އިންޑިއާ ސިފައިން އަނެއްކާވެސް ރާއްޖެ ސަރަހައްދުން މަސްދޯންޏަކަށް އަރައިފި

maahoara-3.jpg

އިންޑިއާ ސިފައިން އަނެއްކާވެސް ރާއްޖޭގެ މަސްދޯންޏެއް ހުއްުޓުވައި ހަތިޔާރުން ބިރުދައްކައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާ ސިފައިން މިފަހަރު އަރާފައިވަނީ ހއ މުޅަދޫ ބޭރު ކަނދުފައްޗާ 3 މޭލު ކައިރިން ދަތުރުކުރަމުންދިޔަ މަސްދޯންޏަކަށެވެ. އެއީ މޯބައިލް ފޯނުވެސް ލިބޭ ސަރަހައްދެއްކަމަށް އޮންލައިން ނޫހެއް ކަމަށްވާ އިރުވަރު އޮންލައިނާ މައުލޫމާތު ހިއްސާ ކުރަމުން އެ ދޯނީގެ ކެޔޮޅު ބުނެފައި ވެއެވެ.

ރޭ ދަންވަރު ގާތްގަނޑަކަށް 12:00 ހާއިރު، އިންޑިއާ ސިފައިން އަރާފައިވަނީ ހއ. އިހަވަންދޫ “މާހޯރަ-3″ ދޯންޏަށެވެ. މި ދޯންޏަކީ މިފަހުން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަހައްދުން އިންޑިއާ ސިފައިން އަރައި ބާލާ ފާސްކުރި 3 ދޯނީގެ ތެރެއިން 1 ދޯންޏެވެ.

މާހޯރަ ދޯނީގެ ކެޔޮޅު ބުނީ ރޭ 12 ޖެހިފަހުން އެ ދޯންޏަށް އިންޑިއާ ސިފައިން އަނެއްކާ ވެސް އަރާފައިވާ ކަމަށާއި އިންޑިއާ ސިފައިން ހަތިޔާރާ އެކު އަރައި އެތައް އިރެއް ވަންދެން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އިންޑިއާގެ ނޭވީ ކޯސްޓްގާޑެއް ދޯންޏާ ކައިރިކުރުމުން މަޑުނުކޮށް ދުއްވުން އިންޒާރު ދެމުން ފަހަތުން އައި ކަމަށާ ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށުމުން ދޯނި މަޑުކުރީ ހަމަލާ ދީފާނެ ކަމަށް ބަލާފައި ކަމަށް ދޯނީގެ ކެޔޮޅު ބުންޏެވެ.

އޭރު ދޯނި އޮތީ ރާއްޖޭގެ ސަރަހައްދުގައި މޮޅަދޫ ބޮޔާއި ތިން މޭލު ބޭރުގައެވެ. މި މައްސަލަ ދޯނީގެ ފަރާތުން ކޯސްޓްގާޑާއި ހިއްސާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން އެމްއެންޑީއެފުން ބުނީ އެ ހާދިސާއާ ގުޅޭ މައުލޫމާތު ހާމަ ކުރާނެ ކަމަށެވެ.

ކެޔޮޅު ބުނީ އިންޑިއާ ސިފައިންގެ ކޯސްޓްގާޑު ދޯންޏާ ކައިރިވުމުން ފޯނުގެ ރޭންޖް ދިޔަކަމަށާއި، ދޯންޏަށް އަރައި އެމީހުން ހޯދަން ބޭނުންވި ބައެއް މައުލޫމާތުތައް ހިއްސާ ނުކުރާކަމަށެވެ. އެއީ މިފަހުން ދިވެހި ކޯސްގާޑުން އެގޮތަށް އިރުޝާދު ދީފައިވާތީކަމަށް ދޯނީގެ ކެޔޮޅު ފާހަގަކުރިއެވެ.

މިމަހުގެ 1 ވަނަ ދުވަހު އިންޑިއާ ސިފައިން ރާއްޖޭގެ 3 ދޯންޏަކަށް އަރާފައިވާއިރު، ރާއްޖޭގެ ކަމާބެހޭ އިދާރާއިން ވަނީ އެކަން އެގޮތަށް ކުރި ސަބަބު ހާމަކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދިފައެވެ.

ރާއްޖޭގެ އުތުރުގެ ސަރަހައްދު ގައި މަސްވެރިކަން ކުރަން އުޅުނު ތިން ދޯންޏަކަށް އިންޑިއާގެ ދެ މަނަވަރެއް ގައި ތިބި ސިފައިން ހަތިޔާރާ އެކު އަރާ ދިވެހީންނާއި ސުވާލުކޮށްފައި ވަނިކޮށް އެމްއެންޑީއެފުން ވަނީ ދިވެހިރާއްޖޭގެ އުތުރުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ގައި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރި ވަމުންދާ ކަމަށް ބުނެފައެވެ.

ބޭރުގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގެ މަސްދޯނި ތަކަށް އެރި މައްސަލައާ ގުޅޭގޮތުން ދިވެހި ގައުމީ ދިފާއީ ބާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޖެނުއަރީމަހުގެ 31 ވަނަ ދުވަހު، ރާއްޖޭގެ މަސްދޯނިތަކަށް އަރާފައިވަނީ،  އިންޑިއާ ކޯސްޓްގާޑް ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމްތަކުން ކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

ގައުމީ ދިފާއީ ބާރުން އިއްޔެ ބުނީ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯނިތަކަށް ދިވެހި ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކަށް އެނގުމަކާ ނުލައި ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ހިލާފަށް އިންޑިއާގެ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަނުގެ ތަފްސީލް ދެއްވުމަށް ދިވެހި ހާރިޖިއްޔާ މެދުވެރިކޮށް އިންޑިއާ ސަރުކާރުގައި އިއްޔެ ދަންނަވާފައި ވާކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top