ކާޑުގެ ބާވަތްތައް ވިއްކުން ކޮންޓްރޯލެއް ނުކުރަން : ޒަމީލު

10672370_784383178300718_7519585809983811263_n.jpg

އެސްޓީއޯއިން ހިންގާ “އެސްޓީއޯ އޭދަފުށީގެ ފިހާރަ ” އިން ދަތިކަމެއްނެތި ބޭނުންވަރަކަށް ކާޑުގެ ބާވަތްތައް ލިބެން އެބަހުރިކަމަށް އެފިހާރައިގެ މެނޭޖަރ އަހްމަދު ޒަމީލު ވިދާޅު ވެއްޖެއެވެ. ޒަމީލު މިހެން ވިދާޅުވެފައިވަނީ އެފިހާރައިން ހަނޑޫ ވިއްކުން ކޮންޓްރޯލްކޮށްފިކަމަށް ރަށުތެރޭގައި ވާހަކަ ދެކެވޭތީވެ އެކަމާބެހޭ ގޮތުން އޭދަފުށީ ވޮއިސްއަށް މައުލޫމާތު ދެއްވަމުންނެވެ.

ވިއްސާރައާ ގުޅިގެން ދަތުރު ފަތުރުކުރުމަށް ބުރޫއަރައި މާލޭ ބަނދަރުގައި އަތޮޅުތަކުގެ އެތައް އުނޅަދެއް ނުފުރި ތާށިވެފައި އޮތުމުން  އަތޮޅުތަކުގައި ކާޑަށް ޖެހުމުގެ ބިރު އެބައޮތްކަމަށް ގިނަ އަތޮޅުތަކަކުން ފާހަގަކޮށްފައި ވީ ނަމަވެސް އެފަދަ ބިރުވެރިކަމެއް އެސްޓީއޯ އޭދަފުށީ ފިހާރައިގާ ނެތްކަމަށް ޒަމީލު ވިދާޅު ވިއެވެ.

“އަޅުގަނޑުމެންގެ އަތުގައި ފުދޭ ވަރަށް ހަނޑުލާއި ހަކުރު އަދި ފުށުގެ ސްޓޮކް އަދި އެބަހުރި. އެހެންވީމާ އެކަމުގެ ހާސްކަމެއް ނެތް ” ޒަމީލު ވިދާޅުވިއެވެ.

މިދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރުމުގެ އިތުރުން ކަނޑު ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް މެދުނުކެނޑި އިލްތިމާސް ކުރަމުން ދާ ދުވަސްވަރަކަށް ވެފައިި ހުޅަނގު މޫސުމުގެ މިފަދަ ދަނޑިވަޅެއްގައި ރަށްރަށް ކާޑަށް ޖެހުމުގެ ބިރު އެބައޮތްކަމަށް ގަބޫލު ކުރެވިފައިވަނީ ކަނޑު ގަދަވެ، މުދާ އުފުލާ ދޯނިތަކަށް ދަތުރު ނުކުރެވޭތީ އެވެ..

މާލޭގެ ބަނދަރުގައި މުދާ ބަރުކޮށް ނުފުރި ހަފުތާއެއްވެފައިވާ ދޯނިފަހަރު ވެސް އެބަހުއްޓެވެ. އުތުރާއި ދެކުނުގެ ބައެއް ރަށްތަކަށް ދަތުރު ކުރާ މުދާ އުފުލާ ދޯނިތަކުގެ ވެރިންނާއި ވިޔަފާރިވެރިން އެކަމާ ކަންބޮޑުވެފައިވާ މައިގަނޑު ސަބަބަކީ ދަތުރުކުރުން ދިގުލައިގެންދާނަމަ އަތޮޅުތެރޭގެ ރަށްރަށް ކޮންމެވެސް ސިފައެއްގައި ކާޑަށް ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މުދާ ބަރުކޮށްގެން މާލެ ނާދެވި ރަށްރަށުގެ ބަނދަރުގައި ތާށިވެފައިވާ ދޯނި ފަހަރުވެސް މަދު ނޫން ކަމަށް މައުލޫމާތު ލިބެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top