ފާނަބަސަނދު ފެތުރިދާނެތީ ރައްކާތެރިވާން އަންގަވައިފި

th-2.jpeg

ރާއްޖޭގައި މިދުވަސްވަރު ފާނަބަސަނދު (ޗިކެންޕޮކްސް) ފެތުރެމުން ދާތީ އެ ކަމަށް ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ޗިކެންޕޮކްސްގެ ކޭސްތައް އިތުރުވެފައިވާ ކަމަށާއި މިކަމަށް ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. އެޗްޕީއޭއިން ވަނީ މި ބަލިން ރައްކާތެރިވާނެ ގޮތް ހިއްސާކޮށްފައެވެ.

ވައިރަހަކުން ޖެހޭ މި ބަލި އާންމުކޮށް ކުޑަކުދިންނަށެވެ. ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހެއެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ގައިގައި ހިމަ ބިހިތަކެއް ނެގުން ހިމެނެއެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ.

ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެއެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

އަދި، ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލި ލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ބަލިން ރައްކާތެރިވުމަށްޓަކައި ބަލިޖެހިފައިވާ މީހުން ގާތަށް ޒިޔާރަތްނުކުރުމާއި ބަލި ޖެހިފައިވާ މީހާ ގައިގައި ނަގާފައިވާ ބިހިތައް އެއްކޮށް ކުރަމަގާގި ލަންދެން ބޭރުތެރެއަށް ނުނިކުތުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދެއެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ޗިކެންޕޮކްސް ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށާއި މި ވެކްސިން އާންމުކޮށް ފާމަސީތަކުގައި ލިބެން ހުންނާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top