މެސްކޮޓް: ފްލެކޯ

590503-mascotte-coupe-monde-2014-soccer.jpg

މެސްކޮޓް: ފްލެކޯ

ވޯލްޑްކަޕްގެ ފޯރި ގަދަވުމުގެ ސިއްރެއްގެ ގޮތުގައި މެސްކޮޓް ވާކަމީ މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ހަޤީގަތެކެވެ. 1966 ވަނަ އަހަރު އިންގްލެންޑްގައި ބޭއްވި މުބާރާތުގައިފުރަތަމަ ފަހަރަށް މެސްކޮޓް ތަޢާރަފް ކުރުމުން ވޯލްޑްކަޕް ބާއްވާ ޤައުމުތަކުން މެސްކޮޓަށް ދޭ ސަމާލުކަން އިތުރުވިއެވެ. 2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި މުބާރާތުގައި އެ ޤައުމު ނިސްބަތްވާގޮތަށް “ޒަކޫމީ” ގެ ނަމުން ނަންދެވުނު މެސްކޮޓަށް އަޅުގަނޑުމެންގެ ދިވެހިންގެ ތެރޭގައި ލިބުނު ތަރުހީބު އިންތިހާއަށް ބޮޑެވެ.

މިފަހަރުގެ މުބާރާތުގެ މެސްކޮޓްގެ ރަސްމީ ނަމަކީ ‘ފުލެކޯ’ އެވެ.ފީފާގެ ވޯލްޑްކަޕްގެ އިންތިޒާމް ކޮމިޓީން ފުލެކޯ ހަމަޖެއްސީ ތަފާތު 47 ޑިސައިނަކަށް ބެލުމަށްފަހު 2012 ސެޕްޓެމްބަރގައެވެ. ފުލެކޯ ރަސްމީ ގޮތުން އެންމެ ފުރަތަމަ ފަހަރަށް ލޯންޗް ކޮށްފައިވަނީ 25 ނޮވެމްބަރ 2012 ގައެވެ.ބަލާ ބެލުމަށް ހިތްގައިމު ފުލެކޯ ގެ ނަން އުފެދިފައިވަނީ “ފުޓްބޯޅަ”އަދި “އިކޮލޮޖީ” މި ދެ ބަހުންނެވެ. މި ނަން ދެވިފައިވަނީ ވޯޓް ދިން ރައްޔިތުންގެ48% ވޯޓު ލިބިގެންނެވެ. ފުލެކޯގެ ފަހަތުން ދެވަނައަށް ދިޔައީ 31 އިންސައްތަ ލިބުނު ޒުޒެކޯއެވެ.

މިފަހަރުގެ މެސްކޮޓަކީ ކުޅިވަރާ ގުޅުންހުރި މެސްކޮޓެއްގެ އިތުރުން ތިމާވެއްޓާ ވެސް ގުޅުންހުރި މެސްކޮޓެކެވެ.އެގޮތުން ފުލެކޯ ނިސްބަތްވާ “ބްރެޒީލިއަންތްރީ ބޭންޑެޑް އާރމަޑިއްލޯ” ގެ ބާވަތަކީ ދުނިޔެއިން ނެތި ދިޔުމުގެ ރަތް ލިސްޓަށް އަރާފައިވާ ބާވަތެކެވެ.މިކަމުގެ ނަތީޖާއެއްގެ ގޮތުން ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކަށް ޢާއްމުން ހޭލުންތެރި ކުރުވުމަށް މި މެސްކޮޓްގެ މުހިއްމުކަން ބޮޑުވެއެވެ.

ފުލެކޯ އަކީ މިހާތަނަށް އަޅާބަލާއިރު ފީފާ ވޯރލްޑް ކަޕްގެ އެންމެ މަޝްހޫރު މެސްކޮޓް ކަމަށް މިހާރުވެސް ވަނީ ޤަބޫލުކުރެވެން ފަށާފައެވެ. މިގޮތުން މި މެސްކޮޓް ވުޖޫދަށް ނެރުނުތާ ދެދުވަސް ތެރޭގައި ބްރެޒިލްގެ އާބާދީގެ 89% މީހުންވަނީ މި މެސްކޮޓް ބަލާފައެވެ.

ފީފާގެ މާކެޓިންގ ޑިރެކްޓަރ ތިއެރީ ވެލް ވިދާޅުވިގޮތުގައި ފުލެކޯ އަކީ މެސްކޮޓްގެ ދިގު ތާރީޚުގައި އެންމެ ކާމިޔާބު މެސްކޮޓެވެ. “މެސްކޮޓް ހަމައެކަނި ފެނުމާއި، ބްރެޒިލްގެ ގިނަ ބަޔަކު މިއަށް ބެލުމަކުން ނޫން މީގެ މަޝްހުރުކަން ބޮޑުވެފައިވަނީ، މި މެސްކޯޓާއި ރައްޔިތުންނާއި އޮންނަ ގުޅުން ބަދަހިވުމުން ޢާއްމުންގެ މެދުގައި މަޤްބޫލު އެއްޗަކަށް ވެގެން ހިނގައްޖެ. މީގެ އިތުރުން މި މެސްކޮޓަށް ދެވިފައިވާ ވަނަމުގެ “ޓަޓު-ބޯލަ” ސަބަބުންވެސް ޢާއްމުންގެ މެދުގައި މެސްކޮޓް މަޤްބޫލުވެގެންދިޔަ”
މެސްކޮޓްގެ މަޤްބޫލުކަން ފުޓްބޯޅައަށް ލޯބިކުރާ ސަޕޯޓަރުންގެ ކުރިމަތީގައި އިތުރުވަމުން ދާއިރު މި މެސްކޮޓަށް އެންމެ ބޮޑަށް ސަމާލުކަން ދެނީ ކުޑަކުދިންނެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑްކަޕް ފެށުމުގެ ކުރިން ފުލެކޯ މެސްކޮޓް ވަނީ ސަޕޯޓަރުންގެ ހިތްތަކުން ޖާގަ ހޯދާފައެވެ. ފުޓްބޯޅައާއި ރަޙްމަތްތެރި މި ކުޅިވަރަށް އޮންނަ ލޯބި ރަމްޒުކޮށްދޭ ފުލެކޯއާއި އެކު ވޯލްޑްކަޕްގެ ފޯރި ގަދަވެގެންދާނޭކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top