ރެފްރީގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ހެއްޔެވެ؟ ނޫނީ ރެފްރީންގެ ނިންމުންތަކަށް އިތުރު އެހީއެއް ބޭނުން ހެއްޔެވެ؟
ރެފްރީގެ ނިންމުމާއިމެދު އަބަދުވެސް ސަޕޯޓަރުންނާއި ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ފާޑުކިޔާ ހަދައެވެ. ދަނޑުމަތީގައި ރެފްރީންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ގަދަވާކަމަށް އެއްބަޔަކު ޤަބޫލުކުރެއެވެ. ފޯރިގަދަ ކުޅިވަރަކަށް ވަނީ ފުޓްބޯޅަ ވަނީ މިސަބަބާއި ހެދިކަމަށްވެސް ޤަބޫލުކުރާ މީހުން މަދެއްނޫނެވެ. ރެފްރީންނަށް ހެދުނު ބައެއް ގޯސްތަކަށް ބަލާއިރު، 1986 ވަނައަހަރު ޑިއެގޯ މެރެޑޯނާ އިނގިރޭސީންގެ ކޮޅަށް އަތުން ޖެހި ގޯލްގެ ވާހަކަ އަދިވެސް މީހުން ދައްކައެވެ. މީގެ އިތުރުން ޤަޢުމުތަކުގެ ޑޮމެސްޓިކް ލީގްތަކާއި، 2010 ގެ ވޯލްޑްކަޕް ގައި ޖަރުމަނު ކޮޅަށް ފްރޭންކް ލަމްޕާޑް ޖެހިޖޯލް ގޯލެއް ކަމަށް ނުނިންމުމާއި އަދި 2012 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގައި ރެފްރީން ނިންމި ބައެއް ނިންމުން ތަކުގެ ސަބަބުން ކުޅުންތެރިންނާއިއެކު ފުޓްބޯޅަ ދަނަޑަށް ޓެކްނޮލޮޖީ ނެރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ “ފީފާ” އަށް މަޖުބޫރުވިއެވެ.
ފުޓްބޯޅަ ދަނޑަށް އަލަށް ތަޢާރަފްވި “ގޯލް ލައިން ޓެކްނޮލޮޖީ” ގެ ބޭނުމަކީ ބޯޅަ ގޯލް ލައިން ކްރޮސް ކުރިތޯ ޑިވައިސްއެއް ބޭނުންކޮށްގެން ޔަޤީން ކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. މިޓެކްނޮލޮޖީއަކީ އެއްގޮތަކަށްވެސް ރެފްރީންގެ ބަދަލުގައި ބޭނުންކުރާ ޓެކްނޮލޮޖީއަކަށް ނުވިނަމަވެސް، ރެފްރީންނަށް ގޮތް ނިންމުމަށް މިޓެކްނޮލޮޖީ އެހީތެރިވެދޭނެއެވެ. ދުނިޔޭގެ މަޝްހޫރު ތަފާތު ކުންފުނިތަކުން މިޓެކްނޮލޮޖީ އުފެއްދުމަށް ކުވެރުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން “ކައިރޯސް ޖީ.އެލް.ޓީ ސިސްޓަމް”، “ގޯލްމައިންޑަރ”، “ގޯލްރެފް”، އަދި ހޯކް-އައި” ފަދަ މަޝްހޫރު ޓެކޮނޮލޖީތައް އުފަންވެގެންއައެވެ.
މިކަމުގެ ސަބަބުން ފުޓުބޯޅަ މެޗްތަކުގެ އިންސާފުވެރިކަން ބޮޑުވެގެންދާނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔައިރު، މި ކުޅިވަރުގެ ފޯރި ދަށް، ރެފްރީންގެ ފެންވަރު ދަށްވެގެން ދާނެކަމަށް މިކަމާއި ދެކޮޅު ބައެއް ފަރާތްތަކުން ވަކާލާތު ކުރަމުން ދިޔައެވެ. ޚިޔާލު ތަފާތުވުންތަކާއި އެކުގައިވެސް 2012 ވަނަ އަހަރު ބޭއްވުނު ފީފާ ކްލަބް ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ރަސްމީކޮށް ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރަން ފެށުނެވެ.ޖަޕާނުގައި ބޭއްވުނު މިމުބާރާތުގައި ޓޮޔޯޓާ ސްޓޭޑިއަމްގައި “ހޯކް-އައި” ޓެކްނޮލޮޖީ ބޭނުންކުރެވުނުއިރު، އިންޓަނޭޝަނަލް ސްޓޭޑިއަމް ޔޮކޮހާމާ ގައި “ގޯލްރެފް” ބޭނުންކުރެވުނެވެ. އަދި 2013 ވަނަ އަހަރުގެ ފީފާ ކޮންފަޑަރޭޝަންސް ކަޕްގައި ކެމެރާ ބޭނުންކޮށްގެ އުފައްދާފައިވާ “ގޯލްކޮންޓްރޯލް” ޓެކްނޮލޮޖީ ބޭނުންކޮށް، އޭގެ ކާމިޔާބީގެ އަލީގައި 2014 ވަނައަހަރު ބްރެޒިލްގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި މިޓެކްނޮލޮޖީ ބޭނުންކުރުމަށް 2013 އޮކްޓޯބަރު ގައި “ފީފާ” އިންނިންމިއެވެ.
މިޓެކްނޮލޮޖީއަކީ ދަނޑުގެ އެކި ހިސާބުތަކުގައި ދެގޯލަށް އަމާޒުކޮށްގެން 14 ހައި ސްޕީޑް ކެމެރާ ހަރުކޮށްފައި ހުންނަ ޓެކްނޮލޮޖީއެއްކަމުން ކުޅުން ތެރިންނަށާއި، ކޯޗުންގެ ހިތައް ފިނިކަމެއް ލިބިގެން ދިޔައެވެ.ކޮންމެ ގޯލަކަށް 7 ކެމެރާ އަމާޒުކުރެވޭ މި ކެމެރާތަކުން މިނެޓަކު 500 ކުލަ ފޮޓޯ ނަގައެވެ. އަދި ބޯޅަ، ގޯލްލައިން ހުރަސްކޮށްފިނަމަ، ސިކުންތެއްގެ ތެރޭގައި މެޗްގެ ހުރިހާ އޮފިޝަލުންނަށް ވައިބްރޭޝަން އަދި ވިޝުއަލް ސިގްނަލެއް ފޮނުވައެވެ. މިސިސްޓަމް ޤާއިމް ކުރުމަށް ކޮންމެ ސްޓޭޑިއަމްއަކަށް 260,000.00 ޔޫ.އެސް ޑޮލަރު (4 މިލިޔަން ދިވެހި ރުފިޔާ) ހޭދަވާއިރު، ކޮންމެ މެޗަކަށް އަދި އިތުރު 3,900.00 ޔޫ.އެސް ޑޮލަރު (60 ހާސް ރުފިޔާ) ޚަރަދުވާނެއެވެ.
2013 – 2014 ޕްރިމިއަރ ލީގްގައި އަދި ކެޕިޓަލް ވަން ކަޕްގެ ކުއާޓަރ ފައިނަލްގެ 3 މެޗްގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރަން ފެށިއިރު، މިޓެކްނޮލޮޖީ ބޭނުންކޮށްގެން އިނިގިރޭސި ޕްރިމިއަރ ލީގްގައި ފުރަމަތަ ގޯލެއް ނިންމީ 2014 ޖެނުއަރީ 18 ވަނަ ދުވަހު މެންޗެސްޓަރ ސިޓީ ކާޑިފް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗްގައި އެޑިން ޒެކޯ ޖެހި ގޯލްގައެވެ. އަދި ކެޕިޓަލް ވަން ކަޕްގެ ކުއާޓަރ ފައިނަލް މެޗްގައި ސަންޑަލޭންޑާއި ޗެލްސީ ބައްދަލުކުރި މެޗްގައި ޗެލްސީގެ ފްރޭންކް ލަމްޕާޑް ޖެހިގޯލް އެއީ ގޯލެއްތޯ ކަށަވަރުކުރުމަށްޓަކައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކޮށްފައިވާކަން މިފުރުސަތުގައި ފާގަހަ ކޮށްލަމެވެ.
ދެންއޮތީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. މުޅި ދުނިޔެ ބައިވެރިވާ ބޮޑު ފުޓް ބޯޅަ މުބާރާތެއްގައި ޓެކްނޮލޮޖީ ބޭނުންކުރާ މީ ފުރަތަމަ ފަހަރެވެ. މި ޝަރަފު މިފަހަރު ބްރެޒިލްއަށް ލިބިގެންދާއިރު، ތަފާތު ޓެސްޓްތަކަށްފަހު ފަރުމާކޮށްފައިވާ މި ޓެކްނޮލޮޖީ އީޖާދުކޮށްފައިވަނީ، ޖަރުމަނުގެ ކުންފުންޏަކުނެވެ. މިހާރު ގިނަބަޔަކު އުފަދާ ސުވާލަކީ މިފަދަ އަގުބޮޑު ޓެކްނޮލޮޖީއެއް ފުޓްބޯޅައަށް ހަމަ މުހިންމުބާއެވެ. މިކަމުގެ ސަބަބުން ފުޓްބޯޅައިގެ ފޯރި ދަށްވެގެން ހިނގައިވާދޭ ބާވައެވެ. އަދި ފުޓްބޯޅަ މެޗް ޓެކްނޮލޮޖީއަށް ގޮސް ހުސްވެ، ރެފްރީން ދައުރު އެއްވެސް ވަރަކަށް ނެތް ދުވަހެއް ހިނގައިދާނެ ބާވައެވެ. މިފަދަ އެތައް ސުވާލުތަކާއި ބަހުސްތަކެއް ކުރެވެމުންދާއިރު، މިކަމުގެ ސަބަބުން މިމުބާރާތަށާއި އެހެނިހެން މުބާރާތްތަކަށް ކުރިއެރުމެއްލިބި، އިސްސާފުވެރިކަން ލިބިގެންދާނެއެވެ. މިކަމުގައި މަޝްހޫރު ކޯޗުންނާއި ކުޅުންތެރިންގެ ޚިޔާލުވެސް ތަފާތެވެ.އެހެންކަމުން ޚިޔާލު ތަފާތުވުންތަކާއެކުވެސް ގޯލްލައިން ޓެކްނޮލޮޖީ ބޭނުންކުރާ ތާރީޚީ މުބާރާތަށް ފުޓްބޯޅައިގެ ސަޕޯޓަރުން ތިބި ތައްޔާރަށެވެ.