ސޮބާ: ޒުވާނުންނަށް ރީތިމިސާލެއް

68897_8e238d1b-0_.jpg

ސޮނޭވާފުށި ރިސޯޓްގެ ސޫ ޝެފްގެ މަގާމުގައި ހުންނެވި އޭދަފުށީ ބިންހިމަގޭ އަބްދުﷲ ސޮބާހް (ސޮބާ ) އަކީ ޒުވާނުންނަށް ރީތި ނަމޫނާއެކެވެ. އޭނާގެ ފުރަތަމަ ވަޒީފާއަކަށްވަނީ  ރިސޯޓެއްގެ ބަދިގޭގައި ތަށި ދޮވުމުގެ މަސައްކަތަށްކަމުގައި ވިޔަސް މިއަދު އޭނާއަކީ މުޅި ރާއްޖެއަށް މަޝްހޫރު ޝެފެކެވެ. މި ދާއިރާގައި އޭނާ ހޯދާފައިވާ ގިނަ ކާމިޔާބު ތައް ވަނީ މެދު އުޑާހަމައިގައެވެ. ޒުވާނުން ސޮބާ ބަލައިގަންނަންވީ ސަބަބަކީ މިއީއެވެ.

ސޮބާގެ ހަޔާތުގައި ދެކެން ބޭނުންވާ އެންމެ އުފާވެރި ދުވަސް ރޭ އޭނާއާ ބައްދަލުކުރީ އާދައިގެ ގޮތަކަށްނޫނެވެ. ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި އޮތް ޖަލްސާގައި ދިވެހި ގައުމުގެ ފަރާތުން އަރުވާ އެންމެ ޝަރަފްވެރި އިނާމާއި ހަވާލުވުމަށް އޭނާ ހުއްޓިލައިގެންހުރީ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި ގައުމުގެ ވެރިންނާއި އިއްޒަތްތެރިންނާއި ގައުމަށް ޚިދުމަތްކުރައްވާފައިވާ އެތައް ބަތަލުންގެ ކުރިމަތީގައި ގައުމު އޭނާގެއަގު ވަޒަންކުރުމުގެ ގޮތުން ދޭ “ފަތުރުވެރިކަމުގެ ދާއިރާއިން ކެއްކުމުގެ ހުނަރުވެރިކަން އިތުރުކުރުމުގެ ރޮނގުން ދޭ ގައުމީ އިނާމާއި ހަވާލުވުމަށެވެ. އެއިނާމާއި ހަވާލުވިއިރު ސޮބާގެ މޫނުމަތިން ދައްކަމުންދިޔަ މައުނަވީ ވާހަކައަކީ އަޒުމެއްްއޮވެގެން މަސައްކަތްކުރާނަމަ ކޮންމެ މީހަކަށްވެސް ކާމިޔާބާ ހަމައަށް ވާސިލުވެވޭނެކަމުގައެވެ.

މިގައުމީ އިނާމު ލިބިގެން ދިއުމަކީ އޭދަފުއްޓަށްވެސް ލިބުނު ރީތިނަމެއްކަމަށް އޭނާ މި ކާމިޔާބުގެ އުފަލުގައި ހުރެ އެންމެ ފުރަތަމަވެސް ވިދާޅުވިއެވެ.

މި އިނާމު އޭނާއަށް ނުލިބެންވީ ސަބަބެއް ނެތެވެ. އޭނާ ވަނީ މި ދާއިރާގައި ދިވެއްސަކު ހޯދާނޭ ހުރިހާ ކާމިޔާބެއް ހޯދާފައެވެ. އެކަމަކު މިހާ ހިސާބަށްއައުމަށް އޭނާ ވަނީ ވަރަށް ބުރަ އަދި ޗެލެންޖިންގ ދުވަސްތަކަކާވެސް ކުރިމަތި ލާފައެވެ.

ކުރެއްދޫ ރިސޯޓްގެ ބަދިގޭގައި 1990 ވަނައަހަރު ތަށި ދޮވުމުގެ ވަޒީފާއަށް އޭނާ ޖޮއިންވީ އެއްގޮތަކަށްވެސް މިދާއިރާގައި ކުރިއަށްދިއުމުގެ ޝައުގުވެރިކަން އޮވެގެން ނޫނެވެ. އެހެން ނަމަވެސް އޭނާގެ ވިސްނުން ބަދަލުވީ އޭގެ ކުޑަދުވަސްކޮޅެއް ފަހުން ޔޫއެންޑީޕީއާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ހިންގި ދެހަފްތާގެކޯހެއްކަމުގައިވާ “ބޭސިކް ފުޑްހައިޖިން” ގައި ބައިވެރިވެ އެކޯސް ފުރިހަމަ ކުރުމާހަމައިންނެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅީ އެހިސާބުންނެވެ. އެހެންކަމުން އޭނާ އަހަރެއްހާދުވަހު ކުރެއްދޫގައި މަސައްކަތްކުރުމަށްފަހު ހޮޓެލްސްކޫލުން ކިޔަވަން ފެށިއެވެ. ތިން އަހަރުދުވަހު ހޮޓެލް ސްކޫލްގައި ކިޔެވުމަށްފަހު ރަންގަލި ރިސޯޓްގައި އޭނާ ހައަހަރުވަންދެން އަމަލީ ޓްރޭނީންގ ހޯއްދެވިއެވެ. އެވަރުންވެސް ނުފުދިގެން އޭނާ ހުރީ އަދިވެސް ބޮޑަށް މި ދާއިރާގައި ކުރިއަށް ދާން ބޭނުންވެފައެވެ. އެހެންހުއްޓާ ލަންކާ ގައި މިރޮނގުން އިތުރަށް ކިޔެވުމުގެ ފުރުސަތު ލިބި ހަމަސްދުވަހުގެ ޓްރޭނިންގއެއް ސްރީލަންކާގައި ފުރިހަމަކުރެއްވިއެވެ.

އޭގެފަހުން ރިސޯޓްތަކުގައި ޝެފެއްގެ ގޮތުން މަސައްކަތްކުރައްވަމުން ގެންދެވިނަމަވެސް އޭނާދިޔައީ އިތުރު ތަމްރީނުތައް މި ރޮނގުންހޯއްދަވަމުންނެވެ. އެކި އެކި މުބާރާތްތަކުގައި ބައިވެރިވެރިވެ އިތުރު ތަޖްރިބާއާއި އިތުރު ކާމިޔާބުވެސް ހޯއްދަވަމުންނެވެ.

ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. މިއަދު އޭނާއަކީ ދުނިޔޭގެ އެެންމެ މަޝްހޫރު މަލްޓި މިލިޔަނަރުންނާއި ސެލެބްރިޓީން އެންމެ ގިނައިން ޗުއްޓީ ހޭދަކުރަމުން އަންނަ އެއްރިސޯޓްކަމުގައިވާ ސޮނޭވާފުށީގެ “ސޫ ޝެފް”ގެ މަގާމުގައި ހުރި ހަމައެކަނި ދިވެހި ޝެފެވެ.

ސޮބާ ބައިވެރިވެފައިވާ ކެއްކުމާ ބެހޭ ގިނަ މުބާރާތްތަކެއްގައި އޭނާވަނީ ގިނަ މެޑެލްތަކަކާއި އިނާމުތަކެއް ހޯދާފައެވެ. ފާހަގަކުރެވޭ އެންމެ ބޮޑު ކާމިޔާބަކީ މިއަހަރު އޮތް އެފް.އެޗް.އޭ. އެމް. 2015ގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ހޯދި ކާމިޔާބުތަކެވެ. މި މުބާރާތުން އޭނާވަނީ ހަތަރު ކެޓަގަރީއަކުން އިނާމާއި މެޑެލް ހޯދާފައެވެ. އޭގެ ތެރޭގައި ހޮޓް ކުކިން ލޭމްބު އެންޑް ބީފްގެ ބައިން ރަން މެޑެލްއާއި މިއަހަރުގެ ރާއްޖޭގެ އެންމެ މޮޅު ޝެފްގެ މަގާމާއި، މުބާރާތުގެ އެންމެ މޮޅު ޝެފްގެ މަގާމާއި ދުނިޔޭގެ ޝެފުންގެ ޖަމިއްޔާގެ އޭޝިއާ ބައްރުގެ ޑައިރެކްޓަރުގެ މެޑެލްއެވެ.

ސޮބާ ހޯއްދެވި މި ކާމިޔާބަށް އެންމެ އުފާކުރީ އޭދަފުށީގެ ރައްޔިތުންނެވެ. އެދުވަހު ސޮބާ  ކާމިޔާބުގެ މެޑެލްތަކާ ޗެލެންޖްކަޕްތަކާއެކު ރަށަށް އައުމުން ރައްޔިތުން އޭނާއަށް މަރްހަބާކީ ހިނިތުންވެފައިވާ ހިތްތަކަކުން އޮހޭ ޝުކުރުގެ ބަސްތަކާއެކު ރަތްދޫލައިންނެވެ.

ސޮބާގެ މިހުރިހާ ކާމިޔާބާއެކު މިހާރުއަމާޒު ހިފާފައި ހުރީ މި ފަންނަށް އެހެން މީހުން އަހުލު ވެރި ކުރުވުމަށެވެ. އެންމެ ފުރަތަމަ އޭދަފުށީ ރައްޔިތުންނަށެވެ. މިކަމާ ބެހޭ ގޮތުން އަތޮޅު ކައުންސިލާ މަޝްވަރާ ކޮށްފައި ވާނެކަމަށް ކުރިން އީވީ އަށްދިން އިންޓަވިއުއެއްގައި ސޮބާ ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލުން މިކަމަށް އެދެވޭ ތަރުހީބެއް ނުލިބުނުކަން ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް ސޮބާގެ ވަރަށް ބޮޑު ބައިވެރިވުމެއްއޮވެގެން އޭނާވަނީ 2012ވަނައަހަރުން ފެށިގެން ބ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް4 އާއި 5ގެ ދަރިވަރުންނަށް ކައްކަން ދަސްކޮށްދިނުމުގެ މުބާރާތެއް ކޮންމެ އަހަރަކުވެސް ބާއްވަމުންނެވެ. މި މުބާރާތަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ތަރުހީބު ލިބިފައިވާ މުބާރާތެއްކަން ފާހަގަކުރެވެއެވެ.

ޝައްކެއްނެތެވެ. ސޮބާގެ ކާމިޔާބު ހަޔާތަކީ ވިސްނާ ބަޔަކަށް ހުރި އިބަރަތްތެރި ފިލާވަލެކެވެ. އަޒްމެއްއޮތިއްޔާ އަލިމަގެއް ފެންނާނެއޭ ބުނާ ބަހުގެ ތެދުކަން ސޮބާ ސާބިތު ކޮށްދީފިއެވެ. މިއަދުގެ ޒުވާނުން ސޮބާގެ މި ކުރިއެރުމަސް ވިސްނާނެނަމައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top