އާޔަތްތައް އުނިކުރަން މަޝްވަރާ ކުރެވުުނު: އެޑިޔުކޭޝަން

big-kerdtm8vvpo9xkckttalpxp2s-solihizzudin.jpg

ސްކޫލް ތަކުގައި ކިޔަވައިދޭ އިސްލާމާއި ގުރުއާން ފޮތްތަކުގައިވާ ގުރުއާނުގެ އާޔަތްތައް އުނިކުރަން މަޝްވަރާ ކުރިކަމަށް އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އަލަށް ޗާޕުކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕުތަކުގައި ގުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށް ހުރިކަން ފާހަގަ ކުރެވި، އެކަން ހައްލުކުރުމަށް ކުރި މަޝްވަރާތަކުގައި ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ހަތިމަށް ނުވަތަ އަންމާފޮތަށް ހަވާލާދިނުމަށް (ރިފަރެންސް ދިނުމަށް) މަޝްވަރާކޮށް، އަދި އެކަން ބަޔާންކޮށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަން (އެންއައިއީ) އަށް ސިޓީއެއް ފޮނުވި ކަމަށެވެ.

ނޮވެންބަރު މަހުގެ 25 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މޫސާ އާދަމް ސޮއިކޮށް އެންއައިއީ ގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ޝަކީބަށް ފޮނުވި އެސިޓީ ރޭ ވަނީ އާއްމު ވެފައެވެ.

ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ހަތިމަށް ބެލުމަކީ ދަތި ކަމަކަށް ވާނެތީ އެ ސިޓީއަށް އަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީ އަށް އަންގާފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މިހާރު ނިންމާފައިވަނީ އިސްލާމް ފޮތާއި ގުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް، ގްރޫޕް ރީޑިން ވަރުގަދަ ކުރުމަށް ކަމަށެވެ. އަދި މިފަހަރު ޗާޕުކުރަން ފޮތްތައް ފޮނުވާއިރު ކުށްތައް އިސްލާހުވެފައިވާ ކަން ކަށަވަރުކުރަން އެންއައިއީއަށް އަންގާފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

މި ކަމާއި ގުޅިގެން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށްޓަކައި ނިހާޔަތަށް މާފަށް އެދޭކަމަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަބަދުވެސް މަސައްކަތްކުރަނީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫހު އާލާކޮށް ދީނީ ލޯބި އަށަގެންނެވުމަށް ކަމުގައި ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުން ބަދަލުކޮށްފައި މިވަނީ ވަރަށް ގިނަ އިލްމުވެރިންނާއި ބެލެނިވެރިންނާއި އާއްމުން ވެސް މިމައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފެށުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top