ބ.ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓލެއް އަޅަން އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ހެލްތު މިނިސްޓްރީން އިއްޔެ ކުރި ޓްވީޓެއްގަ އެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފައި ވަނީ 123,667,047.03ރ. (އެއްސަތޭކަ ތޭވީސް މިލިއަން ހަސަތޭކަ ފަސްދޮޅަސްހަތްހާސް ސާޅިސް ހަތްރުފިޔާ ތިނެއް ލާރި) އަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ތުޅާދޫގައި މިހާރު ސިއްހީ ހިދުމަތް ދެމުން އަންނަނީ ސިއްހީ މަރުކަޒަކުންނެވެ. ތުޅާދު އަކީ ބ. އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެކެވެ. ރަށުގެ އާބާދީ 3،000 އަށް ވުރެ ގިނަ އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ތުޅާދޫގައި ހޮސްޕިޓަލް އަޅާނެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.