ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާވިސް ހުރިހާ މުވައްޒަފުންނާއި ޝަރުއީ ދާއިރާގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މި މަހުން ފެށިގެން ބޮޑުކުރިއިރު އެއްވެސް މުވައްޒަފެއްގެ މިހާރު ލިބޭ މުސާރަ ކުޑަވެ ގެއްލުމެއް ނުވާނެ ކަމަށާއި، އަސާސީ މުސާރަ އަށް މަދުވެގެން 7000 ރުފިޔާ ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލައް ސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި ބަދަލުގެ ސަބަބުން މުވައްޒަފުންގެ އާމްދަނީ އިތުރުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ރައްކާކުރަން ލިބޭ އެއްޗެއް އިތުރުވެގެންދާނެ ކަމަށެވެ. އަދި ހުރިހާ މުވައްޒަފުންގެ ވެސް އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، މި ބަދަލުގެ ސަބަބުން މުވައްޒަފުން ރިޓަޔަރ ކުރާއިރު ޕެންޝަން ފަންޑުގައި ޖަމާވާ އަދަދު ވެސް އިތުރުވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެހެންވީމާ 20000 ހާސް މުވައްޒަފުންގެ މުސާރަ މިއަހަރު މި ބޮޑުކުރެވިގެން މިދަނީ، މިގޮތަށް ޕޭހާމަނައިޒޭޝަން ނުކުރެވޭ ޕޭ ފްރޭމްވޯކަށް ހިޖުރަ ނުކުރާ ފަރާތްތަކަށް އަޅުގަނޑު ވައުދުވީ ފަދައިން މި އަންނައަހަރު މުސާރަ ބޮޑުވާނެ، އެއީ މައިގަނޑު ގޮތެއްގައި ދެން ހުރި ހުރިހާ މިނިވަން ކޮމިޝަންތަކާއި މިފަދަ ތަންތަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސާރަތައް ހެޔޮ ބަދަލާއެކު ހަމަޖެހިފައިވާ ކަމަށާއި، މައިގަނޑު ކަންބޮޑުވުމަކަށް އޮތް އިތުރު ގަޑީގެ ކަންތައްތަކަށް ވެސް ހައްލުތަކެއް ލިބިފައިވާ ކަމަށެވެ. މިގޮތުން އިތުރު ގަޑީގެ ދިހަ އިންސައްތައިގެ ކެޕް ހަމަވާ މައްސަލައަށް ލުޔެއް ގެނެސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ ހޮސްޕިޓަލްތަކަކީ 24 ގަޑިއިރު، ހަފްތާގެ ހުރިހާ ދުވަހެއްގައި މަސައްކަތް ކުރަންޖެހޭ ތަންތަނަށް ވާތީ، އެ ދާއިރާއަށް މި ބަދަލުގެ ސަބަބުން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ. މިއީ ޖުމުލަކޮށް ހުރިހާ ދާއިރާއަކަށް އެޕްލައިވާނެ ކަމެއް ކަމުގައި ވިޔަސް، އެންމެ ބޮޑަށް ހޮސްޕިޓަލްތައް ނުވަތަ ސިއްޙީ ދާއިރާއަށް އެޕްލައިވާތީ އެއީ މިސާލެއްގެ ގޮތުގައި ފާހަގަކުރެެއްވީ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މުވައްޒަފުންގެ ތެރޭގައި އެއްވެސް ކަންބޮޑުވުމެއް ނުބޭއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، ޕޭ ކޮމިޝަނަށް ބާރުތަކެއް ލިބިފައި އޮންނަ ގޮތަށް ގަވާއިދު ހަދާފައިވާ ކަމަށެވެ. އަދި ކަމާބެހޭ މުއައްސަސާތަކުގެ ޕީއެސް، އެސްޖީ، އަދި ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުން ޕޭ ކޮމިޝަނާ އެކީގައި މުއާމަލާތްކޮށް، މުވައްޒަފުންނަށް ކަންކަން ސާފުކޮށްދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.





