ދެޑޯޒް ޖެހި ރިސޯޓު މުވައްޒަފުންނަށް ވަރަށް އަވަހަށް ލުޔެއް ލިބޭނެ: މައުސޫމް

3-Bedroom-Soneva-Fushi-Villa-Suite-with-Pool.jpg

ސޮނެވާފުށި.ރިސޯޓު--މި ރިސޯޓުގައި އޭދަފުށީގެ އިތުރުން ބ.އަތޮޅުގެ ގިނަ ޒުވާނުން ވަޒީފާ އަދާ ކުރަމުން ގެންދޭ. ފޮޓޯ/ޓީއެމްްޓީ މޯލްޑިވްސް.ކޮމް

ކޮވިޑް19އިން ރައްކާތެރިވުމުގެ ގޮތުން ދެޑޯޒް ވެކްސިން ޖެހި މީހުންނަށް ވަރަށް އަވަހަށް ލުޔެއް ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒް ހަމަކޮށްފައިވާ ފަރާތްތަކަށް ލުޔެއް ހޯދައި ދިނުމަށް މަޝްވަރާކުރެވި، ދެވޭނެ ލުއިތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވާ އިރު ރިސޯޓުތަކުގެ 75 އިންސައްތަ މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ. އެއާއެކު އެޗްޕީއޭއިން މިދިޔަ އޭޕްރީލް މަހު ދިން ލުއިތަކާއެކު ވެކްސިން ފުރިހަމަ ކޮށްފައި ތިބި ރިސޯޓު މުވައްޒަފުންނަށް އޮތީ ކަރަންޓީނަކާއި ނުލައި ރަށްރަށަށް ދަތުރުކުރެވޭ ގޮތަށެވެ.

އޭރު ދަތުރުކުރެވެނީ އާބާދީގެ 60 އިންސައްތަ މީހުން ވެކްސިން ފުރިހަމަ ކޮށްފައިވާ ރަށްތަކަށެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު ގޯސްވުމުން އެއުސޫލު ބަދަލުކުރީ މެއި މަހު އެވެ. މިއަދުން ފެށިގެން އަނެއްކާވެސް ލުއިތަކެއް ދޭން އެޗްޕީއޭއިން ވަނީ ފަށާފައެވެ. ނަމަވެސް މި ފަހަރު ރަށްރަށަށް ދަތުރު ކުރެވޭނީ ހަމައެކަނި ކޮވިޑް ބަލި ޖެހި ރަނގަޅުވި މީހުންނަށެވެ.

ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުން އާއިލާ ގާތަށް ނާދެވި ގިނަދުވަސް ވަމުން ދާތީ އެފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އާއިލާ ކައިރިއަށް ދެވޭނެ ލުއި ފަސޭހަ ގޮތްތަކެއް ހޯދަން މުވައްޒަފުން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.

އެ ޝަކުވާތަކަށް ހައްލެއް ހޯދައި މިހާރު އޮންނަ ގޮތަށް ވުރެ ލުއިފަސޭހަ ގޮތަކަށް ކިތަންމެ ކުރު މުއްދަތަކަށްވެސް އާއިލާ ގާތަށް ދެވޭ ގޮތް ހަމަޖައްސައިދޭން އެޗްޕީއޭއާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރި ނޭދެވޭ އަސަރުގައި އެންމެ ބޮޑު ހީނަރުކަމެއް އައީ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. ބައެއް ރިސޯޓުތަކުގެ އޮޕަރޭޝަންތައް ހުއްޓާލަން ޖެހުމުގެ ސަބަބުން ވަޒީފާތައް ގެއްލި އާމްދަނީ އަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top