ރޭ 10:30 އެހާކަށް ހާއިރު އޭދަފުށީ ހިއްކި ބިމުގައި ހިގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އޭދަފުށީ އަތިރީގޭ ޚަދީޖާއާއި އޭނާގެ 12 އަހަރުގެ އަޒްމާއަށް އިތުރު ފަރުވާ ބޭނުންވާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ލަފާ ދިނުމާއި ގުޅިގެން މާލެ ގެންގޮސް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.
މި އެކްސިޑެންޓާ ގުޅިގެން ދެމައިންނަށް ލިބިފައިވާ އަނިޔާއާ ބެހޭގޮތުން ހޮސްޕިޓަލުން ބުނީ އަޒްމާގެ ހާލު ސީރިއަސްކަމަށާއި އެހެންވެ އަވަހަށް މާލެ ގެންދިއުމަށް ލަފާ ދީފައިވާ ކަމުގައެވެ. އަޒްމާއަށް ލިބިފައިވާ ގެއްލުން ތަކުގެ ތެރޭގައި އެކުއްޖާގެ ކަންފަތުން ލޭއައިސް ބޯ ފަޅައިގެން ދިއުމާއި މިނޫނަސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
އީވީއަށް މައުލޫމާތު ދެމުން އަޒްމާގެ ބައްޕަ މިއަދު ބުނީ ދެމައިންވެސް ތިބީ އައިޖީއެމްއެޗް ގައި އެޑްމިޓްމިޓްކޮށްފައިކަމަށާ ދެމައިންނަށްވެސް ބޮޑެތި އަނިޔާ ތަކެއް ލިބިފައިވާ ކަމުގައެވެ. ނަމަވެސް އެއީ ކިހާވަރެއްގެ އަނިޔާތަކެއްކަން އެނގޭނީ ތަހުލީލުތައް ކޮށް ނިމިގެން ކަމަށާއި އަދިވެސް ޓެސްޓްތައް ކޮށް ނުނިމޭކަމުގައެވެ.
“ދަރިފުޅު މިހާރު އަގައިން ބުނެ ވާހަކަ ދައްކާ . އެހެންނަމަވެސް ހާލު އެހާ ރަނގަޅު ކަމުގައެއް ނުބުނެވޭނެ. “ދަރިފުޅުގެ މިހާރުގެ ހާލަކީ ކޮބައިތޯ އެހުމުން ބައްޕަ އަހުމަދު ރަޝީދު ބުންޏެވެ.
އޭނާ އިތުރަށް ބުނީ ސީރިއަސް އަނިޔާ ލިބިފައިވަނީ ހަމައެކަނި ދަރިފުޅަށް ނޫންކަމާއި ދެމައިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމުގައެވެ. އެގޮތުން ޚަދީޖާއަށް ލިބުނު އަނިޔާތަކުގެ ތެރޭގައި އަނގަމަތިން ފެށިގެން ލޮލާ ދެމެދުގައިވެސް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ހުރުމުގެ އިތުރުން ކަންފަތުންވެސް ލޭ އަންނަ ކަމުގައެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އެދެމައިންގެ ގެ ހުންނަނީ ހިއްކި ބިމުގެ އިރު ދެކުނު ސަރަހައްދުގައި ކަމަށްވެފައި އެހިސާބުގަނޑުގައި ހިނގާލަން ނުކުމެ އުޅެނިކޮށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ދެމައިންގެ ގައިގާ ޖެހިގެންނެވެ.
ސައިކަލް ދުއްވަން އިނީ ލައިސަންސްވެސް އޮތް މީހެއްކަމަށް އޭދަފުށީ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ދެއްވިއެވެ.