އޭދަފުށީ ފުޓްބޯޅަ ކުޅުންތެރިއަކު ނުލާ ގައުމީ ފުޓްބޯޅަ ޓީމަށް ސާފް ޗެމްޕިއަންޝިޕް ހޯދުމަކީ މިހާރު އުނދަގޫކަމެއްކަމަށް އޭދަފުށީ ޓީމްގެ ކޯޗް އިހްސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.
ރާއްޖޭގެ ގައުމީ ޓީމްގެ އެސިސްޓެންޓް ކޯޗްކަމާ، އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުކަންވެސް ކޮށްފައިވާ ސާންތި މިހެންބުނީ ޕީއެސްއެމް ވެރައިޓީ ޝޯ “ހޭޔަންބޯ” ގައި ވާހަކަދައްކަމުންނެވެ. ސާންތި ބުނީ އޭދަފުއްޓަކީ އަބަދުވެސް ކުޅުންތެރިން އުފައްދައިދޭ ހަބެއް ކަމަށާ، ގައުމީ ފުޓްބޯޅައަށް ބެލިކަމުގައިވިޔަސް އެކަން ސާބިތުވާނެކަމަށެވެ. އޭނާ ބުނީ 2008 އަދި 2018ގައި ސާޕް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި އިރުވެސް އޭރުތިބި އޭދަފުށީ ކުޅުންތެރިން ހާއްސަގޮތެއްގައި ފާހަގަކުރެވޭ ކަމަށެވެ.
“2008ގައި އަޅުގަނޑު ގައުމީ ޓީމްގެ އ. ކޯޗަކަށް މަސައްކަތް ކުރިއިރުވެސް އަޅުގަނޑު ފާހަގަކުރަން ޖަންބޭ، ކުޑައްޓޭ. ވަރަށް ބޮޑު ހިއްސާއެއް އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި މިދެކުޅުންތެރިން ހަމަ. 2018ގަ އަޅުގަނޑު ހުރީ ޓެކްނިކަލް ޑައިރެއްކަޓަރަކަށް. އޭރުވެސް މުބާރާތް ކާމިޔާބު ކުރިއިރު ސެންޓޭމެން ހަންޕުމެން ކަހަލަ ކުޅުންތެރިން ފާހަގަކޮށްލަން. މިހާރުވެސް ހައިޝަމްމެން ކަހަލަ ސައްޓުމެންކަހަލަ މޮޅު ކުޅުންތެރިން ގައުމީ ލެވެލްގައި ކުޅެމުން އެބަދޭ. އެހެންވީމާ އޭދަފުށި ކުޅުންތެރިއަކު ނުލާ ސާޕް ޗެމްޕިއަންޝިޕް ހޯދުމަކީ މިހާރު ވަރަށް އުނދަގޫކަމެކޭ ދެންނެވޭނީ” ސާންތި ބުންޏެވެ.
ސާންތި ބުނީ އޭދަފުށީގައި ގާއިމްކުރެވިފައިވާ ފުޓްބޯޅަ ފެސިލިޓީތައް ވަރަށް ފުރިހަމަ ކަމަށާ، ފުޓްބޯޅައިގެ ފޯރި އޭދަފުށީގައި މިހާރު ގަދަވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ ކްލަބް އޭދަފުށި ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް ފެށިފައިވާއިރު، މިހާރު އެންމެ ބޮޑަށް ތައްޔާރުވަމުންދަނީ ޖަޒީރާ ޗެމްޕިއަންޝިޕަށާއި، އެފްއޭ ކަޕަށް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ އަމާޒަކީ މާލޭބުރުން ފުރުސަތު ހޯދުންކަމަށެވެ.
“މިއަހަރު އޮންނާނެ 23 އަހަރު ދަށުގެ ޔޫތު ޗެމްޕިއަންޝިޕެއްވެސް. އެއަށްވެސް އަޅުގަނޑުމެން ފޯކަސްކުރަން. އޭގެ އިތުރުން ޔޫތު ބައެއް މުބާރާތްތައްވެސް މިތަންތަނަށް ގެންނާނަން. މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު ފޯކަސްއަކީ ޖަޒީރާ ޗެމްޕިއަންޝިޕްގައި ކުޅެ ހަމަ މާލޭ ބުރަށް ދިއުން”
ޖަޒީރާ ޗެމްޕިއަންޝިޕަށް އޭދަފުށީ ޓީމް ތައްޔާރުވަމުން އަންނައިރު، އެޓީމް އެންމެ ފަހުން ހޯދި ގައުމީ ރަންމެޑަލް ލިބުނީ 2016 ވަނަ އަހަރު މުޅިރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެންނެވެ. އޭދަފުށީގެ މިދިޔަ އަހަރުގެ ކާމިޔާބީތަކަށް ބަލާއިރު އަތޮޅު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަމާ، މުޅި އަތޮޅަށް ހުޅުވާލި 23 އަހަރުން ދަށުގެ ދޮންފަނު އިންވިޓޭޝަންކަޕް ޗެމްޕިއަންކަން ހޯދުން ފާހަގަކޮށްލެވެއެވެ.