
ގުލްސަންޕާ ގަސްތައް ނެގުމުގެ މަސައްކަތް އިއްޔެ ކުރިޔަށްދިޔައިރު އެސަރަހައްދުން މީހަކު ހިނގާފައިދަނީ. މިގަސްތަކަކީ ބައިގަރުނަށްވުރެ ގިނަދުވަސްވީ ގަސްތަކެއް / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް
ބ. އޭދަފުށި ހުކުރު މިސްކިތް ކައިރީގައި ހުރި ދުވަސްވީ ގުލްސަންޕާ ގަސްތައް ނަގައި ހަމައެގަސްތައް އެހެންސަރަހައްދެއްގައި އިންދައިފިއެވެ.
އިއްޔެ އޭދަފުށީ ކައުންސިލްގެ އެކްސްކަވޭޓަރު ބޭނުންކޮށްގެން ނަގާފައިވަނީ ހުކުރު މިސްކިތުގެ ހުޅަނގުން ފުޓްބޯޅަ ދަނޑުގެ ގޯއްޗާދެމެދު އޮތް ގޯޅި ތެރޭގައި ހުރި 3 ގަހެވެ. މިގޯޅިއަކީ އާންމުކޮށް މީހުން ހިނގާބިނގާވެއުޅޭ އަދި ސައިކަލް ފަދަ ވެހިކަލްތައް ދުއްވިނަމަވެސް ގަސްތައް ހުރުމުގެ ސަބަބުން ހަތަރު ފްރޮޅުލީ ވެހިކަލް ނުދުއްވޭ ހަނިގޯޅިއެކެވެ.
އޭދަފުށީ ކައުންސިލުން ބުނީ ގަސްތައް ނެގީ އެގަސްތައް ހުރި ގޯޅިއަކީ ހަނި އަދި ދުއްވާ އެއްޗެތި ވަނުމަށް އުނދަގޫ މަގަކަށްވާތީއާ، މަގު އަޑިގުޑަންވެފައިވުމުގެ ސަބަބުން ލެވެލް ކުރުމުގެ ބޭނުމާވެސް އެކުކަމަށެވެ.
މިގަސްތައް ނެގުމަށްފަހު ހަމައެވަގުތު އަލުން އެގަސްތައް އިންދީ ކުރީގެ ބަށިކޯޓާ، ފުޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގައެވެ.
އޭދަފުށީ ހުކުރު މިސްކިތްކައިރިން އިއްޔެ ނެގި ގުލްސަންފާ މިތިން ގަހަކީ މީގެ މީގެ ފަސްދޮޅަހަކަށް އަހަރުކުރިން ފެށިގެން އެތަނުގައި ހުންނަ ގަހެސްތަކެއް ކަމަށް ދުވަސްވީމީހުން ބުނެއެވެ. މިތިންގަހަކީ އޭދަފުށީގައި މިހާތަނަށް ހުރި އެންމެ ދުވަސްވީ ގުލްސަންޕާ 3 ގަސްކަމުގައި ބެލެވޭކަމަށްވެސް އޭދަފުށީގެ ތާރީހް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.