ނަމާދަށްދިއުން އޮންނަނީ ކުރަންތިބޭ ކަމެއްކޮށް ނިންމާފަ: މަޖިލިސް ރައީސް

V81DqzBwdAeTsd7oPaRfBzPldJdMLycrNr5qJBWM.jpeg

ނަމާދަށް ދިއުން އޮންނަނީ ކުރަން ތިބި ކަމެއް ކޮށް ނިންމާލުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ، މަޣްރިބް ނަމާދު ވަގުތަށް މަޖިލިސް ޖަލްސާ މެދުކަނޑާ ނުލައި ކުރިއަށް ގެންދާތީ އެކަމުގައި ސުވާލު އުފެއްދެވި މެމްބަރުންނަށް ޖަވާބު ދާރީވެ ވަޑައިގަންނަވަމުންނެވެ.

މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާ މަޣްރިބް ނަމާދު ބަންގިއަށް ވެސް މެދުކަނޑާނުލައި ކުރިއަށް ގެންދާތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އިގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު ބަންގި ގޮވަމުން ދަނިކޮށް ސައީދުވަނީ ނަމާދު ވަގުތަށް ވާހަކަ ދެއްކުން ހުއްޓާލުމަށް ދަންނަވާފައެވެ. ސައީދުގެ މިވާހަކަތަކަށް ރައްދު ދެއްވައި ހަސަން ވިދާޅުވީ ނަމާދުކުރުމަކީ ފަރުޟެއްކަން ސައީދު ހަނދާން ކޮށްދޭން ނުޖެހޭ ކަމަށެވެ.

ސައީދާއި، ހަސަންގެ މިވާހަކަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ނަމާދަށް ދިއުން އޮންނަނީ އެކުރަން ތިބޭ ކަމެއް އަވަހަށް ކޮށް ނިންމާލުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.

”މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރަށް ދަންނަވާލަން ބޭނުން ނަމާދުގައި އޮންނަ ގޮތަކީ، އެކުރާކަމެއް އަވަހަށް ކޮށް ނިންމާފައި ނަމާދަށް ދިއުން. އެގޮތަށް އަޅުގަނޑުމެންނަށް މިކަމުގައި އަބަދުވެސް އެނގިފަ އޮންނަ އެއްޗަކީ.“

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާ މެދު ކަނޑާލާފައިވަނީ، މަޣްރިބު ނަމާދުގެ ބަންގިގޮވިތާ ގިނަ އިރުތަކެއްނުވެ ގިނަ މެމްބަރުން ތަޅުން ދޫކޮށް ދިއުމުންނެވެ.

މަޖިލީހުގެ ޖަލްސާ އާއްމުކޮށް ބާއްވާ ގަޑިއަކީ ހެނދުނު 9 ޖަހާއިރެވެ. އެހެން ނަމަވެސް މަޖިލީހުގެ މިދައުރުގައިވަނީ މަޣްރިބް ނަމާދާއި އިޝާ ނަމާދާ ދެމެދު ޖަލްސާއެއް ބާއްވާފައެވެ. އެއީ އިންޑިޔާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ބޭއްވި ޖަލްސާއެވެ.

ނަމާދަށް ދާން ޖެހެނީ އެކުރާކަމެއް އަވަހަށްކޮށް ނިންމާފައި ކަމަށް ނަޝީދު ވިދާޅުވި ނަމަވެސް އިސްލާމްދީނުގެ އިލްމުވެރިން ވިދާޅުވާ ގޮތުގައި ނަމާދު ވަގުތު ވަނުމާއިއެކު ކުރަން ހުރި މަސައްކަތް ހުއްޓާލުމަށްފަހު ވީއެންމެ އަވަހަކަށް ނަމާދު ކުރަން ޖެހޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top