އެއްލިޓަރަށް ވުރެ ކުދި ޕްލާސްޓިކު ފުޅި މަނާކުރާ ތާރީޚް އަނެއްކާވެސް ފަސްކޮށްފި

img_md_202408011135181722494118.3.jpg

އެއްލިޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން މަނާ ކުރާ ތާރީހު 2026 ވަނަ އަހަރަށް ފަސްކޮށްފިއެވެ.

ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން ތައްޔާރު ކޮށްފައިވާ ތަކެތީގެ ތެރެއިން އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޒާތުގެ ތަކެތީގެ ގޮތުގައި ކަނޑައަޅައި އެ ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކޮށް އިމްޕޯޓް އެކްސްޕޯޓް ގާނޫނު ތަސްދީގު ކުރައްވާފައިވަނީ 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.

އެއާއެކު ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލައި އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން ދަނީ އެ ތަކެތި މަނާކުރަމުންނެވެ.

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު 14 ބާވަތެއް ހިމެނޭއިރު އެ ލިސްޓުގެ 13 ވަނަ ބާވަތް (އެއްލިޓަރާއި އެއް ލިޓަރަށް ވުރެ ކުދި 500 މިލިލިޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން) މަނާކުރާ ތާރީހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި ވަނީ އަނެއްކާވެސް ފަސްކުރައްވާފަ އެވެ.

ރައީސް މުއިއްޒު ސޮއި ކުރައްވާ އިއްޔެ ނެރުއްވި ގަރާރުގައި ބުނެފައި ވަނީ އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިމީޓަރުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުން ވެސް އަންނަ އަހަރުގެ ޑިސެމްބަރު އެކަކުން ފެށިގެން މަނާ ވާނެ ކަމަށެވެ. އަދި ބާޒާރަށް ނެރުން މަނާ ވާނީ މާޗު 1، 2026 އިން ފެށިގެން ކަމަށް ރައީސްގެ ގަރާރުގައިވެ އެވެ.

އެ ލިސްޓުގައި ހިމެނޭ ބާކީ 13 ބާވަތް މިހާރު ވަނީ މަނާކޮށްފައެވެ. އޭގެތެރޭގައި ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ހޮޅި، ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި ހިމެނެއެވެ.

އަދި ހަމައެހެންމެ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީއާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު، 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި، ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރުގެ އިތުރުން 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕު އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން ވެސް ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top