ސިޔާސީ ކަންމަތި: ޒައިދު ޕީޕީއެމުން ނުކުންނަނީ އަމިއްލަގޮތުން ކާމިޔާބު ނުވާނެތީތޯ؟

64306714_474105126499930_6424219091296321536_n.jpg

އޭދަފުށި ކައުންސިލްގެ މެމްބަރ ޒައިދު އަލީ / ފޮޓޯ: ޒައިދު ފޭސްބުކް ޕޭޖް

ކައުންސިލު އިންތިހާބު މިއޮތީ ބޯމަތީގައެވެ. އެހެން ފަހަރުތަކުގައި ކައުންސިލަށް ކުރިމަތިލުމަށް އެދި މީހުންނަށް ސަލާން ޖަހަން ޖެހުނު ކަމަށް ވިޔަސް މިފަހަރު އެހެނެއް ނުވިއެވެ. ޕާޓީ އިން ނުކުމެ ކެނޑިޑޭޓުން ހޯދަން އުޅޭކަށް ނުޖެހުނެވެ. އެއަށް ވުރެ ކުރިން އެކަމުގައި މާބޮޑު ވާދަވެރިކަމެއް އުފެދުނީއެވެ. ބޭނުންވާ ވަރަށް ވުރެ އިތުރުވުމުން މިހާރު މިއޮތީ ޕްރައިމަރީ އަކަށްވެސް ދާން ޖެހިފައެވެ. ޖީބަށް ބަރުވާގޮތަށް ކައުންސިލް މުއްދަތު ތިން އަހަރުން ފަސް އަހަރަށް ދަމާލައި ބޮޑެތި ބާރުތަކަކާ ފައިސާގެ ބޮޑެތި އަދަދުތަކަކުން ކައުންސިލުތަކުގެ ބަޖެޓް ހިތަކަށް ލިބުމުން ވީގޮތެއް ތޯއްޗެކެވެ.

ވޭތުވެދިޔަ ކައުންސިލް އިންތިހާބުގައިވެސް އޭދަފުށީ ކައުންސިލަށް ކުރިމަތި ލާފައިވާ ކެންޑިޑޭޓުންގެ ވަނަވަރު ވަކިވަކިން ރައްޔިތުންގެ ކުރިމައްޗަށް އީވީއިން ގެނެސްދިނީ އެ ކެނޑިޑޭޓަކީ ކާކުކަން ރައްޔިތުންނަށް ތައާރަފް ކޮށްދިނުމަށެވެ. އެހެން ނަމަވެސް މިސެގްމަންޓް އަދި މިހާއްސަ ކޮށްލަނީ ކައުންސިލް އިންތިހާބަށް ކުރިމަތިލައްވަން ގަސްދުކުރާ ބައެއް ބޭފުޅުންނަށް އާންމުން ކުރިމަތިކުރާ ސުވާލުތަކަށެވެ.

ފުރަތަމަ ބޭފުޅަކަށް އަޅުގަނޑުމެން މި ހުށައަޅާލަނީ ނިމެމުން މިދާ ދައުރު، އަމިއްލަ ގޮތުން ރަށު ކައުންސިލަށް ކުރިމަތި ލައްވައިގެން އިންތިޚާބު ކާމިޔާބުކުރައްވައި، ކުރިޔަށް އޮތް ދައުރު ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަ ކުރައްވާ ޒައިދު އަލީއެވެ.

އީވީ: އަމިއްލަގޮތުން ކުރިމަތިލައްވައިގެން މިހާތަނަށް އޭދަފުށީ ކައުންސިލް މެމްބަރުކަން ހޯއްދެވި ހަމައެކަނި ބޭފުޅަކީ ޒައިދު. އެއީ 2017ގައި. އެކަމަކު މިއަހަރުގެ ކައުންސިލަށް ޒައިދު ވާދަކުރައްވަން ތިޔަ އުޅުއްވަނީ ޕީޕީއެމް ތެރެއިން ނޫންތޯ؟ ކުއްލިއަކަށް ޕީޕީއެމަށް ސޮއިކުރެއްވީ އިންތިހާބަށް ޓާގެޓް ކޮށްގެންތޯ؟ އަމިއްލަގޮތުން ކާމިޔަބުވާނެކަމުގެ ޔަގީންކަން މިފަހަރު ނެތީތޯ؟

ޒައިދު: ފެށުނީއްސުރެވެސް ޕީޕީއެމްގެ ފިކުރުގައި އަޅުގަނޑު ހުރީ. އެހެން ދިމާއަކަށް ނުދާނެ ދޯ. ހޮވުނީއްސުރެވެސް މެޖޯރިޓީ އޮތީ ޕީޕީއެމަށް ތާ! އެމީހުނަށް ހުރިހާ ކަމެއްގައިވެސް ހަމަ ފުލް ސަޕޯޓް ދީފަ ހުންނާނީ. ހަމައެކަނި ސޮއި ނުކުރާކަން، އޭރުވެސް މިދައުރު ފެށުނު ތާ ކައިރީގަ ސޮއި ކުރަން ވިސްނިން. އެވާހަކަ، ހޮވައިދޭން މަސައަކަތް ކުރި ހަރު މީހުންނާ ޒުވާނުން ގާތު ދެއްކުމުން ރަނގަޅު ވަގުތަށް ރަނގަޅު ހާލަތަށް މަޑު ކުރަން ބުނީމަ މަޑުކޮށްގެން ހުރީ. އެކަމަކު ސޮއި ނުކުރިޔަސް ޕީޕީއެމް ފިކުރާ ފުލް ސަޕޯޓާ އެކު ކުރިއަށް އައީ.

2017 ގަވެސް ބޭނުންވީ ޕާޓީން ކުރިމަތި ލާން. އޭރު އެކަމު (ކުރިމަތިލާން ނިންމިއިރު) އޮތީ އެހެން ބަޔަކަށް ޓިކެޓް ވެސް ދީފައި. އެހެންވެ ފުރުސަތު ނެތީ ލަސްވީމަ. އަނެއްކަ މިފަހަރުވެސް ބޭނުންވަނީ ޕްރައިމަރީއަށް ދާން ޖެހުނަސް ޕާޓީ ތެރެއިން މިކަން ކުރަން. އެކަނި ހުރުމަށް ވުރެ ސިޔާސީ ގޮތުންވެސް ވަރުގަދަކޮށް ކުރިއަށްދާންވެސް ރަނގަޅުވާނީ ޕާޓީ ފިކުރުގައި ކަމަށް ވާތީ ޕާޓީން ކުރިމަތި ލަނީ. ވަރަށް ގިނަ ބަޔަކު ބުނެގެން މި ކުރިމަތިލީ. އަސްލު ބުނާނަމަ ވަރަށް ޗެލެންޖިންގ. ކުރިންވެސް ވަރަށް ބައިވަރު މީހުންގެ ސަޕޯޓާއެކު ޒުވާނުންނާ ހަރު މީހުންނާއެކު އަމިއްލަ ގޮތުން ނުކުތީ. އެމީހުންނާ އެއްކޮށް މިފަހަރުވެސް މިތިބީ.

ރަނގަޅު ވާހަކައެއް ޕީޕީއެމަށް ސޮއިކުރީ ވަރަށް ފަހުން. މީގެ ތިން ހަތަރުމަސް ކުރިން. ކުރިންވެސް ބުނިހެން ރަނގަޅު ދަނޑިވަޅާ ހާލަތާ ބަލާފަ. ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބުގައި އަހްމަދު ސަލީމް ކެންޕޭންގަވެސް އަޅުގަނޑު އަމިއްލަގޮތުން އުޅުނިން. ޕީޕީއެމް އަށް މިވަނީ އެކަންޏެއްވެސް ނޫން. އަހަންނާއެކު ފަސްދޮޅަށް ނޫނީ ހަތްދިހައެއްހާ ފޯމު އޮންނާނީ ލާފަ.

އީވީ: ޕްރައިމަރީ ކާމިޔާބު ނުވެއްޖެނަމަ އަމިއްލަ ގޮޮތުން ކުރިމަތި ލާފާނެތަ؟

ޒައިދު: ފެއަރ ކޮށް މިކަން ގޮސްފިނަމަ އަމިއްލަ ގޮތުން ކުރިމަތި ނުލާނަން. ދެންތިބި ބަޔަކަށް ފުލްކޮށް ސަޕޯޓް ދޭގޮތަށް ވިސްނުން ހުރީ.

މިސެގްމަންޓް މެދުވެރިކޮށް ކެންޑިޑޭޓުންނާ ކުރައްވަން ބޭނުންވާ ސުވާލެއް އޮތްނަމަ އޭދަފުށި ވޮއިސްއަށް ފޮނުއްވައިދެއްވާ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top