ވަޖީހު އަނެއްކާވެސް އޭދަފުށި ދާއިރާއަށް ކުރިމަތިލައްވަނީ

0-02-06-9c9323bb90f1f8de3b07bff895de6ed6b6638e30b6c9f5df1e00f7f7aaa868eb_4e0ff798.jpg

މުހައްމަދު ވަޖީހު - ފޮޓޯ /ވަޖީހު

2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވައިގެން ނާކާމިޔާބާ ކުރިމަތިލެއްވި އޭދަފުށީ ޕޭންޓްލޭންޑް މުހައްމަދު ވަޖީހު އަނެއްކާވެސް އޭދަފުށި ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.

އަންނަ އެޕްރީލްމަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އާއްމު އިންތިޚާބުގައި އޭދަފުށީ ދާއިރާ އަށް ކުރިމަތިލާން ނިންމައިފިކަން ހާމަކުރަމުން ވަޖީހު ވިދާޅުވީ އުފަން ރަށް ހިމެނޭ ދާއިރާއަށް ކުރިމަތިލުމުގެ ޝައުގު ވެރިކަން އުފެދުނީ އާއިލާގެ އިތުރުން ރަށުގެ ވަރަށް ގިނަ ބަޔަކު މިކަމަށް އެދެމުން އަންނާތީ ކަމުގައެވެ.

“ކިތަންމެ ދުވަހެއް ވެއްޖެ ރައްޔިތުން މިކަމަށް އެދެމުން އަންނަތާ. އެހެންވުމާއެކު އާއި މިދާއިރާއަށް ކުރިމަތިލައްވާފައިވާ މިހާރުގެވެސް މެންބަރު އަހުމަދު ސަލީމު، މި ފަހަރު ކުރިމަތި ނުލައްވާނެ ކަމަށް މާކުރިން ވިދާޅުވެފައިވާތީ.” އަހްމަދިއްޔާ ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ މަގާމުގައި ހުންނެވި ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ މި ހިނގާ ދައުރުގައިވެސް އޭނާ ކުރިމަތިލުމަށް ގަސްދުކޮށް، ފަހުވަގުތު އެކަން ބަދަލުކޮށް ސަލީމަށް ތާއީދު ކުރަން ނިންމީ ދެން އަންނަ ދައުރެއްގައި އޭނާއަށް ސަލީމުގެ ތާއީދު ލިބޭނެކަމަށް ވިދާޅުވުމުން ކަމުގައެވެ.

ވަޖީހު ކުރިމަތިިލައްވަން ގަސްދު ކުރައްވާފައި އަދި އޮތީ އަމިއްލަ ގޮތުން ކަމަށް ވިޔަސް ޕާޓީތަކުން އެދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ވަޖީހު މިމޭރުމުން ވާހަކަ ދައްކަވާފައި ވާއިރު ސަލީމް ވިދާޅުވީ އާ ދައުރަކަށް ކުރިމަތިލާން ނިންމީ ދާއިރާގެ ރައްޔިތުންގެ އިޚްލާސްތެރި އެދުމަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމުގައެވެ.

“އެހެން ނޫނަސް މި ދާއިރާއަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ވަޖީހު އަދި ކިރިޔާ ފާޅުކުރެއްވިއިރު މިހާރުވަނީ ބޮޑެތި ޕާޓީތަކުން ކެންޑިޑޭޓުން ކަނޑައަޅައި އެ ކެނޑިޑޭޓުންނަށް ޓިކެޓް ވެސް ދީ ނިމިފައި. ދެން ޕާޓީ ތަކުން އެބަ އާދެއޭ ކިޔައިގެން މި ދައްކާވާހަކަ އެއް އަޅުގަނޑަކަށް ފަހުމެއް ނުވި. ” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އޭދަފުށި ދާއިރާގެ ގޮނޑިއަކީ އެއްގޮތަކަށް ވެސް އާދައިގެ ގޮނޑިއެއް ނޫންކަމާއި މި ގޮނޑި، ދާއިރާއިން ބޭރުމީހުންގެ ކިބައިން މިނިވަން ކުރެވުނީ ބުރަ މަސައްކަތުން ކަމުގައެވެ. އެހެން ނަމަވެސް މި ދާއިރާއަށް ދާއިރާގެ ރައްޔިތުން ބޭނުންވާ މީހަކު ކުރިމަތިލައިފިކަމަށް ރައްޔިތުން ގަބޫލުކޮށް އެވާހަކަ އޭނާއަށް ހުށަހަޅައިފިނަމަ އެކަމަށް އިހްތިރާމް ކުރާނެ ކަމުގައެވެ. ހަމައެއާއެކު ވަޖީހުގެ އަރިހަށް އައިސް ދާއިރާ އަށް ކުރިމަތި ލެއްވުމަށް ކިތަންމެ ދުވަހަކުން ފެށިގެން އެދެމުން އަންނަ އެ އެންމެން ނަކީ ކޮން ބައެއްތޯއޭ ވިދާޅުވެ ސުވާލު އުފެއްދެވި އެވެ.

ވަޖީހުއާއި ސަލީމުގެ އިތުރުން މިދާއިރާއަށް ކުރިމަތި ލައްވަން ނިންމަވާފައިވަނީ އެމްޑީޕީ ޓިކެޓްގައި ލޮޓަސްގެ ވެރިޔާ މުހައްމަދު އާރިފް (އާއްޓޭ) އާއި ރިސޯޓް ދާއިރާގައި ލީޑިންގ މަގާމްތަކެއް ފުރުއްވަމުން ގެންދަވާ އޭދަފުށީ ދޭދަރުގޭ ޔޫސުފް މޫސާ (ޔޫސޭ) އާއި އޭދަފުށީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަބްދުލް މަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ) އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top