ބޮޑެތި ޖޫރިމަނާ ތަކަކާއެކު މަސްވެރި ކަމުގެ އާ ގަވާއިދު ގެޒެޓް ކޮށްފި.

maldives-fishing5-1024x683-nogaloo0d32e54qrnbmgz2atclpydizz51pc617eqq.jpg

 

މަސްވެރިކަމުގެ ގާނޫނާއި، ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް މަސްވެރިކަމުގެ އާއްމު ގަވާއިދު މިއަދު ގެޒެޓް ކޮށްފި އެވެ.

އާ ގަވާއިދުގައި ވާ ގޮތުން ބޮޑު ދަލުގެ މަސްވެރިކަން ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމާއި އޮޔާދާ ދަލުގެ މަސްވެރިކަންކޮށްފި ނަމަވެސް ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ދަމާ ދަލުގެ މަސްވެރިކަން ކޮށްފިނަމަ ހަތަރު ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ.

އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ހުއްދަނެތި މަސްވެރި އުޅަނދެއް ހަރަކާތްތެރިވެއްޖެ ނަމަ، 75000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެހެން ގައުމެއްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގައި މަސްވެރި އުޅަނދެއް ހަރަކާތްތެރިވެއްޖެ ނަމަ 150،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.

މީގެ އިތުރުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި، ދައު އަޅައިގެން، ނުވަ ބާވަތެއްގެ މަސް ހިފުން ވަނީ މަނާކޮށްފައެވެ. އެގޮތުން ރެހ، ބޯދި، މުގުރާން، ހޮނޑެލި، މިޔަރެން، ނިލަމެހި، ތާވަޅު، މުށިމަސް އަދި ރިތްމަސް ހިމެނެއެވެ.

ގަވައިދުގައި ވާގޮތުން ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފިނަމަ، އަދި ދާ ބޭނުންކުރަންޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ، 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ އެވެ.

އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ރަށްރަށުގެ ފަޅުގެ ސަރަހައްދުން ބޭރުގައި ދާ އަޅައިފިނަމަ 3500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު ތަކުރާރުވާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރާ ގޮތަށާއި އެގޮތަށް ޖޫރިމަނާ އިތުރުކުރެވޭނީ 5000 ރުފިޔާ އާ ހަމައަށް ކަމަށް ބަޔާންކޮށްފައި ވެެއެވެ.

ގަވާއިދުގައި ބުނެފައި ވަނީ އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ބޭނުންކުރާ ދާ 100 ފޫޓަށް ވުރެ ދިގުވެގެން ނުވާނެ ކަމަށާއި ބޭނުންކުރާ ދަލުގެ ގޮޅިތައް ހުންނަންޖެހޭނެ އެންމެ ކުޑަ ސައިޒަކީ ހަތަރު އިންޗި ކަމަށެވެ.

މީގެ އިތުރުން މަސްއައިން ހޯދުމަށް ނުވަތަ މަސް ހިފުމަށް ޑްރޯން ފަދަ ވައިގެ އުޅަނދެއް ބޭނުންކުރުމާއި ރޮދު ލުމާއި ވައިފުޅި އަޅައިގެން ފީނައިގެން ހުއިފިލަނޑާ ނެގުންވެސް ގަވާއިދުގައި ވަނީ މަނާކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top