ދާން މަންމަ އެތައް ފަހަރަކު އެދުނެވެ. އެކަމަކު ރާއިފާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. އެންމެ ފަހުން ކަލޭފާނު ފަހު ފިޔަވަޅެއްގެ ގޮތުން ގެއިން ނެރެ ދަތިކުރުމުގެ ފިޔަވަޅު އެޅުމުން ވެސް ރާއިފާ ބުނެލީ މިހެންނެވެ.

”އޮޑިހަރުގެ އެއްގައި ނިދަން ޖެހުނަސް ނުކައި ނުބޮއި ބަނޑަށް މަރުވިޔަސް މި ގުޅުން ކަނޑުވައިލެވޭނެ ބާރެއް މިދުނިޔެ އަކު ނޯންނާނެ“އެވެ.

އެންމެން ނޫނެކޭ ބުނެބުނެ އޮއްވާ އެންމެންނާ ދެކޮޅަށް ރާއިފާ އަހުމަދާ އިނދެފި އެވެ. އަގުބޮޑު ގެއާއި މުދަލާއި ހުރިހާ އެއްޗެއް ދޫކޮށްލާފަ އެވެ.

މިއީ އަހުމަދުގެ ތިންވަނަ ކައިވެންޏެވެ. ކައިވެނީގެ މަޖިލީހުގައި ދެފަރާތުގެ އާއިލާއިން ވެސް ބައިވެރި ނުވެ އެވެ. އޭދަފުށީގެ އެންމެ ބާރުގަދަ އެންމެ މުއްސަނދި ކަލޭފާނުގެ ހަގު އަންހެން ދަރިފުޅު، ރާއިފާގެ ކައިވެނި މިހާ ވަނދު ގޮތަކަށް ކުރެވިގެން ދިއުމުން ރަށުތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވުނެވެ. ހަގީގަތަކީ، އެކައިވެންޏަށް ކަލޭފާނު ގަބޫލު ނުވުމެވެ. ކަލޭފާނު ގަބޫލުނުވީ އޭނާގެ ދަރިފުޅު އަހުމަދު ކަހަލަ ވިޔާނުދާ މީހަކާ ދެވައިގެން ބަރުބާދުވާން ނޭދެތީއެވެ.

ރާއިފާގެ ބޮޑު ހަވޭއްޔެއްކަހަލަ ގެއާއި އަހުމަދުގެ ފުދުންތެރި އާއިލާގެ ހުރިހާ ގެއެއް އެމީހުންނަށް ބަންދުވުމުން ކައިވެނީގެ ފުރަތަމަ ރޭތައް ވޭތުކުރަން ޖެހުނީ ތިމާގެ ކަމުގެ ގުޅުމެއް ނެތް ރާއިފާ މެންގެ ގޭގެ ކުރިމަތީގައި ހުންނަ ގެއެއްގައެވެ.

މައިލަނގޮޑިއަށް ކެތެއް ނުވާނެއޭ ބުނަނީ މިހެން ވެގެންނެވެ. ރާއިފާ ވަރަށް ބޮޑަށް ނިކަމެތިކޮށްލެވިއްޖެ ކަމުގެ އިހުސާސް މަންމައަށް ކުރެވުނީ މާއަވަހަށެވެ. މަންމަ ފާތުމާފުޅު ރާއިފާ ގެއަށް ގެނެސްފިއެވެ. ކަލޭފާނުވެސް އެންމެފަހުން ހަތިޔާރު ބަހައްޓާފައި އަހުމަދުއަކީ ދަރިއެއް ކަމުގައި ބަލައިގަތެވެ. ރާއިފާ ބޭރު ގެއެއްގައި އުޅޭތަން ދެކި، މީހުން ހީކޮށްފާނެ ނުރަގަޅު ގޮތަކަށް ވެސް ވިސްނާފައެވެ.

އަހުމަދު އެގެއަށް އައުމުން ކަލޭފާނުގެ އަމިއްލަ ގިނަ ކަންތައް އޭނާއާއި ހަވާލުކުރިއެވެ. ހަރުދަނާ މީހަކަށް ހެދުމަށް އެޅުއްވި ފިޔަވަޅަކަށް ވެދާނެ އެވެ. މަސްދޯނިފަހަރާއި ނާލުބައްތެލީގެ އިތުރުން ފަޅު ރަށްތައް ބެލެހެއްޓުމެވެ. މިމަސްއޫލިއްޔަތު އަދާކުރަން ފެށުމުން ކުރިން އުޅުނު ކަންނެތް ދިރިއުޅުން ދޫކޮށްލާނެ ކަމަށް ކަލޭފާނު ހީކުރެއްވި އެވެ. އެހުރިހާ ކަމެއް ބެލެހެއްޓުމުގައި ގިނަ ވަގުތު އުޅެން ޖެހޭނެއެވެ.

އަހުމަދު އެގެއަށް އައިތާ ދުވަސްކޮޅެއް ފަހުން ކަލޭފާނު ބަލިވެއުޅުއްވަން ފައްޓަވައިފިއެވެ. ރާއްޖެއިން ރަނގަޅު ފަރުވާނުލިބި އޮޅުދޫ ކަރައިން ވެސް ފަރުވާ ހޯއްދެވި އެވެ. އެންމެ ފަހުން ބައްޔަށް ޝިފާއެއް ނުލިބި އެބަލީގައި ދުނިޔެއަޅާ ދިޔައީއެވެ. މިކަމުގެ ހިތާމަ ލިބުނީ މުޅި އޭދަފުއްޓަށެވެ. އޭދަފުށީގެ ބައްޕަގެ ނަމުން ކަލޭފާނު މަޝްހޫރު ވެފައި ވަނީ އެރަށަށް ގިނަ ޚިދުމަތް ތަކެއް ކޮށްދިނީތީއެވެ. ރައްޔިތުންނަށް އޯގާތެރި ހިންގުންތެރި އަތޮޅުވެރި އެކެވެ.

ކަލޭފާނު ނިޔާވުމުން އެގޭގެ އިސްމީހެއްގެ މަގާމަށް އެއައީ އަހުމަދެވެ. ދެން ތިބި ތިން ފިރިހެން ދަރިންވެސް ދިރިއުޅެނީ މާލޭގަ އެވެ.

ރެއާއި ދުވާލު މެދު ނުކެނޑި މީހުން އައިސް ގޮސްވާ އެގެ ކަލޭފާނު ނިޔާވުމާ އެކު ފަޅުވެއްޖެ ކަހަލަ އެވެ. ދުނިޔޭގެ އުސޫލެވެ. މީހުންތައް ތޮއްޖެހިފައި އޮންނަ އުތުރު ފެންޑާގެ އެއްތެޔޮ ފުރި ގޮނޑިތަކުގެ ފާލިސް ކެނޑި ފެންޑާގައި ހަރުކޮށްފައިވާ ތަސްވީރުތަކުގެ ކުލަދާން ފަށައިފިއެވެ. މުދަލާ އޮޑިދޯނި ފަހަރުވެސް އޭގެ އުމުރުގެ ފަހުދުވަސް ތައް ގުނަމުންދަނީއެވެ. ހުރިހާ ދިމާލަކުންވެސް ފެންނަނީ ވީރާނާކަމުގެ އަސަރުތަކެވެ.

ހުސްވަގުތު ތަކެއް ގޭގައި ހޭދަކުރަންޖެހޭތީ އަހުމަދުވެސް އަލަށް ހުޅުވި ރައްޔިތުންގެ ސްޓޯރުގެ މެނޭޖަރު ކަމުގެ މަގާމަށް ކުރިމަތިލައިގެން އެވަޒީފާ އަދާކުރަން ފަށައިފިއެވެ.

ރާއިފާ އަލަތުދަރިފުޅަށް ބަލިވެއިނީ މިދުވަސްވަރު އެވެ. މިއީ އަހުމަދުގެ ދެވަނަ ދަރިފުޅެވެ. އަހުމަދު ގަސްދުކުރީ އަމިއްލަ ގެދޮރު އަޅައިގެން ގެއަށް ބަދަލު ވާށެވެ. އެކަމަކު ރާއިފާ، އެހެން ގެއަކަށް ބަދަލުވާން ބޭނުމެއް ނޫނެވެ. އޭނާ ބުންޏެވެ.

”މިގެއިން ނުކުމެގެން ދާން ޖެހޭ ސަބަބަކީ ކޮބާ؟. އެހެންނޫނަސް މަންމަ ދޫކޮށްލާފައިގޮސް އެހެންތަނަކު ދިރިއުޅުމަކީ ކިހިނެއްވާނެ ކަމެއް؟ ދުނިޔޭގެ ލަދަށްވެސް ބަލަންވާނެ.“

ހައްވާފުޅު މާލެއައީ ކިޔަވާށެވެ. އޭނާ ހަނދާން ހުންނަނީ ހަމައެކަނި އެކަމެވެ. ވިސްނަނީވެސް އެކަމެވެ. ހަނދާން ކުރަނީވެސް އެކަމެވެ. ހަނދާން ކުރަން ބޭނުންވަނީވެސް އެކަމެވެ. ދެން އެހެން ކޮން ކަމެއް ހެއްޔެވެ؟ މިއީ އޭނާއަށް ލިބުނު އާދައިގެ ފުރުސަތެއް ނޫނެވެ. އާދަޔާ ޚިލާފު ފުރުސަތެކެވެ. ޚަނީމާ އެކެވެ. މިފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފައިފި ނަމަ މިކަހަލަ ދެވަނަ ފުރުސަތެއެ ނުލިބޭނެއެވެ.

 

ދެ އަހަރުދުވަހުގެ ތެރޭގައި ހައްވާފުޅު، ފޫޅުމައި ކަމުގެ ސަނަދު ނަގައިފި އެވެ. ގުރުއާން މުދައްރިސްކަމާއި މުދިން ކަމުގެ ސަނަދުވެސް ނަގައިފިއެވެ. މާލެ އައި ބޭނުން ފުރިހަމަވީއެވެ. އޭނާ ބޭނުންވީ އެހެން މީހުންނަށް ބަރޯސާނުވެ ދިރިއުޅުމާއިގެން ކުރިއަށް ދެވޭވަރުގެ ގާބިލް މީހަކަށް ވާށެވެ. އެކަން ކިތަންމެ ރަނގަޅަކަށްވެސް ފުރިހަމަ ކުރެވިއްޖެއެވެ. މިހާރު ބޭނުންވަނީ އެނބުރި ރަށަށް ދިއުމެވެ. ކޮން ރަށެއް ހެއްޔެވެ.؟ ނޫނެކެވެ. ރަސްމާދުއަކަށް ނުދާނެއެވެ. އަމިއްލަ ރަށުގައި ބީރައްޓެއްސަކަށް ވެގެން ހުންނަން ދާން ބޭނުން ނުވަނީއެވެ. އެތަނުގައި މުސްތަގްބަލެއް ނެތެވެ. ދަރިންނަށް ކިޔަވައި ނުދެވޭނެ އެވެ. އޭނާ ދާން ޖެހޭނީ އޭދަފުއްޓަށެވެ. މުސްތަގުބަލު އޮތީ އެތަނުގައެވެ. ދަރިފުޅު ހުރީ އެތަނުގަ އެވެ. ބަހިއްޔާ ސްކޫލަށް ވައްދައިގެން ދަރިފުޅު މޮޅުމީހަކަށް ހަދަން ބޭނުމެވެ. އިބްރާހިމް ބޭބެވެސް ބޭނުންވަނީ ހައްވާފުޅު އޭދަފުއްޓަށް އައުމެވެ. އޭނާ އަންގާފައި އޮތީ ކިޔެވުން ނިމިގެން އޭދަފުއްޓަށް އައިސް ކެލާމާގޭގައި އުޅުމަށެވެ. އެގޭގައި އަހުމަދު ނޫޅެތީވެ ހަފީޒް ގޮވައިގެން އަމިއްލަ ގެއެކޭ އެއްގޮތަށް އުޅެން ވަނީ އަންގާފަ އެވެ. އިބްރާހީމް ބޭބެ ބުންޏަސް އެއީ އޭނާ ނުކުރާނެ ކަމެކެވެ. އޭނާގެ ބަރުބާދީ އާއި އާހްތައް އުފަން ކުރުވި އޭނާގެ ދިރިއުޅުން ވީރާނާ ކުރރުވި އެގެއާމެދު ހިތުގައި އަނދައަނދާ އޮތީ ނަފްރަތުގެ އަލިފާނެވެ. އެހެންވެ ދުވަހަކުވެސް އެގެއަކަށް އޭނާ ނުދާނެއެވެ.

އަދި އަހުމަދު………! އެނަން ކިޔާ މީހަކު އޭނާގެ ހަޔާތަށް އައިކަން ވެސް ހަނދާންވކުރާކަށް ބޭނުމެއްނޫނެވެ. އެއީ އޭނާގެ ދިރިއުޅުމުގައި އަލިފާން ޖެހި މީހާ އެވެ. އެއނިޔާވެރިޔާ ހީކުރަނީ ކީކޭކަމަށް ހެއްޔެވެ. ރީތި އަންހެނަކާ އިނދެވިގެން  ކިތަންމެ ފޮނިވެފާ ހުއްޓަސް މާދަމާވެސް މަންޒަރު ބަދަލުވެދާނެ އެވެ. ބަދަލުވާނެއެވެ. އޭނާއަށް ދިން އަނިޔާގެ ބަދަލު ގުދުރަތުގެ އަތުން ހިފާނެއެވެ. އޭނާގެ ޒުވާން ރޭތަކުގެ ހިތްހަމަ ޖެހުމާ އުފާވެރިކަން ފޭރިގަނެ ޒުވާން އުމުރު ހުވަފަތް ކޮށްލިކަމުގެ ހިތި ނަތީޖާ އާއި މިދުނިޔޭގައި އޭނާ ކުރިމަތި ލާނެއެވެ. ﷲ އެކަން ދައްކަވާނެތެވެ. އޭނާގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަ ތިއްކެއް ވަކިވަކިން އެކަރުނައިގެ އަގު ހޯދަން މަސައްކަތް ކުރާނެއެވެ. (ނުނިމޭ)

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top