ޚިޔާލު ހޯދަން ކަމަށް ބުނެ އަނެއްކާވެސް ސްކޭމް މެސެޖްތަކެއް ފޯނުތަކަށް ފޮނުވަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އާންމު ހިޔާލު ހޯދުމުގެ ގޮތުން ކުރެވޭ ސަރވޭއެއްގައި ބައިވެރިވުމަށް ކަމަށްބުނެ ފޯނުތަކަށް އަންނަ މެސަޖަކީ ސައްހަ މެސެޖެއް ނޫން ކަމަށެވެ.
”އެ މެސެޖްގައިވާ ލިންކަށް ނުވަންނަވާ!“ ފުލުހުން ކުރި ޓްވީޓެއްގައި ބުންޏެވެ.
މީގެ ކުރިން ފުލުހުން ބުނީ އެ އިދާރާގެ ނަމުގައިވެސް ސްކޭމަރުން މެސެޖު ފޮނުވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެކި މުއައްސަސާތަކުގެ ނަމުގައިވެސް ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެކަން ފުލުހުން ބަލަމުން އަންނަ ކަމަށާއި އަދި އެ މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ނުފިތުމަށް ފުލުހުން ވަނީ އެދިފައެވެ.
ފެނަކަ ކޯޕަރޭޝަނާއި އެޗްޑީސީ އަދި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުގެ ނަމުގައިވެސް އަންނަނީ މެސެޖުތައް ފޮނުވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.