ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލާ ޑިގްރީ ފުރިހަމަކުރުމުން ދެއަހަރު މަޑުކުރުމަކާ ނުލާ ޕަބްލިކް ސާވިސް ރޭންކް ހަތަކަށް ބަދަލުވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު، ޑރ. އާޢިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީ އަށް އެކަމާ ގުޅޭގޮތުން ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ. އެސިޓީގައިވާ ގޮތުން ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލާ ޑިގްރީ ފުރިހަމަކުރުމުން ދެއަހަރު މަޑުކުރުމަކާ ނުލާ ޕަބްލިކް ސާވިސް ރޭންކް ހަތަކަށް ބަދަލުވާ ގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފިކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.
”ޑިޕްލޮމާ ލެވެލްގެ މުދައްރިސުން ބެޗްލަރ ޑިގްރީ ފުރިހަމަ ކުރުމުން، ދެއަހަރު މަޑުކުރުމަކާ ނުލާ ޕަބްލިކް ސަރވިސް ރޭންކު 7 އަށް ދެން ބަދަލު ވާނެ. އަޅުގަނޑުމެން އެދެނީ ހުރިހާ މުދައްރިސުންނަކީ ދަށްވެގެން ބެޗްލަރސް ޑިގްރީ ފުރިހަމަކޮށްފައިވާ މުދައްރިސަކަށްވުން.“ޑރ. އާޢިޝަތު އަލީ ކުރެއްވި ޓްވީޓްގައި ވެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސިޓީގައިވާ ގޮތުން މި އިސްލާހު ގެނައުމުގެ މަގްސަދަކީ ކިޔަވައިދޭ މުދައްރިސުންނަކީ ތައުލީމީ ގޮތުން ދަށްވެގެން ޑިގްރީ ފެންވަރަށް ތަައުލީމު ހާސިލުކޮށްފައިވާ ބަޔަކަށް ހެދުމެވެ. އެގޮތުން، ޓީޗަރުންގެ ޖޮބް މެޓްރިކްސްގެ ޑިޕްލޮމާ ލެވެލް ގެ ޓީޗަރުންގެ މަގާމުތައް ސްކޫލް ސްޓާފް ރިކުއަމެންޓްގައި ހިމެނުމުގައްޔާއި އެފަދަ ޓީޗަރުން ޑިގްރީ ހާސިލު ކުރުމުން ބެޗްލާސް ޑިގްރީ ލެވެލްގެ މަގާމަށް ހަމަޖެެއްސުމުގެ ގޮތުން ކޮމިޝަނުން ގެންގުޅޭ މިންގަނޑަށް ބަދަލުގެނެސްފައިވާ ކަމަށް އެސިޓީގައި ހާމަކޮށްފައި ވެއެވެ.
މި ހިނގަމުންދާ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންޓާނަލީ އިއުލާންކޮށްގެން ޓީޗަރުންގެ މަގާމުތައް އުފެއްދުމުގެ މަސައްކަތް ކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް އަންގާފައެވެ.