ބިދޭސިންނަށް އުޖޫރަދެވޭނެ އުސޫލެއް ދާންދޫ ކައުންސިލުން އެކުލަވާލައިފި

large_16081321869HdCp.jpg

ދާންދޫ

ގއ. ދާންދޫގައި ދިރިއުޅޭ ބިދޭސީން ލައްވާ ކުރުވާ މަސައްކަތަށް އުޖޫރަދެވޭ މިންގަނޑެއް ދާންދޫ ކައުންސިލުން އެކުލަވާލައިފި އެވެ.

މި ގަވާއިދު އެކުލަވާލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ދާންދޫ ކައުންސިލުން ބުނީ އެގަވާއިދު ފާސްކޮށް، އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެ ގަވާއިދުގައިވާ ގޮތުގައި ދާންދޫގައި ކުރާ ހުރިހާ މަސައްކަތެއް އެސްޓިމޭޓް އުސޫލުން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި އެ ރަށުގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކަށް ދެން އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން މަސައްކަތްކުރުން މަނާވާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ އުސޫލުގެ ދަށުން ގެދޮރު އިމާރާތްކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކަށް 250 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ. އަދި އާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތިގެދޮރު ވިނަ ނޮޅައި ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީންނަށް ދެވޭނީ ދުވާލަކު 250 ރުފިޔާއާއި 800 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ.

ރަށުގެ އާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތްތަކަށް ދެވޭނީ ދުވާލަކު 20 ރުފިޔާއާއި 150 ރުފިޔާއާ ދެމެދުގެ އުޖޫރައެކެވެ. ނަރުދަމާއާއި ޖަންގްސަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް ދެވޭނީ ދުވާލަކު 10 ރުފިޔާއާއި 300 ރުފިޔާއާ ދެމެދުގެ އުޖޫރައަކެވެ. އަދި ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް ދެވޭނީ ދުވާލަކު 300 ރުފިޔާއެވެ.

އެ އުސޫލުގައިވާ ގޮތުން ބިދޭސީން ލައްވާ މަސައްކަތް ކުރުވޭނީ ދުވާލަކު ޖުމުލަ އަށް ގަޑިއިރެވެ.

މި ގަވާއިދާ ޚިލާފުވެއްޖެނަމަ 500 ރުފިޔާއާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެއެވެ. އަދި ގަވާއިދާ ހިލާފަށް ރަށުގައި އުޅޭކަމުގެ ކުށުގައި ފުލުހުންނާ ހަވާލުކޮށް، އިކޮނޮމިކް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ އެމީހަކާ ދެކޮޅަށް ކޯޓުގައި ދައުވާކޮށް، އެ ފައިސާ އެއް ފަހަރާ ހޯދާނެ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ދާންދޫ ކައުންސިލަކީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ބިދޭސީންނަށް އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް އެކުލަވާލި ފުރަތަމަ ކައުންސިލެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top