ބ.އަތޮޅުގެ ތިން ރަށް ކަމުގައިވާ މާއްޑޫއާއި އުޑޫދޫ އަދި ފުނަދޫގެ ރައްޔިތުން އޭދަފުއްޓަށް ބަދަލުކުރިތާ 50 އަހަރު ފުރުން ކުލަގަދަ ކޮށް ފާހަގަ ކުރުމަށް އޭދަފުށީ ޖަމިއްޔަތުލް ވަފާ އިން ނިންމައިފިއެވެ.
އެ ޖަމިއްޔާއިން ނެރެ އާއްމު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ކުޅިވަރު އީދެއްގެ ގޮތުގައި އަންނަ އަހަރުގެ މާޗް މަހު 8 އިން 14 ގެ ނިޔަލަށް ކަމުގައެވެ. މިކަމުގައި ވީހާ ގިނަ ބަޔަކު ބައިވެރިވުމަށް ޖަމިއްޔާއިން އެދިވަޑައިގަންނަވައެވެ.
އީީވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޅިވަރުގެ މިއީދު ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އިވެންޓް ތަކުގެ ތެރޭގައި ރަންޔޫބީލް ހުޅުރޯ ކުރުމާއި ރަދުން ހިތްޗަށް ވަޑައިގަތުމާ ކޯޑި ކުޅުން ، އަދި ބިލެތްދަފި ނެގުމާ ކުރުފަލި ޖެހުން ފަދަ ކުޅިވަރުތައް ހިމެނެ އެވެ.
މީގެ އިތުރުން ކުޑަކުދިންގެ ހަވީރާއި އިސް ރަށްވެހިންގެ ހަވީރަކާ ސްޓޭޖް ޝޯ އެއްގެ އިތުރުން އޭދަފުށީ ރައްޔިތުންނަށް ޖާފަތެއް ދިނުމާއި ރަންޔޫބީލް ޚާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
މި ތިން ރަށުގެ މީހުން އޭދަފުއްޓަށް ބަދަލު ކުރިތާ މި އަހަރު ޑިސެމްބަރުގައި 50 އަހަރު ފުރޭ އިރު މިމުނަސާބާ ފާހަގަ ކުރަން ކުރިން ނިންމާފައިވަނީ މިއަހަރުގެ އަޟްހާ އީދުގެ ތެރޭގައެވެ. ނަމަވެސް ދިމާވީ އެކި ސަބަބުތަކާ ހުރެ އަންނަ އަހަރަށް ލަސް ކުރަން ޖެހުނީ ކަމަށް މި ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވިއެވެ.
ހުކުރު ވާޖިބުވާ 50 މީހުން ހަމަނުވާ ކޮންމެރަށަކީ ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސުމުގެ ޤާނޫނު 1968މ ވަނައަހަރު އޭރުގެ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން ބ. އަތޮޅު މާއްޑޫ، އުނޑޫދޫ އަދި ފުނަދޫ މީހުން އޭދަފުއްޓަށް ބަދަލުކުރީ އެއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން 3 ރަށުގެ 77 ގޭގެ މީހުން އޭދަފުއްޓަށް ބަދަލުކޮށް ނިމުނީ 17 ޑިސެމްބަރ 1968ދުވަހުއެވެ. މިމަޝްރޫއުގެ ދަށުން ބ. އަތޮޅު ކިހާދޫ މީހުން އޭރު ހިތާދުއަށްވެސް ބަދަލުކުރިއެވެ. ނަމަވެސް އެގާނޫނު އުވުމާ ގުޅިގެން 1975 ވަނަ އަހަރު ކިހާދޫ މީހުން ވަނީ އެނބުރި އަލުން ރަށަށް ބަދަލުވެފައެވެ.
ކިޔުންތެރިންގެ ޚިޔާލު