މެންދޫ، ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭނަށް އަމަލުކުރަން ފަށަނީ

big_VDmrLhLvyjb62o3v09hPKbD7H.jpg

ބ.މެންދޫ--ފޮޓޯ :ޕީއެސްއެމް

ބަޔޮސްފިއަރ ރިޒާވްގެ ދަށުން ހިމާޔަތް ކޮށްފައިވާ ބ.މެންދޫ ރައްކާތެރިކަމާއެކު ހިމާޔަތްކޮށް ބެލެހެއްޓުމުގެ މަސައްކަތް އަންނަ ޖޫން މަހުން ފެށިގެން ކުރަމުން ގެންދާނެ ކަމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެފިއެވެ.

އޭދަފުށީގައި ހުންނަ ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނގޮތުގައި  މެންދޫ ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން މިހާރު އެކުލަވާލާފައިިވާ މެނޭޖްމަންޓް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަންނަ ޖޫންމަހުގެ 1 ގައި އެ މަސައްކަތް ފަށާނެއެވެ.

މެންދޫ ސަރަހައްދަކީ 2011 ވަނަ އަހަރުގެ ޖޫން މަހު ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މި ސަރަހައްދު ހިމާޔަތްކުރުމުގެ ޕްލޭން ހެދިގެންދާއިރު، މެންދޫ ސަރަހައްދުގައި މެންދޫވެސް ހިމެނޭ ގޮތަށް މެންދޫގެ ވަށައިގެންވާ ފަރާއި މެންދޫ ބިންމަތީފަރާއި ކަނބުރުފަރު އަދި ނިބިލިގާ ފިނޮޅާއި ނިބިލިގާ ވަށައިގެންވާ ފަރާއި މި ރަށްތަކުގެ ފަރުގެ އުރަފަށުން ފެށިގެން 111 މީޓަރގެ ސަރަހައްދު ހިމާޔަތް ކުރެވޭނެކަމަށް ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެއެވެ.

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނީ، މެންދޫ މެނޭޖްމަންޓް ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދަނީ ބަޔޯސްފިއަރ ރިޒާވް އޮފީހާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ބ.އަތޮޅު ކައުންސިލާ ގުޅިގެންކަމަށެވެ.

އެއޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ގެޒެޓްކޮށް އާންމު ކުރި ޕްލޭނަށް އަމަލު ކުރުން ފަސްކުރީ ގެންނަން ޖެހޭ ބަދަލުތައް ހުރުމާ އެކުގައިކަމަށާ މި ޕްލޭނަށް ގެނެވޭނެ އެންމެ ބޮޑު ބަދަލަކީ އާންމުންގެ އަތުން ނަގާފީ ކުޑަކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

“އެންމެ ހާއްސަކަމެއް މިދެނީ ދިވެހިން އަތުން ނަގާ ފީ ކުޑަކުރުމަށް. އޭގެ އިތުރުން މި ރަށް ބޭނުން ކުރާނެ އުސޫލްތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން.” ޝާފީ ވިދާޅުވިއެވެ.

މި މެނޭޖްމަންޓް ޕްލޭންގައި މި ސަރަޙައްދަށް ޒިޔާރަތްކުރެވޭނެ ވަގުތުތަކާއި، އެންމެ ގިނަވެގެން މި ސަރަޙައްދުގައި ހަރަކާތްތެރިވެވޭނެ މީހުންގެ އަދަދާއި އަމަލުތައް ބަހައްޓަންޖެހޭ ގޮތުގެ ތަފްސީލް ބަޔާކޮށްފައިވެއެވެ. ޝާފީ ވިދާޅުވީ މި ސަރަޙައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުތަކަކާއި، ހިމާޔަތްކޮށްފައިވާ ދޫންޏާއި، ވެލާ ބިސްއަޅާ ސަރަޙައްދެއް ކަމުން އާންމުން ހޭލުންތެރި ކުރުވުމުގެ މަސައްކަތްވެސް މިއަހަރުގެ ތެޜޭގައި ކުރުމަށް ރާވަމުން ދާ ކަމަށެވެ.

ޕްލޭނަށް އަމަލު ކުރަންފަށާއިރު، މި ރަށުން ފަން ހޮވުމާ، ކާށި ހޮވުންވެސް ވަކި އުސޫލެއްގެ ދަށުން ހަމަޖެހިގެންދާނެއެވެ. އަދި އެ ސަރަޙައްދަށް ޒިޔާރަތްކުރާ މީހުންގެ އަތުން ނަގާ ފީ ބޭނުންކުރެވޭނީ ހިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، މުޖްތަމަޢުގެ އާންމު މަންފާއަށްޓަކައި ބ. އަތޮޅުގައި ހިންގޭ އެކި އެކި މަޝްރޫއުތަކަށް ކަމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ބުނެއެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިސާވްގެ ދަށުން ބަލަހައްޓަމުން ދާ 10 ސަރަހައްދެއް އޮވެއެވެ. މީގެ ތެރެއިން ގަވާއިދެއްހެދި ބަލަހައްޓެމުންދަނީ ދެސަރަހައްދެކެވެ. އެއީ ގިނައަދަދަކަށް އެންމަޑި ނުވަތަ މަންތާ އާލާވާ ހަނިފަރު ހިމެނޭ ސަރަހައްދާއި އޮޅަގިރިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top