ޝަހާދަތުގެ ދެކަލިމައަކީ ނަރަކައިން ސަލާމަތްކޮށްދޭ އައްޑަނަ: ޚުތުބާ

DSCN2884.jpg

އޭދަފުށީ މަސްޖިދު މުއީނުން ދީން

ޝަހާދަތުގެ ދެކަލިމައަކީ ﷲގެ އަޒާބާއި އުގޫބާތުގެ ހުރަގެ ކަމުގައިވާ ޖަހަންނަމަ އިން އިންސާނާ ސަލާމަތް ކޮށްދޭ އައްޑަނަކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޝަހާދަތުގެ ދެކަލިމަ އާއި އޭގެ މާތްކަމުގެ މައްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، ޝަހާދަތުގެ ދެކަލިމައަކީ ޖަހާލަތާއި ކުފުރުގެ އަނދިރިކަމުން ހިދާޔަތުގެ އަލިގަދަ ނޫރުގެ ތެރެއަށް އިންސާނާ ވައްދައިދޭ ދަންމަރު ކަމަށެވެ. އަދި އެ ދެކަލިމައަކީ ﷲގެ ދިންނެވުމާއި ނިއުމަތުގެ ގޯތި ކަމުގައިވާ ސުވަރުގެއަށް އިންސަނާ ވާސިލް ކޮށްދޭ ވަސީލަތް ކަމަށެވެ.

ހަމައެހެންމެ ޝަހާދަތުގެ ދެކަލިމައަށް ފުރިހަމައަށް އީމާންވުމަށް ޓަކައި މި ދެކަލިމަ މުސްލިމުންގެ ހަޔާތާ ގުޅިފައިވާ ގޮތްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހޭ ކަމަށެވެ.

“”ޝަހާދަތުގެ ދެކަލިމަ އޭގެ ހަގީގީ މާނައިގައި ހިތުގެ އަޑިން ގަބޫލުކުރާ މީހާ، މާތްﷲގެ ފޮތާއި ކީރިތި ރަސޫލާގެ ސުންނަތް އޭނާގެ ހަޔާތާ ގުޅުވާލާނެއެވެ. ޝަރީއަތުގެ މި ދެމަސްދަރު އުނގެނި، އޭގައިވާ އެއްޗެއްގެ މުރާދު ދެނެގަތުމަށް މަސައްކަތްކޮށް އެއަށް އަމަލުކޮށް އެއާ އެއްގޮތަށް އޭނާގެ ހަޔާތް ބައްޓަން ކުރާ މީހަކަށް ވާނެއެވެ،” ޚުތުބާގައި ބުންޏެވެ.

ގުރުއާން ކިޔެވުމާއި ހަދީސްތައް ކިޔުން އަހަރެމެންގެ ކިބައިގައި އަށަގަންނަން ބޭނުންވާ މީހާ ކޮންމެ ދުވަހަކު ތަކުރާރުކޮށް އެކަމެއް ކުރުން މަތީ ދެމިތިބުން މުހިންމުކަމަށް ޚުތުބާގައި ބުންޏެވެ. އެގޮތުން މިސާލަކަށް ކޮންމެ ދުވަހަކު ފަސް މިނިޓު ގުރުއާން ކިޔަވަން އަދި ފަސް މިނިޓު ހަދީސް ކިޔަން ހޭދަކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މިގޮތަށް މަހެއްހާ ދުވަސް ހޭދަކޮށްފި ނަމަ އެކަން އިންސާނާގެ ކިބައިގައި އަށަގަތުން ވަރަށް ގާތް ކަމަށާއި މިކަމަށް އާދަވުމުން ކޮންމެ ދުވަހަކު ކިޔަވާ މިންވަރު މަދުމަދުން އިތުރު ކުރެވިދާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ބުނީ، އަހަރެމެންގެ އަޚްލާގީ އަދި ސުލޫކީ މިންގަނޑު އިސްލާމީ ޝަރީއަތުގައި އަންގަވާފައިވާ ގޮތުގެ މަތީގައި ބިނާ ކުރެވިފައި ވުމަކީ ހަޔާތް ޝަހާދަތުގެ ދެކަލިމައާ ގުޅިފައި ވާކަމުގެ ނިޝާނެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top