މި ގައުމު އިނދަޖައްސާ ނުލައި ސަލާމަތްކޮށްދޭން މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ގޮވާލައިފި އެވެ.
ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރި ކޮމިޓީގައި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ މިއަހަރުގެ ޖޫން ނުވަތަ ޖުލައިގައި ހަރަދު ކުޑަކުރަން ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި ނަމަވެސް ބަދަލުތައް މިއަދާއި ހަމައަށް އައިއިރުވެސް ނުގެނެވޭ ކަމަށެވެ. ގައުމުގެ މިސްރާބު މިހާރު ދާގޮތުން ގައުމު ސަލާމަތް ނުކުރެވޭނެ ކަމަށާއި އެހެންކަމުން ގައުމު ސަލާމަތް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. އެކަން ނުކުރެވިގެން އުޅޭ ސަބަބުތައް އެބަހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ ސަބަބުތަކާއި މެދު ބަހުސް ކުރަން ބޭނުން ނުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
“އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑުމެންގެ ގައުމު އިނދަޖައްސާނުލައި، މިއަދު އޮތް ސަރުކާރުން ސަލާމަތްކޮށްދޭށޭ. ސަލާމަތް ކޮށްދެއްވުމަށްޓަކާ މަނިކުފާނު އަޅުއްވަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވައިގެން ނޫން ގޮތަކަށް މިކަމުން ސަލާމަތެއް ނުވާނެ،” ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ގޮތުން ގައުމު ވެއްޓިފައި މިހާރު އޮތް ހާލަތަށް ދިއުމުގައި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ބޮޑު އިހުމާލުތަކެއް އެބައޮތް ކަމަށެވެ. އަދި އެހެންނޫންނަމަ މިއަދު ގައުމުގެ ހާލަތު މިހާ ހިސާބަކަށް ނުދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ގައުމު ސަލާމަތް ކުރަން އެހެން ބަޔަކު ނާންނާނެ ކަމަށާއި އެހެންކަމުން އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވެސް ވަރަށް ކެރިގެން އަޅަންޖެހޭ ކަމަށެވެ. ނަމަވެސް އެންމެ ދާއިރާއަކުން ޓެކްސް ބޮޑުކުރާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ގާސިމް ވަނީ އެއީ ހަދާ ބޮޑު ގޯހެއް ކަމަށްވެސް ވިދާޅުވެފަ އެވެ.
”އިގްތިސާދީ ގޮތުން ހަމަޖެހިގެންދާ އިގުތިސާދެއް ހަލާކުކޮށްލުމަށްޓަކައި އެއްޗެއް ފެލަންވާނީ ވެސް ވަކިވަރަކަށް، އެެއަށްވުރެ އިތުރަށް ފެލައިފިއްޔާ ދެން ދާނީ ފަޅައިގެން، އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ޓެކްސް ބޮޑު ކުރައްވަން ތި ވިދާޅުވަނީ އެންމެ ދާއިރާއަކުންނޭ. އެހެން ނުހައްދަވާށޭ އެއީ ގޯހެކޭ އިންތިހާ ދަރަޖައިގެ ގޯހެެއް،“ ގާސިމް ވިދާޅުވިއެވެ.
ހަރަދު ކުޑަކުރަން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަކަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު ދާދި ފަހުން ވަނީ އިއުލާނު ކުރައްވާފަ އެވެ. އޭގެތެރޭގައި ސިޔާސީ މުވައްޒަފުންނާއި ދައުލަތުގެ ވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން ހިމެނެ އެވެ. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން ވެސް ހިމެނެ އެވެ.
ރައީސް ވަނީ މި ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ ފަރާތްތަކާއި ފަންނީ މީހުން އިސްތިސްނާ ވާނެ ކަމަށް ވިދާޅުވެފަ އެވެ.