ބ. އަތޮޅު ހޮސްޕިޓަލަށް އިތުރުކުރާ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށް މިނިސްޓަރު ނާޒިމް އޭދަފުއްޓަށް ވަޑައިގަތީ އެމަނިކުފާނު މިހާރު ނ. އަތޮޅާއި ބ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އޭދަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ބ. އަތޮޅު ހޮސްޕިޓަލަލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ވަނީ، ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސާއި، ކައުންސިލް އިދާރާގެ މެންބަރުންނާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ސިއްހީ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، މިއަދު ބިންގާ އެޅި މި މަޝްރޫއަކީ މިރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ސަރުކާރުގެ ފަރާތުން އެދެމުން ދިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިރަށުގައި 50 އެނދުގެ މުޅިން އާ ހޮސްޕިޓަލެއް ތަރައްގީވެގެން ދިއުމަކީ، މިރަށުގެ ރައްޔިތުންނަށް އަދި މުޅި މި ސަރަހައްދުގެ ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.
ބ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ މަސައްކަަތަކީ، ސަރުކާރުން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ ޚާއްސަ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 50 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައިވަނީ، 181.7 މިލިޔަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.





