އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބު ކުރައްވައިފި

A64K9801.jpg

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް މިއަދު ކުރިއަށް ގެންދިޔަ އެޕާޓީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބު ބޮޑު ތަފާތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ކުރައްވައިފި އެވެ.

މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ޖުމުލަ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ލިބިފައިވަނީ %63 ވޯޓެވެ. ރައީސް ނަޝީދަށް ލިބިފައިވަނީ %37 އިންސައްތަ ވޯޓެވެ.

މިހާތަނަށް ނަތީޖާ އިއުލާން ކޮށްފައިވާ ދާއިރާ ތަކުގެ ތެރޭގައި އާބާދީ ބޮޑު ދާއިރާތައްވެސް ހިމެނެއެވެ. އެހެންކަމުން، މި ނަތީޖާއިން ރައީސް ސޯލިހަށް އިންތިހާބު ކާމިޔާބު ވިކަން މިހާރުވަނީ ޔަގީންވެފައިވާއިރު ރައީސް ނަޝީދަށް މި އިންތިބާހު ކާމިޔާބު ކުރެއްވުމުގެ އެއްވެސް ފުރުސަތެއް ނެތެވެ.

މިއާއިއެކު ރައީސް ސޯލިހްގެ އަރިސް ބޭފުޅުންނާއި ރައީސް ސޯލިހުގެ ސަޕޯޓަރުން އަންނަނީ ރައީސް ސޯލިހަށް މަރުހަބާވެސް ދަންނަވަމުންނެވެ.

މި އިންތިޚާބުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 286 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ.

މިއަދު ހެނދުނު 9:00 ގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފަށާފައިވާއިރު ހަވީރު 5:00 ހަމަޔަށް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވޯޓުލުން ކުރިއަށް ދިޔައިރު ބައެއް ވޯޓު ފޮށިތަކުގައި އެކި މައްސަލަތައް ޖެހި ވޯޓުލުން މެދުކަނޑާލަން ޖެހުނުކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެ މައްސަލަތައް ހައްލުކޮށް އެ ފޮށިތަކުގައިވެސް ވޯޓުލުން ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ސޯލިހުވަނީ މިއަދުވެސް ވިދާޅުވެފަ އެވެ.

އަދި މި އިންތިޚާބަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރީތައް ވާން ފަށާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަނެއްކޮޅުން މި އިންތިޚާބުން ނާކާމިޔާބުވެއްޖެ ނަމަ ރައީސް ސޯލިހާއެކު މަސައްކަތްޕުޅު ނުކުރައްވާނެކަމަށް ރައީސް ޞާލިހާއި ވާދަކުރެއްވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، މި އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ އެތެރޭގެ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top