ރަށު ކައުންސިލްތައް ޕެެރަލައިޒް ވެފަ. އަވަސްް ފަރުވާ ބޭނުން

ވޯޓުލާން ކުޑަތަން ވެފައިވަނިކޮށް ސަރުކާރުން މީގެ ހަތަރު އަހަރު ކުރިން އޭދަފުށީގައި ހިއްކާފައިވާ ބިމުން ގޯތި ދޫކުރަން ނިންމައިފިކަން އޭދަފުށި ކައުންސިލުން ވިދާޅުވިއެވެ. މިއުފާވެރި ޚަބަރާއެކު ގޯތި ބޭނުންވެގެން ތިބި އެތައް ބަޔަކު އަވަސްވީ އެވަގުތެއް ސާފު ކުރުމަށެވެ. ރިޔާސީ އިންތިޚާބާ ދިމާކޮށް ވޯޓު ހޯދަން ޖެހި މަޅިއެއް ކަމަށްވިޔަސް މައްސަލައެއް ނެތްތާއެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލުގެ އަރިހުގައި ދެންނެވީމެެވެ. ގޯތި ދޫކުރަން ފަށަނީ ކޮންއިރަކުން ތޯއެވެ. ވިދާޅުވީ ހައުސިންގ މިނިސްޓްރީން އެކަން ވަރަށް އަވަހަށް އަންގަވާނެ ކަމަށް އެތަނުން މިރަށަށް މިއަދު ވަޑައިގެންނެވި ހަތަރު ބޭފުޅުން ވިދާޅުވިކަމުގައެވެ. އަނެއްކާވެސް އެހީމެވެ. ހައުސިން މިނިސްޓްރީން ގޯތިދިނުމަށް ނިންމަވައި އެކަން ކައުންސިލަށް އެންގެވުމުން ދެން އިތުރު ކޮން އެންގުމެއް ހެއްޔެވެ.

ރައީސްގެ ވާހަކައިން އެނގުނީ ގޯތިދިނުމާ ބެހޭ އެއްވެސްކަމެއް ނިންމުމުގެ ބާރު ކައުންސިލަށް ލިބިފައި ނެތް ކަމެވެ. މިކަމުގައި ކައުންސިލުގެ ދައުރަކީ އެބޭފުޅުން ވިދާޅުވާ ބަޔަކަށް ގޯތިތައް ހަވާލު ކުރުމެވެ. ރައްޔިތުންނަށް އެނގުނީ ކައުންސިލަކީ ސަރުކާރު ބޭނުން ގޮތަކަށް މޮޑެން ގެންގުޅޭ ފުއްގަނޑެއް ކަމެވެ.

ގައުމީ ދިދަ ބޭނުންކުރުމާ ބެހޭ އުސޫލެއް އޮވެއެވެ. އެއުސޫލުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރުގެ އޮފީހަކުން ނުވަތަ ކުންފުންޏަކުން އެރަށެއްގައި އެންމެ އުސްކޮށް ނަގާފައި ހުންނަ ދިވެހި ގަައުމީ ދިދައަށް ވުރެ އެހެން އެއްވެސް ދިދައެއް އެއަށްވުރެ އުސްކޮށް ނުނެގޭނެކަމަށް ލިޔެފައި އެބައޮތެވެ. އެކަމަކު އެއުސޫލާ ޚިލާފަށް ގައުމީ ދިދައަށް ވުރެ އުސްކޮށް ނަގާފައިހުރި އެމްޑީީޕީގެ ދިދައެއް އޭދަފުށީގެ ގެއެއްގައި އެބަހުއްޓެވެ. ކައުންސިލަށް މިކަން އެނގެ އެވެ. މިކަމާބެހޭ ޝަކުވާ އެތައް ބަޔަކު ކައުންސިލަށް ކުރި ކަމަށް ރައީސް ތޮލާލު ވިދާޅުވިއެވެ. އެކަމަކު އެކަން އެގޮތަށް ނުކުރާށޭ ބުނުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ. ކައުންސިލުން އެކަން ހުށަހެޅީ ފުލުހުންނަށެވެ. ފުލުހުންގެ ބަހަކީ ތޮލާލު ވިދާޅުވި ގޮތުގައި “ތިޔަ ކަމާ އެބައުޅެމުއެވެ. ނުވަތަ ތިޔަކަން އެބަ ކުރިއަށް ދެއެވެ.” ކޮންމެ ކަމެއްގައިވެސް އެބޭފުޅުން ގެންގުޅުއްވާ އަތްމަތީ ބަސްކޮޅެވެ.

އޭގެ ފަހުން ދެމަސް ވެގެން ދިޔައިރު އަދިވެސް އެދިދަ އެހުރި ތަނުގައި ވަޔާ ތެޅިތެޅި ހަލާކުވާން ދޫކޮށްލެވިފައި އެބަހުއްޓެވެ.

އެހެން ވާހަކައެކެވެ. ހައުސިންގ މިނިސްޓްރީގެ ހުއްދަ ލިއުމަކުން ލިބިގެން ކައުންސިލުން އޭދަފުށީގެ ޖަމިއްޔާ އަކަށް ދީފައިވާ ބިމެއްގެ ބައެއްގައި އެހެން ބަޔަކު މިދިޔަ ރިޔާސީ އިންތިޚާބުގެ ފަހުން ޖަގަހައެއް ނުވަތަ މައިޒާނެއް ހަދައިފިއެވެ. އެ ޝަކުވާވެސް ކައުންސިލަށް ހުށަހެޅުނެވެ. އެކަން އެގޮތަށް ނުކުރެވޭނެކަން އެމީހުންނާ ވާހަކަ ދެއްކުމުގެ އިތުރުން ލިއުމަކުން އެންގެވި ވެސް މެއެވެ. އެކަމަކު އިތުރަށް އެޅުނު ފިޔަވަޅެއް ފެންނާކަށް ނެތެވެ.

އޭދަފުށީގެ މަގުހެދުމުގެ ޕްރޮޖެކްޓްގެ މަސައްކަތް ހިނގާ ނުހިގާ ގޮތެއް އޮޅުން ފިލުވާލުމަށް ރައީސް ތޮލާލަށް ދެންނެވުމުން ވެސް އެ މައުލޫމާތު އެންމެ ރަނގަޅަކަށް ނުދެއްވުނެވެ. ވިދާޅުވީ ޗުއްޓީގައި ހުރެފައި ނުކުތް ދުވަހަކީ މިއަދު ކަމުން ޕްރޮޖެކްޓާ ހަވާލުވެގެން އުޅޭ މީހުންނާއި ވާހަކަ ދައްކާލުމަށް ފަހު ޖަވާބެއް ދޭނެ ކަމުގައެެވެ.

ރައީސަށް އެކަން އެނގިވަޑައި ނުގަތީ ޗުއްޓީގައި ހުންނެވުމަކުން ނޫނެވެ. ރަށު ކައުންސިލާ ސީދާ ގުޅުމެއް ނެތްކަމަކަށް ވާތީ އަޕްޑޭޓެއް ނެތީމައެވެ. ރަށްރަށުގައި ހިންގާ މިފަދަ ބޮޑެތި މަޝްރޫއު ތަކުގައި ރަށު ކައުންސިލްގެ ދައުރަކީ މަޝްރޫއު ހިންގާ ބަޔަކު ކަމަކަށް ނުވަތަ އެހީއަކަށް އެދެފި ހިނދެއްގައި އެކަމެއް ކޮށްދިނުމެވެ. އެނިމުނީއެވެ.

އެކަމަކު މިއީ މިކަން ހިނގަން ޖެހޭނެ ގޮތްކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ. ގާނޫނުގައި ވަރަށް ސާފު ކޮށް ކައުންސިލްގެ ވާޖިބުތަކާ ޒިންމާތަކާއި ބާރުތައް ކަޅާއި ހުދުން ލިޔެވިފައިވާ އިރު މި ބާރުތައް ހިފަހައްޓާފައި ވުމުން ރަށުގެ ރައްޔިތުންނާއި ވެރިންނާއި އޮތް ގުޅުން ހީނަރުވެ ރަށުގެ ކަންކަން ހިންގުމަށާ އިންސާފު ގާއިމު ކުރުމަށް ކޮޅެއް ނެތްހައި ބޮޑެތި ގޮންޖެހުން ތަކެއް ވަނީ މެދުވެރިވެފައެވެ.

ރައްޔިތުންނަށް ފަސޭހައަކަށް ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތަކަކީ ރަށު ކައުންސިލަށް އެނގިގެން ކައުންސިލުގެ ބައިވެރިވުން އޮވެގެން ކައުންސިލުގެ މަޝްވަރާ އާއެކުނޫނީ ކުރެވިގެން ވާނެ ކަންކަމެއް ނޫނެވެ. އެމަޝްރޫއުގެ ފެންވަރާ މަސައްކަތް ކުރާ ގޮތުގެ ސަބަބުން ފަހުން ދިމާވެދާނެ އުނދަގޫ ތަކެއްވެސް ހުރެދާނެއެވެ. އެހެންކަމަށް ވާނަމަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ރަށަށް ލިބި އެގެއްލުން ބޮލުއަޅަން ޖެހޭނީ ރައްޔިތުންނެވެ. ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫތައް ރައްޔިތުން ނުކުމެ ހުއްޓުވާފައި ވަނީ މިހެންވެގެންނެވެ.

މިސާލެއް ދަންނަަވާނަމަ އޭދަފުށީގެ ކަނޑުތޮށީގައި ބޮޑުހިލަ ޖެހުމުގެ ޕްރޮޖެކްޓް ހިންގަމުން ދިޔައިރު މަސައްކަތުގެ ފެންވަރު ދަށްވެގެން ކަންބޮޑުވުން ފާޅު ކުރަން ދިޔައީ ކައުންސިލަށެވެ. އެކަމަށް ހައްލެއް ނައުމުން މަސައްކަތް ހުއްޓުުވާ ހިސާބަށް ދިޔައެވެ. އެކަމަކު ކައުންސިލަށް ކުރެވުނުހާވެސް ކަމަކީ ރައްޔިތުންގެ އެ ކަންބޮޑުވުން ހައުސިންގ މިނިސްޓްރީގައި ދެންނެވުމެވެ. މަޝްރޫއު ހިންގި މީހުން ބުނަމުން ގެންދިޔައީ މަސައްކަތް ކުރާ ގޮތާމެދު ހިތްހަމަ ޖެހުނަސް ނުޖެހުނަސް އެވާހަކަ ބުނެދޭން ޖެހޭނީ ހައުސިންގ މިނިސްޓްރީ އަށެވެ. އެންމެ ފަހުން އެކަމަށް ހައްލެއް ލިބުނީ ދާއިރާގެ މެންބަރާއި ކައުންސިލުން އެތައް މަސައްކަތެއް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއި ހަމައިންނެވެ.

ކައުންސިލް ތަކަކީ ހަމަ އެހާ ސައިޒް ކުޑަ، ހައިސިއްޔަތެއް ނެތް ބައެއް ހެއްޔެވެ؟ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ މައި ސަރުކާރަށް ލިބިފައިވާ ބާރުތަކެއް ކައުންސިލްތަކަށް ދިނުމަށެވެ. ކައުންސިލްތަކަކީ މުސްތަގިއްލު ބޮޑީއެއްގެ ގޮތުގައި ވަކި ޝަޚްސެއްގެ ގޮތުގައެވެ. ރަށްރަށަށް ތަރައްގީއާއި ފަހިކަން ގެނެވޭނީ އޭރުން ކަމަށް ފެނިގެންނެވެ.

ލާމަރުކަޒި ނިޒާމަކީ ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.

“ލާމަރުކަޒީ ނިޒާމަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މަރުކަޒީ ސަރުކާރުގައިވާ ބާރު ތަކެއް ސަރުކާރުގެ އެހެނިހެން ފަށަލަތަކަށް ދޫކޮށްލުމަށް ކިޔާ ނަމެކެވެ. ރާއްޖޭގައި ނަމަ މަރުކަޒީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގައި ހުރި ބައެއް ބާރުތައް އަތޮޅު ތަކަށާއި ރަށްތަކަށް ދިނުމެވެ. ” ކައުންސިލަރުންގެ އަތްމަތީ ފޮތުގައި ލިޔެފައިވަނީ މި ގޮތަށެވެ.

މި ނިޒާމުގެ ދަށުން އުފައްދާފައިވާ ކައުންސިލްތަކަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވާލާފައިވާ ސަރުކާރުގެ އިދާރާ ތަކެކެވެ. މި އިދާރާ ތަކުގެ މައިގަނޑު މަސައްކަތާ ކައުންސިލްތަކަށް ދީފައިވާ ބާރުގެ ތެރެއިން އެރަށެއްގެ އިހްތިސާސް ހިގާ ސަރަހައްދުގައި ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މުޖްތަމައުގެ ލާބައާއި މަންފާ އާއި އަމާން ރައްކާތެރި ވެއްޓެއް ގާއިމް ކޮށްދިނުމަށް މަސައްކަތް ކުރުމަކީ ގާނޫނީ ގޮތުން  ކައުންސިލުތަކާ މަތި ކޮށްފައިވާ މަސްއޫލިއްޔަތެކެވެ.

އެހެންނަމަވެސް 2010ގައި ރަށު ކައުންސިލްތައް އުފެއްދުމަށް ފަހު އޭރު ވެރިކަން ކުރަމުން އައި ރައީސް ނަޝީދުގެ ސަރުކާރު މި ނިޒާމު ގަޑުބަޑުކޮށްލިއެވެ. ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް ނުހަމަ ގޮތުގައި ބަހާލުމުގެ އިތުރުން ރަށްރަށުގެ ރަށް ކުރިއަރުވާ ކޮމިޓީގައިހުރި ރައްޔިތުންގެ ލާރި ކޮޅުވެސް އަތުލީއެވެ.

އެސަރުކާރަށް ފަހު އައީ ރައީސް ޔާމީންގެ ސަރުކާރެވެ. ރަށްރަށުގެ ރައްޔިތުންގެ މާލިއްޔާގައި ހުރި ލާރިކޮޅު އަތު ނުލިޔަސް މިސަރުކާރުންވެސް ކަންތައް ކުރަމުން އައީ ކައުންސިލްތަކަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރުތައް ހަނި ކުރަމުންނެވެ. އޭގެ ނަތީޖާއަކީ ކައުންސިލްތަކަކީ އެއްވެސް ބާރެއް، ހައިސިއްޔަތެއް ނެތް ތަނެއްކަމުގައި ރައްޔިތުން ދެކި ރަށްރަށުގައި ކުރަން ޖެހޭ އެންމެ އަސާސީ ކަންކަމަށްވެސް ބުރޫއެރުމެވެ.  އެހެންވީމާ ކައުންސިލްތައް މިހާރު އޮތީ ޕެރެލައިޒް ވެފައި އޮތް ބަލި މީހެއް ފަދައިން ނޭވާ ހޮޅިއަށް އެޅިފައޭ ބުނެވިދާނެއެވެ.

ރަށު ކައުންސިލުން ރަށްވެހި ތަރައްގީއަށާ ރައްޔިތުންނަށް ދަތިވާ ކަންކަމާއި އަމާން އަދި ހިތްފަސޭހަ ވެއްޓެއް ގާއިމު ކުރުމުގެ މަސައްކަތަށް އޮތް އެންމެ ބޮޑު ހުރަހަކީ މިއެވެ. ކައުންސިލަށް ގާނޫނުް ލިބިދީފައިވާ ބާރުތަކާ ހައްގުތަކުން މަހުރޫމް ކުރުވުމެވެ. ކުރިއަށް ދިއުމުގެ މަގުތައް ބަންދު ވެފައި އޮތުމެވެ. މަދު ބަޔަކު ކުރާ ކުށެއްގެ އުގޫބާތް އެންމެނަށް ލިބެން ޖެހޭ ބޭއިންސާފު އެއީ އިންސާފުކަން ގަބޫލު ކުރަން މަޖްބޫރުވެފައި އޮތުމެވެ.

އޭދަފުށީ ކައުންސިލްގެ މި ދައުރާއި ވޭތުވެ ދިޔަ ދައުރުގައި ވެސް ރަށުގެ ތަރައްގީއާއި އަމާންކަމާ ހިތްފަސޭހަ މާހައުލެއް އޮތް ތަނަކަށް އޭދަފުށި ހެދުމުގެ ގޮތުން މަސައްކަތް ތަކެއް ކުރެވޭތޯ އެޅުނެވެ މަގުމަތީގައި ހައްދާފައިހުރި ކޮޕީ ގަސްތައް ނެގުމާއި މަގުތަކުގައި ބަހައްޓާފައި ހުރި ޖޯލި ފަތިތަކާއި މި ނޫންވެސް ގަވާއިދާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެކަމަށް ބައެއް ރައްޔިތުންގެ އެއްބާރު ލުމެއް ނުލިބުނެވެ. އެއްފަހަރު ދެފަހަރުވެސް އެތަކެތި ނެގުމަށް މުއްދަތު ދިން އިރުވެސް ކަހާތަން ހިރުވާވެސް ނުލިއެވެ. ކައުންސިލަށް މަޖުބޫރުވީ ޕޮލިހުން ނެރެގެން މަގުތައް ސާފު ކުރުވާށެވެ. އެކަމަކު ދެންވެސް އައީ މަގުތަކުގައިކުރިން ހުރިހެން ކޮޕީގަސް ހައްދައި ޖޯލިފަތިތައްވެސް ބަހައްޓަމުންނެވެ. ކައުންސިލަށް ކުރެވޭނެ ކަމެއް އެޅޭނެ ފިޔަވަޅެއް ނެތެވެ.

ދާދި ފަހުން އޭދަފުށީގައި މެހި ގިނަވެ ދިރިއުޅެން އުނދަގޫވާ ހިސާބަށް ކަންތައް ދިޔައީ ކުނިގޮނޑުސާފު ނުކޮށް ވިއްސާރަ މޫސުން ނިމި ދިޔައިރުވެސް އޮތުމުން ކަމަށް ރައްޔިތުން ތުހުމަތު ކުރިއެވެ. އެކަމަކު ރައީސް ތޮލާލު އެކަން ދިފާއު ކުރައްވައި ކުނިއުކާލުމަށް ރަޖިސްޓަރީ ނުކުރާ މީހުންގެ ބޮލުގައިވެސް މި ތުހުމަތު އެޅުއްވިއެވެ. އެވެ. ވިދާޅުވީ ކުނި ގޮނޑަށް ކުނި އުކާލަން ރަޖިސްޓްރީ ކޮށްފައި ނެތް އެތައް ބަޔަކު ކުނި ކޮއްޓަށް ގޮސް ގޮތެއްފޮތެއް ނުބަލާ ހުރިހާ ވައްތަރެއްގެ ކުނި އެއްކޮށް ކުނިގޮޑަށް ކުނި އަޅަމުން ގެންދިއުމަކީވެސް  މެހި ގިނަވާން ދިމާވާ މައްސަލައެއް ކަމުގައެވެ.

މިކަން ހުއްޓުވަން ރަށު ކައުންސިލަށް ކުރެވޭނެ ކަމެއް ނެތެވެ. އެންމެ ކުޑަމިނުން ކުނިއުކާލުމަށް ރަޖިސްޓްރީ ކުރަން އެންގޭނެ ގޮތެއްވެސް ނެތެވެ.

މަސްރަހު މިއަދު އޮތް ގޮތް ބަަލާލުމުން ފެންނަން އޮތް ހިތި ހަގީގަތަކީ ކައުންސިލުން ގަވާއިދެއް ހަދައި އެއަށް އަމަލު ކުރަން އަންގާފައި ވިޔަސް ގަވާއިދަށް ބެލުމެއްނެތި ކުނިވެސް އުކަނީ އެވެ. ވާޓަރު މަތީގައި މަސް ކަނޑަނީ މަނާ ކަމެއްކަން އެނގިތިބެއެވެ. ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދަމުން އަންނަ މަގުތަކުގެ ޕޭމަންޓް މަތީގައި ޖޯލިފަތިތަކާ އެއްޗެތި ހިއްކަން އަޅާ ހަރުގަނޑުތައް ބަހައްޓައިގެން ހިނގާ މީހުންނަށް ވާނެ އުނދަގުލަކަށް ބެއްލުމެއްނެތި ހިއްކަން އަޅަނީ އެވެ. މަގުތަކުގެ ހައްގުތަކެއްވެސް ވާކަން ދެނެތިބެ މަގުތަކުގައި ތަކެތިވެސް ބަހައްޓަނީ ގޯތީގައި ޖާގަ ނެތިގެންވެސް ނޫނެވެ. ފަސޭހަގޮތްފަސޭހަ ކަމަށް ބަލައިގެންނެވެ. މިކަހަލަ ބައިވަރު ކަންތައް ފެންނަން އެބަހުއްޓެވެ.

މިކަންކަން މޮނީޓަރކޮށް ގަވާއިދާ ޚިލާފުވާ ފަރާތް ތަކަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ނެތްހާ ހިނދަކު ނުވަތް ގާނޫނީ ގޮތުން ކައުންސިލްތަކަށް ދީފައިވާ ބާރުތައް ހިފަހައްޓާފާއި ވާހައި ހިނދަކު މިކަންކަން ހިނގާނީ މިގޮތަށެވެ. މިވާހަކަ ދައްކާއިރު މިކަންކަމުގައި ކައުންސިލްގެ ޒިންމާތަކެއް ވެސް އޮތްކަން ހަނދާން ނައްތައެއް ނުލަމެވެ. ކޮންމެ ކަމެއް ފުލުހުންނަށް ހުށަހަޅައިގެން ނިންމުމުގެ ބަދަލުގައި އެކަންކަން ހައްލު ކުރެވޭނެ އެހެން ގޮތްތަކެއް ވެސް ހުންނާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top